ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމަން އިތުރު އެއް މަސް ދުވަސް ދިނުމަށް އެޗްޑީސީން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް އިއްޔެ ވިދާޅުވެފައި ވަނީ ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް ނިންމުމަށް ދީފައިވާ ތިން މަސް ދުވަހުގެ މުއްދަތު މިހާރު އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްދޭން އެޗްޑީސީން ނިންމާފައިވާ ކަަމަށް ވިދާޅުވި އެވެ.
ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ފިނިޝިންގެ މުއްދަތު އިތުރުކޮށްފައިވާތީ އިތުރު ކުރި މުއްދަތަށް ވެސް ކުލި ނުނަގާނެ ކަމަށެވެ. އަދި ފިނިޝިން މަސައްކަތް ނިންމުމަށް ބީއެމްއެލް އިން ލުއި ލޯނެއް ދޫކުރަމުންދާ ކަމުގައި ވިދާޅުވި އެވެ.
ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމަން ދޭ މުއްދަތު ގުނަން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށް ކުރިން އެޗްޑީސީން ވަނީ ބުނެފަ އެވެ. ކުރިން ނިންމާފައި ވަނީ އެ މުއްދަތުން ފެށިގެން ތިން މަސް ދުވަސް އެ މަސައްކަތަށް ދިނުމެވެ. އެއީ އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށެވެ. ނަމަވެސް އެ މުއްދަތު މިހާރު ޑިސެމްބަރު މަހަށް އިތުރުކޮށްފައިވާ ކަމަށް ރައީސް މިވަނީ ވިދާޅުވެފަ އެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވެފައި ވަނީ ހިޔާ ފްލެޓްތައް ލިބުނު ބައެއް ފަރާތްތަކަށް ވިނަރެސް ފްލެޓްތަކަށް ބަދަލުކުރުމަށް އެދުނު ފުރުސަތުގައި އެ ފުރުސަތަށް ގިނަ ބަޔަކު އެދިފައިވާ ކަމަށެވެ. ވިނަރެސް އަށް ބަދަލުކުރަން ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށް ފްލެޓް ދޭން ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ހިޔާ ފްލެޓް ލިބުނު މީހުންނާ އެކު މިދިޔަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން އަންނަނީ އެގްރިމެންޓްތަކުގައި ސޮއިކުރަމުންނެވެ. ސަޮއި ކުރުމާ އެކީ ފްލެޓްގެ ތަޅުދަނޑިތައް ވެސް އަންނަނީ ހަވާލުކުރަމުންނެވެ.