ޖަރުމަނުގެ ޗާންސެލަރު އޯލަފް ޝޯލްޒް ވައިޓް ހައުސްއަށް ވަޑައިގަތުމަށް އެދިވަޑައިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން ދައުވަތު އަރުވައިފި އެވެ.
މިއީ ޔުކްރޭން ހަނގުރާމާގައި، ރަޝިއާއަށް ދޫދިނުމަށް ޖަރުމަނު މީގެ ކުރިން ގެންގުޅު ސިޔާސަތަށް ގެނައި ބަދަލާ މެދު އެމެރިކާ ހިތްހަމަ ޖެހޭކަން ދުނިޔެއަށް ދެއްކުމަށް ދެއްވި ދައުވަތެއް ކަމަށް ބުނެވެ އެވެ.
ރަޝިއާ-ޔުކްރޭން ހަނގުރާމާގައި ޖަރުމަނު މީގެ ކުރިން ގެންގުޅުނީ ރަޝިއާއާ ގާތް ގުޅުމެކެވެ.
މިއީ ޔޫރަޕްގެ އެހެން ގައުމުތަކާ އަޅާ ކިޔާއިރު، އެމެރިކާ އެއްގޮތަކަށް ވެސް ރުހޭ ގޮތަކަށް އޮތީ ނުވެފަ އެވެ.
އެމެރިކާގެ ޕްރެޝަރަށް ޖަރުމަނު ދީއްލާލައި، ޔުކްރޭނަށް ހަތިޔާރު -- އަސްކަރީ ދަރަޖައިގެ ޓޭންކްތަކާއި ދުރަށް ފޯރާ މަރުކާގެ މިސައިލް ފޮނުވުމާ މެދުވެސް ވަނީ ގޮތެއް ނިންމާފަ އެވެ. އަދި އެމެރިކާއާ ގުޅިގެން މަޝްރަހު ދިރާސާކުރާ ކަމަށް ޖަރުމަނު އޮތީ ބުނެފަ އެވެ.
ޗާންސެލަރުގެ ދަތުރާ ބެހޭ ގޮތުން ވައިޓް ހައުސްގެ ތަރުޖަމާން، ކަރީން ޖޯން-ޕިއާ ވިދާޅުވި ގޮގުގައި މިއީ ޖަރުމަނާއި އެެމެރިކާއާ ދެމެދު ގުޅުން ތާޒާކޮށްލަން ބައިޑަންގެ ސަރުކާރަށް ލިބުނު ރަނުގެ ފުރުސަތެކެވެ.
ތަރުޖަމާންގެ މި ވާހަކައިން ވެސް އެނގެނީ ޖަރުމަނު އަތުއަޅުވާލުމަށް އެމެރިކާ އޮތް ޝައުގުވެރިކަމެވެ.
ރަޝިއާ-ޔުކްރޭން ހަނގުރާމައަށް އެއް އަހަރު ފުރެން އަންނައިރު، ބާރުގަދަ ގެ ގައުމެއްގެ ދެ ލީޑަރުން -- އަދި ޔުކްރޭނަށް ތާއީދުކުރުމުގައި އޮތް ދެ ގައުމެއްގެ ލީޑަރުން ބައްދަލުކުރެއްވުމުގައި އަޑި ނޭނގޭ އެޖެންޑާތަކެއް އޮންނާނެކަން ކަށަވަރެވެ.
ދެ ލީޑަރުންގެ މަޝްވަރާއަށް ހުރި މައުލޫތަކުގެ ތެރޭގައި އެންމެ އިސް ކަމަކަށް ވެސް އޮތީ ޔުކްރޭން ހަނގުރާމަ އެވެ. އަދި ޔުކްރޭން ހަނގުރާމަ ކުރިއަށް ގެންދިއުމުގައި ޚަރަދުތައް ބަހާނެ ގޮތަކާ މެދު ވެސް ދެ ލީޑަރުން މަޝްވަރާކުރައްވާނެ އެވެ.
ޔޫރަޕްގައި ނޭޓޯގެ ދައުރު ފުޅާކުރުމަކީ ވެސް ބައިޑަން އާއި އޯލަފް ޝޯލްޒް މަޝްވަރާކުރައްވާނެ މައުލޫއެކެވެ.
ދުނިޔޭގައި ޗައިނާގެ ނުފޫޒު ގަދަވުމަކީ ވެސް ހުޅަނގަށް އޮތް ކަންބޮޑުވުމެކެވެ. ދުނިޔޭގެ ބޮޑުބާރުގެ ގޮތުގައި އެމެރިކާއަށް އޮތް ޝަރަފު ބޭވެގެން ހިނގައިދާނެ ކަމަށް އޮތް ބިރަށް ހައްލެއް ހޯދުމުގައި ޖަރުމަނުގެ މަދަދަށް އެމެރިކާ އެދޭނެ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
ޗައިނާއާ ދެކޮޅަށް ޖަރުމަނުން ކުރަން ޖެހޭ ކަމަކީ -- އެމެރިކާ ބްލެކް ލިސްޓްކުރާ ޗައިނާޣެ ކުންފުނިތަކުން ޚިދުމަތް ނުހޯދުމެވެ. އަދި ޖަރުމަނުގެ އިގުތިސާދީ ސަފުހާތަކުން ޗައިނާއަށް ފުރުސަތު ނުދިނުމެވެ.