ހަބަރު

ހިޔާ ފްލެޓްތައް ދިނުން ލަސްވާތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިމުގައި އަޅާފައިވާ ފްލެޓްތައް އޭގެ ހައްގުވެރިންނަށް ދިނުން ލަސްވަމުން ދާތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތުގެ ސަބަބުން ގިނަ ރައްޔިތުންގެ އާމްދަނީ ހުއްޓި، ކުލި ނުދެއްކޭ ވަރަށް މާލީ ހާލަތު ގޯސްވެފައިވާ ކަމަށެވެ. އެ ފަރާތްތަކަށް ބޯހިޔާވަހިކަން ކަށަވަރު ކުރުން އަވަސް ކުރަން ޖެހޭ ކަމަށެވެ.

ޝިޔާމް ވިދާޅުވީ، ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް އެ ތަނަށް ވަދެވޭނެ ވަކި ތާރީހެއް ސަރުކާރަށް އަދިވެސް ބުނެ ނުދެވޭ ކަމަށެވެ. ވީހާވެސް އަވަހަށް އެ ތަން ހަވާލުކޮށް އެ ތަނަށް ވަދެވޭނެ ގޮތް ވުމަކީ ހިޔާ ފްލެޓްތައް ލިބިފައިވާ އާދައިގެ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ.

ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމަށް ބަލައިގަނެ ބަހުސް ކުރަން ފާސްކުރީ 45 މެންބަރުންގެ ވޯޓުންނެވެ. މަޖިލީހުގެ ތަޅުމަށް މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ހިޔާ ފްލެޓްތައް ދޫކޮށްފައިވާ ފަރާތްތަކަށް ދިނުމަށް ޝިޔާމް ގޮވާލެއްވިއިރު، މި ސަރުކާރުގެ ބައެއް އިސް ބޭފުޅުން ތުހުމަތު ކުރައްވަނީ އެ ފްލެޓްތައް ދޫކުރުމުގައި ކޮރަޕްޝަންގެ ބައެއް މުއާމަލާތްތައް ހިންގާފައިވާ ކަމަށެވެ. އެ މައްސަލަ ބަލައި ފްލެޓްތައް ލިބެން ޖެހޭ ހައްގުވެރިން ހޯދުމުގެ މަސައްކަތް ކުރަން ކޮމިޓީއެއް ވެސް މި ސަރުކާރުން ނެގި އެވެ. ނަމަވެސް ކޮމިޓީގެ މަސައްކަތް ލަސްވަމުންދާތީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިއުން އަމާޒުވެފައިވެ އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ފިނިޝިން ބައެއް މަސައްކަތްތައް ނިންމަން އިތުރަށް ބޭނުންވާ 45 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 693 މިލިއަން ރުފިޔާ) ބޭނުންވާ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވެފައިވެ އެވެ. ނަމަވެސް އެ ފައިސާ ލިބުން ލަސްވުމުން ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނުނިމުނު ނަމަވެސް ހަވާލުކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގޮތުން ފްލެޓްތަކުގެ ދޮރާއި ޓައިލްސްގެ މަސައްކަތް ނުނިމެ އެވެ.

ފްލެޓުގެ މަސައްކަތް ކުރަމުން ގެންދަނީ ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އިންނެވެ. ޗައިނާ ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުންޏަށް މި މަޝްރޫއު ހަވާލުކޮށްފައިވަނީ، އެޕާޓްމަންޓެއް 62،000 ޑޮލަރު (954,800 ރުފިޔާ) ގެ ރޭޓުން 434 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.6 ބިލިއަން ރުފިޔާ) އަށެވެ. މި މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އަޅާފައިވެއެވެ.