ރައީސް އަބްދުﷲ ޔާމީން

ހިޔާ ފްލެޓްތަކުގެ އަގު ކުޑަކޮށްދޭނަން: ޔާމީން

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ސަރުކާރެއްގައި ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވެވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ މިރޭ އިލިމަސް ކާނިވަލު ސަރަހައްދުގައި އިދިކޮޅުން ކުރިއަށް ގެންދާ "ކަތަރު ކޮށި" ޖަލްސާގައި ވާހަކަ ފުޅުދައްކަވަމުންނެވެ.

އިދިކޮޅުން އެންމެ ފުރަތަމަ މިރޭގެ ޖަލްސާ ބާއްވަން ހަމަޖެއްސީ ހިޔާ ފްލެޓް ސަރަހައްދުގަ އެވެ. ނަމަވެސް އެކަމަށް މިސަރުކާރުން ހުރަސް އެޅިކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ހިޔާ ފްލެޓް ސަރަހައްދުގައި ޖަލްސާ ބާއްވަން އުޅުމުން އެމްޑީޕީއަށް ހަޖަމް ނުވި ކަމަށެވެ. އެއީ އެތާގައި ދިރިއުޅޭ ރައްޔިތުންނަށް އިދިކޮޅުން ދައްކާ ވާހަކަ އަޑުއިވިދާނެތީ ކުރި ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޖަލްސާ ބާއްވަން އުޅުމުން އިންޑިއާއަށް އަަސަރުކުރާ ކަމަށެވެ. އެއީ އިދިކޮޅުން އިންޑިއާގެ އަސްކަރިއްޔާ ރާއްޖެއިން ބޭރުކުރުމަށް ގޮވާތީ ކަމަށެވެ. އިންޑިއާގެ ސަފީރު ހުޅުމާލޭގައި ދިރިއުޅުއްވާކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ސަފީރުގެ ކަންފަތްޕުޅަށް އެ އަޑުތައް އިވިވަޑައިގަތުމުން އުނދަގޫވެވަޑައިގަންނަވާތީ ޖަލްސާ ބޭއްވިޔަ ނުދިނީ ކަމަށެވެ.

"އެމްޑީޕީއަކީ ނަމުން ކިތަންމެ ޑިމޮކްރެޓިކްވީ ނަމަވެސް ހިޕޮކްޓްރިކް ބައެއް. އެ ބޭފުޅުންނަކަށް ޑިމޮކްރެޓިކް ވެރިކަމެއް ހިންގާކަށް ނޭނގޭ." ރައީސް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތަކާއި ޕްލޭންތަކަކީ ފެނުނު ހުވަފެނެއް ނޫން ކަމަށެވެ. އެއީ ރާއްޖޭގެ ޒުވާނުންގެ ހާލަތު ފެނިގެން، އެމީހުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް ހެދި ފްލޭންތަކެއް ކަމަަށެވެ. އަދި ހިޔާ ފްލެޓްތަކަކީ ކޮތަރު ކޮށްޓެކޭ ބުނާ މީހުނަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެއީ ކޮތަރު ކޮށްޓެއް ނޫން ކަމަށެވެ. އެތަނުގައި ދިރިއުޅޭ ރައްޔިތުން ބޭރަށް ނިކުމެ، ހިތްހަމަޖައްސައިލަން ޕާކެއް ވެސް ހަދަން ފްލޭންތައް ރާވާފައިވާނެ ކަމަށެވެ.

ހިޔާ ފްލެޓްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 1000 ފްލެޓް ޕީޕީއެމް ސަރުކާރުން ހާއްސަ ކުރިކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ އެފަދަ ބައެއް މީހުންގެ އަތުން އެ ފްލެޓްތައް ވެސް މި ސަރުކާރުން އަތުލާފައިވާ ކަމަށެވެ. އަދި އަލަތު ކައިވެންޏައް ހާއްސަ ކުރި ފްލެޓްތައް ވެސް ވުޖޫދުގައި ނެތް ކަމަށް މި ސަރުކާރުން އޭރު ބުނި ކަމަށާއި ނަމަވެސް މިހާރު ކުއްލިޔަކަށް އެ ފްލެޓްތައް ވެސް ފާޅުވެގެން އުޅޭ ކަމަށެވެ.

މި ސަރުކާރަށް ތިން އަހަރު ފުރިގެން ދިޔަ އިރުވެސް އެއްވެސް ފްލެޓެއް ނުހެދުނުކަން ފާހަގަކުރައްވަމުން ރައީސް ޔާމީންވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއްގައި ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ އަޑު އަހާނެ ކަމަށެވެ. އަދި އެ މީހުންގެ ތަކުލީފުތަކަށް ޖަވާބުދާރީވެ ވަޑައިގަންނަވާނެ ކަމަށެވެ.

ހިޔާ ފްލެޓްތަކުގެ ކުއްޔަށް މި ސަރުކާރުން ނަގަމުންދާ 7500 ރުފިޔާއަށް ފާޑު ވިދާޅުވަމުން ރައީސް ޔާމީން އިތުރަށް ވިދާޅުވީ ފީފީއެމް ސަރުކާރުގައި ކުރިން ކަނޑައެޅި އަގަށް ފްލެޓްތަކުގެ ކުލި ބަދަލުކުރައްވާނެ ކަމަށެވެ.