ދުނިޔެ

ޔުކްރޭން ހަނގުރާމަ އަކީ އެމެރިކާ، ރަޝިއާއާ ކުރާ ހަނގުރާމައެއް: ރަޝިއާ

ރަޝިއާ ބުނާ ގޮތުން ޔުކްރޭން ހަނގުރާމަ އަކީ ސީދާ އެމެރިކާ ރަޝިއާއާ ކުރާ ހަނގުރާމަ އެކެވެ. އެކަން ކަށަވަރު ވަނީ ރަޝިއާ ބުނާ ގޮތުގައި ޔުކްރޭނުން ރަޝިއާގެ އަމާޒުތަކަށް ދެމުން ގެންދާ ހަމަލާތައް ބަލައި މޮނީޓަރުކުރަން އެމެރިކާގެ ޖާސޫސުން ޔުކްރޭންގައި ހަރަކާތްތެރި ވާތީ ކަމަށެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނާ ގޮތުން އެމެރިކާއިން ޔުކްރޭނަށް ސަޕްލައިކުރާ "ހައިމާސް" މިސައިލް ސިސްޓަމް ބޭނުންކުރާ ގޮތް ކިޔައި އޮޅުންފިލުވައި ދެނީ ވެސް އެމެރިކާގެ އަސްކަރިއްޔާއިންނެވެ.

އެމެރިކާއިން ހޯދާ ޖާސޫސީ މައުލޫމާތަށް ބިނާކޮށް ހަމަލާދޭން ޖެހޭ ތަންތަނާއި ވަގުތު ވެސް އޮލުންފިލުވައި ދެނީ ވޮޝިންގްޓަނުން ކަމަށް ރަޝިއާ ބުނެ އެވެ.

ރަޝިއާ ބަލިކޮށް ކުޑަކަކޫ ޖެއްސުމަކީ އެދިވަޑައިގަންނަވާ ގޮތް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުން ކިތަންމެ ބޮޑު ހޭދައެއް ކުރަން ޖެހިވަޑައިގަތް ނަމަވެސް ޔުކްރޭންގެ ހިމާޔަތުގައި އެމެރިކާ އޮންނާނެ އެވެ.

ރަޝިއާއާ ސީދާ ހަނގުރާ ކުރުމަކީ ވިސްނުންފުޅު ނޫން ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ. އެކަމަކު އެހެން ދިމަދިމާއިން ރަޝިއާއަށް ދަތިކޮށް އަދި ޔުކްރޭން މެދުވެރިކޮށް ރަޝިއާ ބަލިކުރަން އެމެރިކާ މަސައްކަތްކުރާނެ ކަމަށް ބައިޑަން ވިދާޅުވި އެވެ.

ރަޝިއާ ސިފައިން އަރާތިބި ޔުކްރޭންގެ އަވަށްތަކަށް ޔުކްރޭން ސިފައިން ދެމުން ގެންދާ ހަމަލާތަކުން ލިބޭ ގެއްލުންތަކަށް ޒިންމާވާން ޖެހޭނީ އެމެރިކާ ކަމަށް ވެސް ރަޝިއާ ބުނެ އެވެ. އަދި އާންމުން މަރުވުމަކީ ވެސް އެމެރިކާ ޖަވާބުދޭން ޖެހޭ ކަަމަށް ވެސް ބުނެ އެވެ.

ޔުކްރޭނަށް ސިފައިން އަރަން ޖެހުނީ ނޭޓޯގެ އުނދަގޫ ކުޑަކުރަން ކަމަށް ރަޝިއާ އޮތީ ބުނެފަ އެވެ. ޔުކްރޭން މެދުވެރިކޮށް ރަޝިއާގެ މިނިވަންކަމަށް ގޯނާކުރާ ހިސާބަށް ދިއުމުން އެކަން ކޮންޓްރޯލްކުރަން ޖެހޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ރަޝިއާ ބުނާ ގޮތުން އެމެރިކާ އާއި ޔޫރަޕްގެ ބައިވެރިވުން ނެތް ނަމަ ޔުކްރޭނަށް މިހާރު ލިބައިފައި އޮތްވަރާ ގާތަށް ވެސް ގެއްލުމެއް ނުލިބޭނެ އެވެ.