ދުނިޔެ

ޔުކްރޭން ހަނގުރާމަ ފެށުނީ އެމެރިކާގެ ސަބަބުން: ޓްރަމްޕް

ޔުކްރޭން ހަނގުރާމަ ފެށުނީ ޖޯ ބައިޑަން ސަރުކާރުގެ ދޯހަޅި ކަމުން ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތުން އެއީ ރަޝިއާ ލައްވައި އެމެރިކާ ކުރުވި ކަމެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

ރަޝިއާ އަކީ ބާރުގަދަ ގައުމެއް ކަމަށް ދޭހަވާ ގޮތަށް ޓްރަމްޕް ވިދާޅުވީ ޕޫޓިން އަކީ ކެރޭ މީހެއް ކަމަށާއި އޭނާގެ ކިބައިން އެ ފެންނަނީ އެމެރިކާއިން އޭނާ ރުޅިއެރުވުމުން ނުކުންނާނެ ސިފަ ކަމަށެވެ.

ކެމްޕޭން އެއްވުމެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމަ ފެށީ ޕޫޓިންއަށް އިތުރު ގޮތެއް ނެތިގެންނެވެ. އޭނާ އަދި ވިދާޅުވީ އެމެރިކާއިން އެވަރަށް ޕޫޓިންއަށް ޖެއްސުންކުރީ ކަމަށެވެ.

ޕޫޓިން ލައްވައި އެމެރިކާ ދެން ހަދާނެ އަނެއް ގޯހަކީ ނިއުކްލިއާ ހަތިޔާރު ބޭނުންކުރުން ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. ނިއުކްލިއާ ހަތިޔާރު ބޭނުންކުރާ ތަން ބަލަން ބޭނުން ވާނީ އެއީ ކޮން އެއްޗެއްކަން ނުދަންނަ ބަޔަކު ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ ނިއުކްލިއާ ބޭނުންކުރާ މަންޒަރު ބަލާކަށް ނުތިބެވޭނެ ކަމަށެވެ. އެ ހިސާބުން ހުރިހާ ކަމަކަށް ނިމުން އަންނާނެ ކަމަށެވެ.

ބޮލުގައި ތެތްކަމެއް ހުރި އެކަކުވެސް ނިއުކްލިއާ ހަތިޔާރު ބޭނުންކުރަން ހިތްވަރު ނުދޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ދެން ވިދާޅުވީ އެނާ އަމިއްލައަށް ޕްރޮމޯޓް ކުރެއްވުމަށް ވިދާޅުވާ ބަސްތަކެވެ. އެމެރިކާގެ ރައީސްގެ މަގާމުގައި އޭނާ ހުންނެވި ނަމަ ޔުކްރޭން ހަނގުރާމަ ނުކުރާނެ ވާހަކަ އެވެ.

ޕޫޓިންއާ މަޝްވަރާ ކުރައްވަން ކެރިވަޑައިގަންނަވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. ނިއުކްލިއާ ހަނގުރާމައެއް ފެށުމަށް ވުރެ ކިތަންމެ ބިރުބޮޑު މީހަކާ ވެސް މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޓްރަޕް ވިދާޅުވީ އެމެރިކާއަށް ކެރޭ ނަމަ ކުރަން މިހާރު އޮތް އެންމެ ބުއްދިވެރި ކަމަކީ ރަޝިއާ އާއި ޔުކްރޭން މަޝްވަރާ މޭޒުދޮށަށް ގެންދިއުން ކަމަށެވެ.

ޕޫޓިންއާ މަޝްވަރާ ނުކޮށް ޔުކްރޭން ހަނގުރާމަ ހުއްޓުވޭނެ ގޮތެއް ނޯންނާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ ޕޫޓިން ރުޅިއަރުވަން ހަދައިގެން ދެން ފެށޭނީ ތިންވަނަ ބޮޑު ހަނގުރާމަ ކަމަށާއި އޭރުން އެންމެ ގާތީ މުޅި ދުނިޔެ ފަނާވެގެން ދިއުން ކަމަށެވެ.