ދުނިޔެ

ނަތަންޔާހޫ އަކީ ޖޯ ބައިޑަން ދެކެ ބިރުގަންނަ ވަރަށް ވުރެ ގޮތްކުޑަ މީހެއް

އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުންނެވީ އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވާހާ ކަމެއް ކުރަައްވާ ގޮތަށް ނޫންކަން ވައިޓް ހައުސްގެ އޮފިޝަލުންނަށް އެނގިވަޑައިގަންނަވަ އެވެ.

ޖޯ ބައިޑަން ދެއްވާ އިރުޝާދުތައް ބޮލާލައި ޖެއްސެވި ނަމަވެސް -- އެމެރިކާގެ ރިޔާސީ އިންތިހާބު ބޯމަތިވެފައި އޮތީތީވެ އޭނާއާ ދެކޮޅަށް ބައިޑަން އެއްވެސް ކަމެއް ނުކުރައްވާނެކަން ނަތަންޔާހޫއަށް އެނގިވަޑައިގަންނަވާ ކަމަށްވެސް އޮފިޝަލުން ވިދާޅުވެ އެވެ.

އެމެރިކާގެ ރައީސްއަށް ލިބިވަޑައިގަންނަވާ އެގްޒެކެޓިވް ބާރެއް ބޭނުންކުރައްވައި އިޒުރޭލާ ދެކޮޅަށް ނުވަތަ ނަތަންޔާހޫއާ ދެކޮޅަށް ބައިޑަން އެއްވެސް ކަމެއް ކުރައްވައިފިނަމަ އެމެރިކާގައި ދިރިއުޅޭ ޒަޔަނިސްޓް ޔަހޫދީންގެ ވޯޓު ނުލިބިދާނެ ކަމުގެ ބިރު ވަރަށް ބޮޑެވެ.

ދުނިޔޭގެ ސިޔާސަތު ދިރާސާކުރާ މީހުން ދެކޭ ގޮތުގައި ފަލަސްތީންގެ ޣައްޒާއަށް އިޒުރޭލުން މިހާރު ހަދަމުން އެ ގެންދަނީ ޔަހޫދީން ހިތުހުރި ގޮތެކެވެ.

އިޒުރޭލު ހުއްޓުވުމުގައި އެމެރިކާއަށް މި ވަގުތު އޮތް ބަލިފަޔަކީ ރިޔާސީ އިންތިހާބު ކަމަށް ސިޔާސީ އޮއިވަރު ދިރާސާ ކުރާ މީހުން ބުނެ އެވެ.

ދެކުނު ޣައްޒާއަށް އަރައިގަނެ ރަފާހްއަށް ވަދެގަންނާނެ ކަމަށް އިޒުރޭލުން ބުނެފައި އޮތް އޮތުމާ އެމެރިކާ ކިތަންމެ ދެކޮޅު ނަމަވެސް އެކަން ނުކުރައްވައި އެއްގޮތަކަށްވެސް ދޫކޮށްނުލައްވާނެ ކަމަށް ނަތަންޔާހޫ އެތައް ފަހަރަކު ވަނީ ވިދާޅުވެފަ އެވެ.

އިޒުރޭލު ސިފައިން ރަފާހްއަށް ވަދެގެންފިނަމަ -- މިހާރުވެސް މައްސަލަ ވަރަށް ގޯސްވެފައި އޮތް، ޣައްޒާގެ ހާލަތު ދުނިޔެ މިހާތަނަށް ނުދެކޭ ވަރުގެ ހާލަތަކަށް ބަދަލުވެދާނެ ކަމަށް އެމެރިކާ އޮތީ ބުނެފަ އެވެ.

ޣައްޒާގެ ހާލަތާ މެދު މުޅި ދުނިޔެ އިޒުރޭލަށް ނަސޭހަތްތެރިވެ އަދި އިންޒާރު ދިނެއް ކަމަކު، ޒަޔަނިސްޓް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުންނެވީ ފުކެއްވެސް ދޫކުރައްވާ ގޮތަކަށް ނޫނެވެ.

ނަތަންޔާހޫ މޭފުއްޕަވައި ބައިޑަންއަށް ވިދާޅުވަނީ އެމެރިކާގައި ދިރިއުޅޭ އަރަބި ނަސްލުގެ ތާއީދު ބައިޑަންއަށް ގެއްލިފައި އޮތްއިރު އެމެރިކާގައި ދިރިއުޅޭ ޒަޔަނިސްޓުން ތާއީދު ގެއްލިއްޖެނަމަ އިންތިހާބުގެ ނަތީޖާއާ މެދު ކަންބޮޑުވެވަޑައި ނުގަންވަންތޯ އެވެ.

އިޒުރޭލުން ޣައްޒާގައި ކިތަންމެ ޖަރީމާއެއް ހިނގިއެއް ކަމަކު ޖޯ ބައިޑަން އެ ހުންނެވީ އެއިން އެއްވެސް ކަމެއް ހުއްޓުވޭ ހާލަތެއްގައެއް ނޫނެވެ. އާދައިގެ ގޮތަކަށް ބުނާނަމަ ބައިޑަން އެ ހުންނެވީ ވަރަށް ބޮޑަށް އިޒުރޭލު ދަށުވެވަޑައިގެންފަ އެވެ.