ދުނިޔެ

އިރާގަށް އެރުމަކީ އެމެރިކާއަށް ހެދުނު ވަރަށް ބޮޑު ގޯހެއް: ބައިޑަން

އެމެރިކާގެ ރައީސް ޖޯ ބައިޑަން އެ ގައުމުގެ އެމްއެސްއެންބީސީ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި، އުސާމާ ބިން ލާދިން ފަހަތުން ދުވެ ގޮސް އޭނާ މަރާލުން ދިފާއުކުރައްވައިފި އެވެ.

ބައިޑަން ވިދާޅުވި ގޮތުގައި އުސާމާ ބިން ލާ ދިން އަތުލައިގަނެވުނު ނަމަވެސް އަފްޣާނިސްތާނަށް އަރައިގަތުމާއި އީރާގު ހަނގުރާމަ އަކީ އެމެރިކާއަށް ހެދުނު ވަރަށް ބޮޑު ގޯހެކެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ގޮތެއްފޮތެއް ނެތި އީރާގަށް ދިން ހަމަލާތަކުގައި ހަނގުރާމާގައި ބައިވެރި ނުވާ އެތައް ލައްކަ ބަޔަކު ވަނީ މަރުވެފަ އެވެ.

އަފްޣާނިސްތާންގައި ވެސް އެމެރިކާގެ އަސްކަރިއްޔާއިން ހިންގީ ފަނާކުރަނިވި އަމަލުތަކެކެވެ. އެމެރިކާގެ ސަބަބުން އަފްޣާނިސްތާންގައި ވެސް ވަނީ ކުށެއް ނެތް އެތައް ލައްކަ ބަޔަކު މަރުވެފަ އެވެ.

މިދިޔަ އަހަރު އޮކްޓޯބަރު ހަތަކުން ފެށިގެން އިޒުރޭލުގެ ޒަޔަނިސްޓް ސަރުކާރުން ފަލަސްތީންގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި 31،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ޣައްޒާ ހަނގުރާމަ ފެށުނުތާ ކުރީކޮޅު އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން ޖޯ ބައިޑަން އިޒުރޭލަށް ވަޑައިގެންނެވި އެވެ.

މި ދަތުރާ ބެހޭ ގޮތުން އެމެރިކާގެ ރިޔާސީ ގަނޑުވަރުން އޭރު ބުނީ އެއީ ޒަޔަނިސްޓުންނާ އެކު އެމެރިކާ އޮތްކަން ދުނިޔެއަށް ދެއްކުމަށް ބައިޑަން ކުރެއްވި ދަތުރެއް ކަމަށެވެ.

އެމްއެސްއެންބީސީ ޓީވީގައި ވާހަކަދައްކަވަމުން ބައިޑަން ވިދާޅުވީ އެ ދަތުރުގައި އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރައްވައި -- 9/11 އަށް ފަހު (އެމެރިކާގެ ޓްރޭޑް ސެންޓަރު ގޮއްވާލި ތާރީޚް) އަށް ފަހު އެމެރިކާގެ ސިޔާސަތަށް ގެނެވުނީ ރަނގަޅު ބަދަލުތަކެއް ނޫން ކަމަށެވެ.

އެމެރިކާއަށް ވިސްނިފައި އޮތް ގޮތެއްގެ ސަބަބުން ކުށެއް ނެތް ކިތަންމެ ބަޔަކު އެމެރިކާ ސިފައިންގެ އަތުން މަރުވެފައިވާ ކަމަށް ވެސް ބައިޑަންއަށް ވިދާޅުވެވުނެވެ.

ބައިޑަން ވިދާޅުވީ އިޒުރޭލު ސިފައިން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި -- 9/11 އަށް ފަހު އެމެރިކާއަށް ކަން ކުރެވުނު ގޮތަށް -- އެއްވެސް ކަމެއް ކުރުމަކީ ބުއްދިވެރި ކަމަކަށް ނުވާނެ ކަމަށް އެ ދަތުރުގައި ނަތަންޔާހޫއަށް ދެންނެވި ކަމަށެވެ.

އުސާމާ ބިން ލާދިން މަރާލުމަކީ އެމެރިކާއަށް ހާސިކުކުރެވުނު ކާމިޔާބެއް ނަމަވެސް، ކުށެއް ނެތް ބަޔަކު މަރުވުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ބައިޑަން ވިދާޅުވި އެވެ.

ބައިާޑަން އަދި ވިދާޅުވީ އެމެރިކާ ސިފައިން އީރާގަށް އެރުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.