ތުރުކީގެ އަސްކަރިއްޔާ ޒަމާނީކުރުން އެމެރިކާއަށް ވަރަށް މުހިންމު ކަމަކަށް ވެއްޖެ އެވެ. ރައީސް ބައިޑަންއާ ވަރަށް ގާތް ވައިޓް ހައުސްގެ އޮފިޝަލަކު ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި، އެފް-16 ގެ ފައިޓަރު ޖެޓްތައް ތުރުކީއަށް ވިއްކޭނެ ގޮތް ހެދުމަށް ކޮންގްރެސްއަށް ބައިޑަން ޕްރެޝަރު ކުރައްވާނެ އެވެ.
އެމެރިކާގައި އުފައްދާ އެފް-16 ގެ ފައިޓަރު ޖެޓްތައް ތުރުކީއަށް ވިއްކާތޯ އެކިފަހަރު މަތިން ތުރުކީން ވަނީ އެމެރިކާއަށް ލިޔެފަ އެވެ. ދެ ގައުމުގެ ދެމެދުގައި ކުރެވެނު މަޝްވަރާތަކުގައި މޫލައި މާލީ މުއާމަލާތްތަކެއް ވެސް ވަނީ ކުރިން ހިންގާފަ އެވެ.
އެހެން ނަމަވެސް، އެމެރިކާ ހުށަހަޅާހާ ޝަރުތެއް ތުރުކީއަށް ކަމުނުގޮސްގެން ފައިޓަރު ޖެޓްތަކުގެ ވިޔަފާރި އޮތީ ފުރިހަމަ ނުވެ އެވެ.
އެމެރިކާއިން ތުރުކީއަށް ހުށަހަޅާ އަދި ތުރުކީން އެންމެ ކަންބޮޑުވާ ޝަރުތަކީ އަސްކަރީ ގޮތުން ބާރުވެރިވުމަށް ރަޝިއާގެ އެއްވެސް އެހީތެރިކަމެއް ތުރުކީން ނުހޯދުމެވެ.
އަދި ރަޝިއާގައި އުފައްދާ އެސް-400 މަރުކާގެ މިސައިލް ޑިފެންސް ސިސްޓަމް ދޫކޮށްލައި، ތުރުކީގެ އަސްކަރިއްޔާއަށް ބޭނުންވާ އެހީތެރިކަން އެމެރިކާއިން ހޯދުމެވެ.
ދެ ގައުމުގެ ދެމެދުގައި މި އުސޫލުން ކުރެވުނު މުއާމަލާތްތައް ވަކި ކޮޅެއްގަައި ނުޖެހި އޮންނަތާ ޒަމާންތަކަށް ފަހު ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތް މައްސަލާގައި އެމެރިކާ ވަނީ ތުރުކީގެ ދައުރަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.
ތުރުކީ އަކީ ރަޝިއާ އަދި ޔުކްރޭނާ ވެސް ވަރަށް ގާތް ގައުމެކެވެ. އެހެންކަމުން، ޔުކްރޭން ހަނގުރާމައިގައި ރަޝިއާ ކުށްވެރިކޮށް ޔުކްރޭން ކޮޅަށް ޖެހުން ތުރުކީއަށް ވަނީ ދަތިކަމަކަށް ވެފަ އެވެ.
އެހެން ނަމަވެސް، ރަޝިއާއަށް ދަތިކުރަން ހުޅަނގުން އެޅި ފިޔަވަޅުތައް ގޯސް ކަމަށް ތުރުކީ ނުބުނެ އެވެ. އަދި ރަޝިއާއިން ޔުކްރޭނަށް ހަމަލާދިނުމަކީ ގޯސްކަމެއް ކަމަށް ތުރުކީން ވަނީ ބުނެފަ އެވެ.
ހަނގުރާމަ ހުއްޓުވައި ދެ ގައުމު ސުލްހަވުމަށް ތުރުކީ ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފަ އެވެ. އަދި ހުޅަނގުން އެދޭ ގޮތަށް ރަޝިއާ އާއެކު މަޝްވަރާ ކުރުމުގައި ތުރުކީ އަދިވެސް އޮތީ އެވެ.
ތުރުކީގެ އަސްކަރިއްޔާ ޒަމާނީ ކުރަން ޖެހޭ ކަމަށް ބުނެ ބައިޑަން ސަރުކާރުން ވާހަކަދައްކަން ފެށީ މިހިސާބުންނެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕިއަން ޔޫނިއަނުން އެދޭ ގޮތަށް ނޭޓޯ ފުޅާކުރުމުގައި ތުރިކީން ދޭ އެއްބާރުލުމަކީ ވެސް ތުރުކީއަށް އިތުރު މާކްސް ލިބުނު ކަމެކެވެ.
ފިންލޭޑަށާއި ސްވިޑަންއަށް ނޭޓޯ މެމްބަރުކަން ދިނުމަށް ތުރުކީ އޯކޭ ދިނުމަކީ ވެސް ތުރުކީގެ ވެރިންނަށް އިތުބާރު ކުރައްވަން ބައިޑަންއަށް ފަސޭހަފުޅުވި ކަމެކެވެ.