ދުނިޔެ

ޔުކްރޭނަށް އެހީދިނުމުގައި ކޮރަޕްޝަން އޮތް ކަމަށް ބެލެވޭ: މަޖިލިސް ރައީސް

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ޔުކްރޭނަށް ދެމުން ގެންދާ އަސްކަރީ އެހީގައި ކޮރަޕްޝަންގެ ފުރުސަތު އޮތް ކަމަށް ބެލެވޭ ކަމަށް އެމެރިކާ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މައިކް ޖޯންސަން ވިދާޅުވެއްޖެ އެވެ.

ޔުކްރޭނަށް އެހީ ފޮނުވުމުގައި ބައިޑަން ސަރުކާރުން މަސައްކަތްކުރާ ގޮތަށް ބަލާއިރު -- ޔުކްރޭނާއި އެމެރިކާއާ ދެމެދު ކޮރަމްޕްޝަންގެ މުއާމަލާތްތަކެއް ހިންގާ ކަމަށްވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

އެމެރިކާ ސަރުކާރުން ޔުކްރޭނަށް ވެދީފައި ހުރި އެހީތައް އަލުން ދިރާސާކުރުމާ މެދު ގާނޫނު ހަދާ މަޖިލީހުގައި ބަހުސްކުރައްވާނެ ކަމަށްވެސް މައިކް ޖޯންސަން ވިދާޅުވި އެވެ.

ދައުލަތަށް ދައްކާ ޓެކުހުން ބޭރު އެހެން ގައުމެއްގެ މާލިއްޔަތަށް ފައިސާ ވެއްދުމާ މެދު ގާނޫނު ހަދާ މަޖިލީސް ހިމޭނުން އޮންނަންވީތޯ އޭނާ ސުވާލުކުރެއްވި އެވެ.

ބައިޑަން ސަރުކާރުން ޔުކްރޭނަށް އެވަރަކުން އެހީ ފޯރުކޮށްދޭން މަސައްކަތްކުރަނީ -- ގައުމަށް ވުރެ ޔުކްރޭން ކޮން ގޮތަކަށް މުހިންމުވެގެންތޯވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

ޖޯންސަން ވިދާޅުވީ ޔުކްރޭނަށް އެހީ ފޮނުވުމުގައި ޒިންމާވާނެ އަދި މަސްއޫލިއްޔަތު ނަގާނެ ބަޔަކު ތިބެންވެސް ޖެހޭނެ ކަމަށެވެ. ސަރުކާރުން އެދޭހާ ވަރަކަށް އެދޭހާ އަވަހަށް ފައިސާ ހަރަދުކުރަން ހުއްދަ ދެވެން ނޯންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާއިން ޔުކްރޭނަށް މާގިނައިން ހޭދަކުރާ ކަމަށް ބުނެ އާންމުގެ ތެރޭގައި ވެސް މިހާރު އޮތީ ނުތަނަވަސްކަން އުފެދިފަ އެވެ. ޔުކްރޭނަށް ހަރަދުކުރުން ހުއްޓާލާނެ ދުވަހަކާ މެދު އާންމުން ސުވާލުކުރާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ގައުމަށް ބޭނުންޖެހިފައި އޮތް ވަރަށް ވުރެ ބޮޑަށް އެހެން ގައުމަކަށް ބޭނުން ޖެހޭނީ ކިހިނެއްތޯވެސް އާންމުން ސުވާލު އުފައްދަ އެވެ.

އެމެރިކާގެ ވެރިކަމުގައި މިހާރު ތިއްބެވި ބަޔަކާ، ޔުކްރޭންގެ ވެރިކަމުގައި އޮތް ޓީމާ ދެމެދު ކުރެވޭ މުއާމަލާތްތައް ބެލޭނެ އިންތިޒާމެއް ނެތް ކަމަށް ވެސް ޖޯންސަން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ މަޖިލީހުން ކުރާ ސުވާލުތަކަށް ވައިޓް ހައުސް އިން ޖަވާބުދޭން ބޭނުން ނުވާ ކަމަށެވެ.

މައިކް ޖޯންސަން ވިދާޅުވި ގޮތުގައި ދައުލަތަށް ފައިސާ ބޭނުންނަމަ ޖެހޭނީ ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން -- މެމްބަރުންގެ ރުހުން ހޯދާށެވެ. އެ ކަމުގައި ސަރުކާރަށް އޮތް ގޮތަކީ ފައިސާ ހޭދަކުރާ ގޮތާއި ނުކުންނަ ނަތީޖާ މަޖިލީހަށް ހުށަހެޅުން ކަމަށްވެސް ވިދާޅުވި އެވެ.

މިހާރު ކަންތައްތައް ހުރީ ޖޯންސަން ވިދާޅުވި ގޮތުގައި އެމެރިކާއިން ޔުކްރޭނަށް ފޮނުވާ އެހީ ހިސާބު ކުރެވޭ ގޮތަކަށް ނޫނެވެ.