ދުނިޔެ

ބައިޑަންގެ އަނބިކަނބަލުން ރަޝިއާގެ ބްލެކްލިސްޓްގައި

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އަނބިކަނބަލުން ޖިލް ބައިޑަން އާއި ދަރިކަނބަލުން އޭޝްލީ ބައިޑަން ރަޝިއާއިން ބްލެކްލިސްޓް ކޮށްފި އެވެ.

އެހެންކަމުން އެ ދެމައިން ރަޝިއާއަށް އެރުމާއި ރަޝިއާއާ ގުޅުން އޮންނަ އެއްވެސް ކުންފުންޏަކާ އެކު އެއްވެސް ޒާތެއްގެ މުއާމާލާތެއް ކުރެއްވުން ދެމައިންނަށް މަނާވީ އެވެ

މިއީ ރަޝިއާއަށް ދަތިކުރަން އެމެރިކާ އާއި ބައިވެރިން ހިފެހެއްޓުމެއް ނެތި އަޅަމުން ގެންދާ ދަތިކުރުންތަކަށް ބަދަލުހިފުމަށް ރަޝިއާއިން އެޅި ފިޔަވަޅެކެވެ. އެހެން ނަމަވެސް، ރަޝިއާއިން ބްލެކްލިސްޓް ކުރުމަކުން އެ ދެމައިންނަށް މިވަގުތު ލިބޭނެ އެއްވެސް ގެއްލުމެއް އޮތް ކަމަކަށް ނުބެލެވެ އެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް ދެމުން ގެންދާ އުދުވާނީ ހަމަލާތައް ކުށްވެރިކޮށް އަދަބު ދިނުމުގެ ގޮތުން އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕު ގުޅިގެން ދުނިޔޭގެ މާލީ ނިޒާމުން ރަޝިއާ ވަނީ ބޭރުކޮށްފަ އެވެ.

އެމެރިކާ އާއި ޔޫރަޕް ގައުމުތަކުން ރަޝިއާގެ ހަކަތައަށް ބަރޯސާކުރުން ހުއްޓާލައި ރަޝިއާއާއެކު ރަނުން މުއާމަލާތް ކުރުން ވެސް ވަނީ ހުއްޓާލާފަ އެވެ.

މިއީ އިގުތިސޯދީ ގޮތުން ރަޝިއާ ބަލިކަށިކޮށް އެމެރިކާއާ ބައިވެރިން ބުނާހާ ގޮތެއް ރަޝިއާ ލައްވައި ކުރުވުމަށް ޖަހައިގެން އުޅޭ ބެދޭ މަޅިއެކެވެ. ޗައިނާގެ ރައީސް ޗީ ޖިންޕިން ވިދާޅުވާ ގޮތުގައި ދެމިއަ ކަނޑިއެކެވެ.

ޝީ ޖިންޕިން ވިދާޅުވި ގޮތުގައި ދަތިކުރުން ތަކުން ދަތިވާނީ އެކަން ނިސްބަތް ކުރެވޭ ގައުމަށް އެކަންޏެއް ނޫނެވެ. އެކަން ކުރި ބަޔަކަށް ވެސް ދިލަ ކަނޑައިގެން ނުދާ ވަރަށް ދަތިވާނެ އެވެ.

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންނާއި އަނބިދަރިން އަދި ގާތް އެކުވެރިންނަށް ވެސް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އޮތީ އަޅާފަ އެވެ. އެމެރިކާ އާއި ބައިވެރިންގެ ދަތިކުރުންތައް ރަޝިއާގެ ވަޒީރުންނަށާއި އެބޭފުޅުންގެ އަނބިދަރިން އަދި ލޯބިވެރިންނަށް ވެސް އޮތީ ފޯރާފަ އެވެ.

ރަޝިއާއިން މިފަހަރު ދަތިކުރި މީހުންގެ ތެރޭގައި އެމެރިކާގެ 25 ރައްޔިތަކު ހިމެނެ އެވެ. އަދި ސްވިޑަންއަށް ނިސްބަތްވާ ދެ ޖަމާއަތެއް ވެސް ވަނީ ބްލެކްލިސްޓް ކޮށްފަ އެވެ. އެހެންކަމުން ރަޝިއާއަށް އެރުން އެމެރިކާގެ 1،048 ރައްޔިތަކަށް މިވަގުތަށް ބަންދުވީ އެވެ.