ޔަހޫދީ އަސްކަރިއްޔާ އިން ޣައްޒާއަށް އެއްގަމު މަގުން އަރައިގަނެ ހަމާސް ބަލިކުރުމަށްފަހު ޣައްޒާގައި ޔަހޫދީން މަޑުކޮށްގެން ނުވާނެ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ މި މޭރުމުން ވިދާޅުވެ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ބުއްދިލައިދެއްވާފަ އެވެ.
ބައިޑަން ވިދާޅުވި ގޮތުގައި ޣައްޒާގައި ގިނަ ދުވަހު މަޑުކުރަން ހަދައިގެން ޔަހޫދީންނަށް ލިބޭނީ އަފްޣާނިސްތާންގައި އެމެރިކާ އަށާއި ބައިވެރިންނަށް ލިބުނު ލަނޑެވެ.
އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް ސެޕްޓެމްބަރު 11، 2001 ގައި ޓެރަރިސްޓުން ދިން ހަމަލާއަށްފަހު -- ހަމަލާ ރޭވުމުގެ މޭސްތިރިއަކީ އަލްގައިދާގެ ވެރިޔާ އުސާމާ ބިންލާދިން ކަމަށް ބަލައި އޭނާ ހޯދަން އެމެރިކާ ސިފައިން އަފްޣާނިސްތާނަށް އެރި ކަމަށް ބައިޑަން ވިދާޅުވި އެވެ.
ބިންލާދިން ހޯދައި މަރާލުމަށްފަހު އަދި އަލްގައިދާގެ ބާރުތައް ކަފިކުރުމަށްފަހު އަފްޣާނިސްތާނުން ނުފައިބައި އެމެރިކާ ސިފައިން ގިނަ ދުވަހު ތިބުމުގެ ސަބަބުން އަފްޣާނިސްތާނަށް އުފަން ހަނގުރާމަވެރިން -- ތާލިބާނުންނާއި އެ މީހުންގެ ބަސްއަހާ ހަނގުރާމަވެރިން، އެމެރިކާގެ މައްޗަށް ގަދަކޮށް، ޖެއްސުންކޮށް މުދަލަށާއި ސިފައިންނަށް ބޮޑެތި ގެއްލުން ދިން ކަމަށް ވިދާޅުވި އެވެ.
ޔަހޫދީ އަސްކަރިއްޔާއިން ޣައްޒާއަށް އަރައިގަތް ނަމަވެސް މިފަދަ ތަޖުރިބާއެއް ކޮށްގެން ނުވާނެ ކަމަށް ބައިޑަން ވިދާޅުވި އެވެ.
އެންޓަނީ ބްލިންކެން ވިދާޅުވި ގޮތުގައި ހަމާސް ބަލިކުރުމަށްފަހު ޣައްޒާގައި ވެރިކަންކުރާނެ ބަޔަކާ މެދު ޔަހޫދީ ސަރުކާރުން މިހާރުވެސް ގޮތެއް ނިންމާފައި އޮތުން މުހިއްމެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޣައްޒާއިން ހަމާސް ނައްތާލުމަށްފަހު މުޅި ސަރަހައްދު ފަލަސްތީން އޮތޯރިޓީއާ ހަވާލުކުރަން ޔަހޫދީ ސަރުކާރުން އެއްބަސްވެ އެވެ. އެކަމަކު މިއީ ބޮޑު ދޮގެއް ކަމަށް ނަތަންޔާހޫ ސަރުކާރުން ވަނީ ބުނެފަ އެވެ.
ޔަހޫދީ ސަރުކާރުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ހަމާސް ނައްތާލުމަށް ކަމަށާއި ޣައްޒާ ހަވާލުކުރާނެ ބަޔަކު ނިންމާނީ އެއަށްފަހު ކަމަށްވެސް ޔަހޫދީ ނޫސްތަކުން ބުނެ އެވެ.
ޔަހޫދީ ހަބަރުތައް ބުނާ ގޮތުން ހަމާސްގައި ވަރުޖެހި ބާރުގަދަވާނ ފުރުސަތު ދިން މީހަކީ ނަތަންޔާހޫ އެވެ. ފާއިތުވި 15 އަހަރު ތެރޭގައި ހަމާސް ނައްތާލަން އެންމެ ބޮޑު ފުރުސަތެއް ލިބިވަޑައިގަތީ ނަތަންޔާހޫއަށް ކަމަށްވެސް ހަބަރުތައް ބުނެ އެވެ.
ހަމާސް އޮތްހައި ހިނދަކު ފަލަސްތީން އޮތޯރިޓީއާ އެކު ޔަހޫދީން ކުރިން އެއްބަަސްވެފައި އޮތް ގޮތަށް ދެ ދައުލަތަކަށް ނުރުހެވޭނެ ކަމަށްވެސް ޔަހޫދީ ނޫސްތަކުން ބުނެ އެވެ.