ދުނިޔެ

ޔުކްރޭން ހަނގުރާމަ އަކީ ރަޝިއާއަށް ޗާންސްގަނޑެއް: ޓްރަމްޕް

ރަޝިއާ، ޔުކްރޭން ހަނގުރާމައިގެ ސަބަބުން ރަޝިއާގެ އިގުތިސާދު އަޑިއަޅާލާނެ ކަމަށް ބަޔަކު ހީކޮށްގެން ތިބި ނަމަވެސް، ޔުކްރޭން ހަނގުރާމަ އަކީ ރަޝިއާއަށް ޗާންސްގަނޑެއް ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް ވިދާޅުވީ ހާލުގައި ޖެހުނީ ރަޝިއާއަށް އިގުތިސާދީ ގޮތުން ދަތިކުރި ގައުމުތައް ކަމަށާއި އެމެރިކާ ވެސް އެ އޮތީ އަތަށް ގޮވާފައި ކަމަށެވެ.

އެމެރިކާގެ އިގުތިސާދުގައި ބަޔަކާ ވާދަކުރެވޭ ވަރުވެސް މިހާރު ނެތް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ ތެލުގެ ބާޒާރު އެއްވާނެއްގައި އޮތުމުން ހުރިހާ ފައިދާއެއް ކުރަނީ ރަޝިއާއަށް ކަމަށެވެ.

އެމެރިކާއިން ތެލުގެ ބަދަލުގައި ކަރަންޓް ވެހިކަލްތައް އުފައްދަން ކުރާ މަސައްކަތްތަކަށް ފާޑުވިދާޅުވެ ޓްރަމްޕް ވިދާޅުވީ ކަރަންޓް ކާރަށް -- ކުރު މުއްދަތެއްގެ ތެރޭގައި ބަދަލުވުމަކީ އިގުތިސާދަށް ނުރަނގަޅު އަސަރުކުރާނެ ކަމެއް ކަމަށެވެ.

ވަޒީފާ އުފެއްދުމުގެ ބަދަލުގައި ވަޒީފާ މަދުކުރުމަކީ ގައުމަށް ނުތަނަވަސް ކަމަކަށް ވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

އޭނާގެ ވެރިކަމުގައި އެމެރިކާ އޮތީ ހަކަތައިގެ ސިނާއަތުގައި ފުދިގެން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެމެރިކާ އަކީ އޭރުވެސް ރަޝިއާ އަދި ޗައިނާއަށް ވުރެ ގިނައިން ހަކަތަ ބޭނުންކުރާ ގައުމެއް ކަމަށެވެ.

އެމެރިކާއަށް މިހާރު ޖެހިފައި އޮތް ހާލަތާ މެދު ހިތާމަކުރައްވާ ކަމަށް ވިދާޅުވެ ޓްރަމްޕް ވިދާޅުވީ އެމެރިކާއަށް މިހާރު ޖެހިފައި އޮތީ ތެޔޮފޮދެއް ހޯދަން ސަލާންޖެހުން ކަމަށެވެ.

ބަޔަކު ދީގެން ނޫން ގޮތަކަށް އެމެރިކާއަށް ތެޔޮ ބޭނުންކުރެވެން ނެތް ހާލަތަށް ގައުމު ހިނގައިދާނެ ކަމުގެ ބިރު އޮތް ކަަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމެރިކާ އޮތް ގޮތަށް އޮއްވައި ވާދަވެރިން ކުރިއަރަމުން އަންނަ ތަން ފެނިވަޑައިގަންނަވާ ކަމަށެވެ. މިއަދު ދުނިޔޭގައި ބޮޑުބަސް ބުނެ ބައިސާ ކަނޑަނީ ޗައިނާ އާއި ރަޝިއާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭނާއަށް މިއަންނަ އަހަރު އަލުން ވެރިކަން ލިބިވަޑައިގެންފިނަމަ ބޭކާރު ގޮތުގައި އެމެރިކާ ކުރާ ހަރަދު ހުއްޓުވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.