ދުނިޔެ

"މިޑްޓާމް އިލެކްޝަނަށްފަހު ވެސް ގުޅުމަށް ބަދަލެއް ނާންނާނެ"

އެމެރިކާގައި މިހާރު ކުރިއަށްދާ މިޑްޓާމް އިލެކްޝަނާ ގުޅުންހުރި ހުރިހާ ކަމެއް ވަރަށް ރަނގަޅަށް މޮސްކޯއިން ދިރާސާކުރަމުންދާ ކަމަށް -- ރިޔާސީ ގަނޑުވަރު، ކްރެމްލިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވެއްޖެ އެވެ.

ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮތުގައި އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް ވޮޝިންގްޓަން، މޮސްކޯ ގުޅުމަށް ހެޔޮ ބަދަލެއް އަންނާނެ އެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި ދެ ގައުމުގެ ގުޅުން މިހާރު ވެސް އޮތީ އަލިފާން ރޮއްޖެއް މަތީގައި ކަމަށެވެ.

އެމެރިކާގައި ދައުރުގެ މެދުތެރެއިން ބާއްވާ އިންތިހާބު އެމެރިކާއަށް ކިތަންމެ މުހިންމު ނަމަވެސް، އެއީ ކޮން ނަތީޖާއެއް ނެރެން ބާއްވާ އިންތިހާބެއްކަން ރަޝިއާއަށް އެނގޭ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

ފެސްކޯފް ވިދާޅުވި ގޮތުގައި އިންތިހާބުން ނުކުންނަ ނަތީޖާއަކުން ކައިރި މުސްތަގުބަލެއްގައި ދެ ގައުމުގެ ގުޅުމަށް ހައިރާން ކުރުވަނިވި ބަދަލެއް ނާންނާނެ އެވެ.

"ގާނޫން ހަދާ މަޖިލީހަށް މެމްބަރުން ހޮވަން ބާއްވާ އިންތިހާބަކުން އެއްވެސް ކަމެއް ބަދަލެއް ނުވާނެ،" ޕެސްކޯފް ވިދާޅުވި އެވެ.

އެމެރިކާގައި ބާއްވާ އިންތިހާބުތަކަށް ރަޝިއާ ނުފޫޒު ފޯރުވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ބެހޭ ގޮތުން ނޫސްވެރިއަކު ޕެސްކޯފްއަށް ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ ރަޝިއާއަށް ތުހުމަތު ނުކުރާ ހަނދާނެއް ވެވަޑައި ނުގަންނަވާ ކަމަށާއި -- އަސްލެއް ނެތަސް، ކޮންމެ ތުހުމަތަކަށް ވެސް ރަޝިއާ ވަރަށް ފަރިތަ ކަމަށެެވެ.

"ކިތަންމެ ވަރަށް ތުހުމަތުކުރިއަސް -- ބަޔަކު އެއްޗެކޭ ކިޔާހެން ވެސް ހީނުވޭ" ތަރުޖަމާން ވިދާޅުވި އެވެ.

ރަޝިއާ ސިފައިންގެ ބާރުގެ ދަށުގައި އޮތް ޔުކްރޭން ސަރަހައްދުތަކަށް ޕޫޓިން ވަޑައިގަންނަވާނެތޯ ސުވާލު ދެންނެވުމުން ޕެސްކޯފް ވިދާޅުވީ ރަނގަޅު ވަގުތެއް ބައްލަވާ ކަމަށާއި، އުއްމީދު އޮތީ ވަޑައިގަންނަވާ ގޮތަށް ކަމަށެވެ.

"ވަކި ގޮތެއް އަދި ނުނިންމަން -- އެކަމަކު ޕޫޓިން ދޮންބާސްއަށް ވަޑައިގަންނަވާނެ" އޭނާ ވިދާޅުވި އެވެ.

ރަޝިއާ އާއި އެމެރިކާއާ ދެމެދު ކުރިން އޮތް ހަތިޔާރު މަދުކުރުމުގެ އެއްބަސްވުމާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން ޕެސްކޯފް ވިދާޅުވީ އެކަމުގައި ހަރުދަނާ މުއާމަލާތްތަކެއް މިހާރު ނުހިނގާ ކަމަށެވެ.

ތަރުޖަމާން އަދި ވިދާޅުވީ ދެމެހެއްޓެނިވި މަޝްވަރާއަކަށް ދެ ގައުމު ވެސް މި ވަގުތު ބަންދު ކަމަށެވެ.

މިޑްޓާމް އިންތިހާބުގެ ނަތީޖާއިން އަންނާނެ ކަމަށް ބެލެވޭ ބަދަލާ ބެހޭ ގޮތުން ދެންނެވުމުން ޕެސްކޯފް ވިދާޅުވީ ވަކި ގޮތެއް ނިންމަން އަދި ދަތި ކަމަށެވެ.