އެމެރިކާ އާއި ރަޝިއާއާ ދެމެދު ގައިދީން ބަދަލުކުރުމަކީ ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ކާމިޔާބެއް ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ގައިދީން ބަދަލުކުރުމަށް މިވަރުގެ ހަރަކާތެއް ހިނގައި އެއްބަސްވުމަކަށް އަމަލުކުރެވިފައެއް ނުވެ އެވެ.
އެމެރިކާ އާއި ރަޝިއާއާ ދެމެދު ގައިދީން ބަދަލުކުރުމުގައި، ރަޝިއާގެ ޖަލުތަަކުގައި ތިބި އެމެރިކާގެ ރައްޔިތުންގެ ބަދަލުގައި -- އެމެރިކާގެ މަސްލަހަތު އޮންނަ އެކި ގައުމުތަކުގެ ޖަލުތަކުގައި ތިބި ރަޝިއާގެ ރައްޔިތުން ވަނީ މިނިވަންކޮށްފަ އެވެ.
އެމެރިކާގައި މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރައްވާ ޓްރަމްޕް ވިދާޅުވީ ގައިދީން ބަދަލުކުރުމަށް ކުރެވުނު މަސައްކަތްތަކުން އެމެރިކާއަށް މާބޮޑު ފައިދާއެއް ނުކުރާނެ ކަމަށެވެ.
ޑޮނަލްޑް ޓްރަމްޕް މި މޭރުމުން ވާހަކަދެއްކެވީ -- ކުށްވެރިން ބަދަލުކުރުމަށް ރައީސް ޖޯ ބައިޑަން ހަރުދަނާ މަސައްކަތްތަކެއް ނުކުރައްވާކަން ބަޔަކަށް ދޭހަކޮށްދެއްވުމަށެވެ. ނަމަވެސް މިހާ ގިނަ ބަޔަކު އެއްފަހަރާ މިނިވަންކުރެވޭނީ ސަރުކާރުން އުނދަގޫ އެއްބަސްވުންތަކެއް ހަދައި އެއްބަސްވެގެންކަން ގިނަ ބަޔަކު ދަނެ އެވެ.
މި އެއްބަސްވުމުގައި ހުރިހާ މޮޅެއް ލިބުނީ ރަޝިއާއަށް ކަމަށް ޓްރަމް ވިދާޅުވި އެވެ. ގައިދީން އަނބުރާ ގެއަށް ގެނެވުމަކީ އުފަލެއް -- އަދި އާއިލާތަކަށް ވަކިން ބޮޑު އުފަލެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ ތާރީޚީ އެއްބަސްވުމަކުން ގައިދީން ބަދަލުކުރެވޭއިރު ގައުމަށް ގުޑުންއަރާ ވަރުގެ ހެޔޮ ބަދަލެއް ފެންނަން އޮންނަން ވާނެ ކަމަށެވެ.
ޓްރަމްޕް މިހެން ވިދާޅުވި ނަމަވެސް އެމެރިކާ އާއި ރަޝިއާއާ ދެމެދު ގައިދީން ބަދަލުކުރުމަށް ހެދި އެއްބަސްވުމުގައި، ރަޝިއާގެ ޖަލުތަކުގައި ތިބި 16 ގައިދީއަކު ވަނީ މިނިވަންކޮށްފަ އެވެ. އަނެއްކޮޅުން ހުޅަނގުގެ ޖަލުތަކުގައި ތިބި ރަޝިއާގެ އަށް ގައިދީއަކު ވަނީ މިނިވަންކޮށްފަ އެވެ.
ޑޮނަލްޑް ޓްރަމްޕް ކުރިންވެސް އޮތީ މި މައުލޫއަށް އަލިއަޅުވާލައްވައި ވާހަކަދައްކަވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރަޝިއާގެ ޖަލުތަކުގައި ތިބި ކުށްވެރިން އޭނާ ނޫން މީހަކަށް މިނިވަނެއް ނުކުރެވޭނެ އެވެ. އަދި ވެރިކަމަށް އަލުން ވަޑައިގަތުމަށް ފަހު އެ ހުރިހާ މީހުން މިނިވަންކުރެއްވުމަށް ރަޝިއާއާ އެކު ބާރުގަދަ ޑީލެއް ހައްދަވާނެ ކަމަށް ވިދާޅުވި އެެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއިން ބުނި ގޮތުން ގައިދީން ބަދަލުކުރުމަށް ރަޝިއާއާ އެކު ކުރި އެއްވެސް މަޝްވަރާއެއްގައި އެއްވެސް މީހަކަށް ރިޝްވަތު ދީފައެއް ނޯންނާނެ އެވެ. އަދި ފައިސާގެ އެފަދަ އެއްވެސް މުއާމާތެއް ހިންގާފައެއްވެސް ނޯންނާނެ އެވެ.