ހިޔާ މަޝްރޫއު

ހިޔާ އެގްރިމެންޓްތަކުގައި ސޮއިކުރީ 5519 މީހުން

Sep 9, 2021

ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ 6720 ޔުނިޓްގެ ތެރެއިން މިހާތަނަށް ސޮއިކޮށްފައި ވަނީ 5519 މީހުން ކަމަށް އެޗްޑީސީ އިން ބުނެފި އެވެ.

އެޗްޑީސީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިއީ އެޗްޑީސީއިން ސޮއިކުރުމަށް ސެޑިއުލްކުރި ފްލެޓްތަކުގެ ތެރެއިން 85 ޕަސެންޓެވެ. އެޗްޑީސީއިން މިހާތަނަށް ސޮއިކުރުމަށް ޝެޑިއުލްކޮށްފައި ވަނީ 5665 ފްލެޓް އެގްރިމެންޓަށެވެ.

މީގެ ތެރެއިން މި ސަރުކާރުގެ ވިނަރެސް މަޝްރޫއަށް ބަދަލުކުރަން ބޭނުންވާ މީހުންވެސް އެބަ ތިއްބެވެ. އެހެންކަމުން ދޫކުރުން ހަމަޖެހިފައިވާ ފްލެޓްތަކުގެ ތެރެއިން އެޗްޑީސީ އިން މިހާތަނަށް އެގްރިމެންޓްގައި ސޮއިކުރުމަށް ހުޅުވާލައިފައި ވަނީ މި މަޝްރޫއުގެ 88 ޕަސެންޓަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތަކުގެ ތަޅުދަނޑިތައް ހަވާލުކުރަން ފަށައިފައި ވަނީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހުން ފެށެގެންނެވެ. ނަމަވެސް އެކި ކަންކަމާހުރެ އެކި ދުވަސްމަތިން ސޮއިކުރުމުގެ ކަންކަން ދިޔައީ ލަސްވަމުންނެވެ.

ސޮއިކުރާ ދުވަހު ފްލެޓް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރާއިރު މިމަހުގެ އެއްވަނަ ދުވަހުން ފެށެގެން ފިނިޝިންގެ މަސައްކަތަށް ދީފައިވާ ވަގުތު ވަނީ ފެށިފަ އެވެ. ފިނިޝިން މަސައްކަތަކަށް ދީފައި ވަނީ ހަތަރު މަސްދުވަހެވެ. ހަތަރު މަސް ފަހުން އެތަނުގެ ކުލި ހިނގަން ފަށާނެ ކަމަށް އެޗްޑީސީއިން ވަނީ ބުނެފަ އެވެ.