ދުނިޔެ

ޓްރަމްޕަށް އިންތިހާބު ކާމިޔާބުވާނެ ކަަމަކަށް ނުބެލެވޭ: މެކްރޮން

އެމެރިކާގައި މި އަހަރު އޮންނަ ރިޔާސީ އިންތިހާބު ނޮވެމްބަރު 5ވާ އަންގާރަ ދުވަހަށް އޮތީ ތާވަލުކޮށްފަ އެވެ.

މި އިންތިހާބުގައި -- އަދި މަސްރަހު އޮތް ގޮތުން -- އެންމެ ބޮޑު ވާންކަމެއް އޮންނާނީ އެ ގައުމުގެ މިހާރުގެ ރައީސް ޖޯ ބައިޑަން އަދި އެމެރިކާގެ ކުރީގެ ރައީސް ޑޮލަންޑް ޓްރަމްޕްއާ ދެމެދު އެވެ.

މި އިންތިހާބުގައި ކާމިޔާބު ހޯދާނެ ކެންޑިޑޭޓަކާ ބެހޭ ގޮތުން ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްރޮންއާ ސުވާލުކުރުމުން ވިދާޅުވީ ޓްރަމްޕަށް ވައިޓް ހައުސްގައި ދެވަނަ ދައުރެއް ލިބިވަޑައި ގަތުމަކީ ނާދިރު ކަމެއް ކަމަށެވެ.

މެކްރޮން ވިދާޅުވީ ޔުކްރޭން ހަނގުރާމަ ހުއްޓުވައި ރަޝިއާ އާއި ޔުކްރޭން ސުލްހަކުރާ ލީޑަރަކަށް ވުމަށް އެއްވެސް ފުރުސަތެއް ޓްރަމްޕަށް ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

މެކްރޮން މިހެން ވިދާޅުވި ސަބަބަކީ -- ވެރިކަމުގައި ހުންނެވިނަމަ ޔުކްރޭން ހަނގުރާމަ ނުފެށޭނެ ކަމަށް ކެމްޕޭން އެއްވުންތަކުގައި ޓްރަމްޕް ވިދާޅުވެފައި ވާތީ އެވެ.

އެމެރިކާގެ ރައީސްކަން ލިބިވަޑައިގެންފިނަމަ ޖެހިގެން އަންނަ ދުވަހު ޔުކްރޭން ހަނގުރާމަ ހުއްޓުވާނެ ކަމަށް ޓްރަމްޕް އޮތީ ވިދާޅުވެފަ އެވެ.

ޔޫރަޕިއަން ޔޫނިއަން -- ފަރަންސޭސިވިލާތް ވެސް ހިމެނޭ ގޮތުން -- ޓްރަމްޕް ދެކެ މިހާރު އެންމެ ބޮޑަށް ބިރުގަންނަނީ އެމެރިކާގެ ރައީސްކަން ޓްރަމްޕަށް ލިބިވަޑައިގެންފިނަމަ ނޭޓޯއިން އެމެރިކާ ވަކިވާނެ ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ.

ޓްރަމްޕް ވިދާޅުވި ގޮތުން ނޭޓޯ ދެމެހެއްޓުމަށް އެންމެ ބޮޑު ހޭދައެއް ކުރަން ޖެހެނީ އެމެރިކާ އަށެވެ. އެމެރިކާ ބަޖެޓުން ހަރަދުކޮށްގެން ޔޫރަޕް ބެލެހެއްޓުމަކީ ނުކުރައްވާނެ ކަމެއް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

މެކްރޮން ވިދާޅުވި ގޮތުގައި ޓްރަމްޕް ހޮވިވަޑައިގެންފި ނަމަ ރަޝިއާ އާއެކު ޑީލެއް ހެއްދެވުމަކީ އެކަށީގެންވާ ކަމެކެވެ.

ރަޝިއާ އަކީ ފަރަންސޭސިވިލާތުގެ ދުޝްމަނެއް ކަމަށް ވިދާޅުނުވެ މެކްރޮން ވިދާޅުވީ ޔުކްރޭން ހަނގުރާމައިގައި ރަޝިއާ ބަލިކުރެވޭނެ ކޮންމެ ކަމަކަށް ފަރަންސޭސިވިލާތް ތާއީދުކުރައްވާނެ ކަމަށެވެ.

ފަރަންސޭސިވިލާތުގެ ސިފައިން އެއްގަމު މަގުން ޔުކްރޭނަށް ފޮނުވާނަންތޯ ނޫސްވެރިއަކު ކުރި ސުވާލަށް މެކްރޮން ސީދާ ޖަވާބެއް ނުދެއްވަ އެވެ.

މެކްރޮން ވިދާޅުވި އެއީ ރަޝިއާ ބަލިކުރެވެން އޮތް ގޮތެއް ނަމަ އެކަމަށް ފަރަންސޭސި ސިފައިން ނޫނެކޭ ނުބުނާނެ ކަމަށެވެ.