ވާހަކަ

މިލްކުވާނެބާ

(15 ނޮވެމްބަރ 2024 އާ ގުޅޭ)

"މިޔާ... ބައްޕަގެ މަރުގެ ވާހަކަ ތަންކޮޅެއް ތަފްސީލު އަހަރެންނަށް ކިޔާދީފާނަންތަ. މަޒީދަކީ ނަންހިނގާ ވިޔަފާރިވެރިއެއް. އޭނާ އަމިއްލަ ދަރިއަށް ނިކަމެތިވާނޭހެން ނިންމުމެއް ނިންމަފާނޭ އަހަރެންގެ ހިތެއް ނުބުނޭ. ތިކަމުގައި ކޮންމެވެސް ގޯހެއް އެބައުޅޭ." މިޔާގެ ވާހަކަތައް އަޑުއަހަން އިނދެފައި އިޒީކިއަލް ވާހަކަދެއްކީ ނިކަން ސީރިއަސްކޮށެވެ.

މާލޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މަޒީދުގެ މަރަކީ ކުއްލި މަރެކެވެ. އެންމެންނަށް އެނގިފައި އޮތީ މަޒީދު މަރުވީ ހާޓްއެޓޭކެއް ޖެހިގެންކަމެވެ. އެވަރު ވެސް މާޔާ ކައިރީ ޖާހިދާ ނުބުނެ އެވެ. ބައްޕަގެ މަރާ ބެހޭ ގޮތުން މާޔާ ސުވާލު ކުރީމާ ވެސް ޖާހިދާ ވަނީ އެކަމަށް އިޖާބަ ނުދީފަ އެވެ. މާޔާއަށް ބައްޕަގެ މަރުގެ ޚަބަރު ލިބުނު ހިސާބުން ކަން ހިނގާ ދިޔަ ގޮތް ތަފްޞީލްކޮށް އިޒީކިއަލްއަށް ކިޔާދީފި އެވެ. ވީއެއްނުވީއެއް ނޭނގިފައި ހުއްޓާ މާޔާގެ މުޅި ދިރިއުޅުން ގެއްލިގެން ދިޔައީ އެވަގުތެވެ.

"ސޮއި ކުރުވަމުން އާމިލް ބުނިތަ އެއީ ކޮންކަމަކާ ބެހޭ ލިޔުންތަކެއްކަން." އިޒީކިއަލް ސުވާލުކުރި އެވެ.

"ނުބުނޭ. ދޮންތަ ބުނީ ސޮއިކުރާށޭ. އާމިލްބެ ވެސް ބުނީ ސޮއިކޮށްލާށޭ. ހުރިހާކަމެއް ހިނގީ ވަރަށް އަވަހަށް. އޭރު އަދި މީ ބައްޕަ ވަޅުލާފައި ގެއަށް އައީއޭ. އެއީ ކޮންކަމަކާ ބެހޭ ލިޔުމެއްތޯ ބަލާނެހާ ވިސްނުމެއް އެވަގުތަކު އަހަރެންގެ ނެތް. ދޮންތަގެ ހަރުކަށިކަން ފެނިފައި އެކަމާ ވެސް އަހަރެން ހުރީ އަޖައިބުވެފައި. އޭގެ ކުރީން ދުވަހަކުވެސް ދޮންތަ ވާހަކަދެއްކި ގޮތެއްނޫން އެއީ. ބައްޕަގެ މަރާއެކީ އަހަރެންނަށް ދުނިޔެ ވަރަށް އަނދިރިތަނަކަށް ވެގެން ދިޔައީ. އެންމެ ގާތް މީހުންކަމުގައި އަހަރެން ދުށް އެންމެން އަހަރެން ބާކީ ކޮށްލީ. އަހަރެންނަށް އޮޅުވާލީ." މާޔާ ބުންޏެވެ.

"މިޔާގެ އެ ގެއަކީ ބައްޕަގެ ނަންމަތީ އޮތް ގެއެއް ނަމަ ބޮޑުދައިތައަކަށް ގެއެއް އަތެއް ނުލެވޭނެ. އެއީ ފަސޭހަކަމެއްނޫން. އެހެނެއްނޫން އާމިލް މެދުވެރިކޮށް މިޔާ ބައްޕަގެ މުދާތަކަށް... މިބުނީ ކުންފުނި އޭނާގެ ނަންމައްޗަށް ބަދަލުކުރެވިދާނެ. އަހަރެންނަށް ވަރަށް ހީވޭ އެމީހުން މިޔާގެ ސޮއި ހޯދައިގެން ކުރިކަމަކީ އެއީހެން." ނިކަން ވިސްނުންތެރިކަމާއެކު އިޒީކިއަލް ބުންޏެވެ.

"އެކަން އޮންނަ ގޮތެއް އަހަރެންނަކަށް ނޭނގޭ. އަހަރެން ޤަބޫލްކުރީ އާމިލްބެ ދެއްކި ވާހަކަ. އާމިލްބެ އެތައް ފަހަރަކު ބުނި ބައްޕަގެ ހުރިހާ އެއްޗެއް ވަނީ ދޮންތައަށް ދީފައޭ. އަހަރެންނަކަށް ބައްޕަގެ މުދަލުން އެކައްޗެއް ވެސް ނެތޭ. އަހަރެންނަށް ވެސް އެ ވާހަކަ ޤަބޫލުކުރާން އުނދަގޫވި. އެކަމަކު އާމިލްބެ ބުނީމާ އަހަރެން ޖެހޭނީ ޤަބޫލުކުރާކަށްނު." މާޔާ ބުންޏެވެ.

"އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ވެސް ދެންވާނީ ރަނގަޅަށް ކަމަށް ހީކުރޭ... އެނގޭތަ. ރޭގަ ހައިކް ނިދަން އޮވެފައި ބުނަނީ ހައިކް މަންމަ އެހެން ގެއެއްގައި އުޅެނީ ކީއްވެހޯ. ޑެޑީ ނުބުނަންހޯ މަންމަ ކައިރީ ހައިކްމެންނާއެކީ އުޅޭން އަންނާކަށް. މާމަ ގެ ވީމަހޯ މަންމަ ނާންނަނީ. ހިނގާށޯ މާމަ ކައިރީ ބުނަން މިގެއަށް މަންމަ ގެންނަން."

"ދެން އިޒިކް ކީކޭ ބުނީ." އިޒީކިއަލްގެ ވާހަކައިގެ ތެރެއިން މާޔާ އަހާލި އެވެ.

"ތެދަށް ބުނީ. އޭނާއަށް ވިސްނޭނެހެން... އަހަރެން ބުނިން އަހަރެންނަށް މިސްޓޭކެއް ހެދުނިއްޔޭ. މަންމަ ދޫކޮށްލެވުނީއޭ. ދެން މަންމަ ގެންނަންޏާ ޖެހޭނީ މެރީކޮށްގެން ގެންނާށޭ. މާމައާއި ބޮޑުކާފަގެ ހުއްދައާ ވެސް އެކީގައޭ މަންމަ ގެނެވެން އޮތީ. ވަގުތުން ހައިކް ބުނެފި މަންމައަކީ ގޯސްކުއްޖެއްނޫނޭ... މިޔާ... އަޅެ އެކުއްޖާ ގޮތަށް އަހަރެންނަށް ވެސް ކުރީބައިގައި އެނގުނުނަމަ ދޯ. ތީ އަހަރެންގެ ތަޤްދީރުކަން. އަހަރެންނަށް ލެއްވި ނަސީބެއްކަން. މިއަދު ޝުކުރުކުރަން އަހަރެންނަށް ދެވަނަ ފުރުޞަތެއް ލިބުނީމަ. އަހަރެންނަށް މިޔާ އެ ފުރުޞަތު ދިންކަމަށް ޓަކައި. ހަޤީޤަތުގައި އަހަރެންނަށް ޑިޒާވެއްނުވޭ ތިހާ ރަނގަޅު ކުއްޖެއް. ބަޓް ސްޓިލް... އަހަރެންގެ ހިތް ތި ނޫންކުއްޖަކު ބޭނުމެއްނޫން." އިޒީކިއަލް ބުންޏެވެ.

"އަހަރެން ވާހަކައެއް ބުނަންތަ؟." މާޔާ ބުންޏެވެ. އިޒީކިއަލް ހޫން ލައްވާލުމާއެކު ވަގުތުން ހިމޭންވެލައިފި އެވެ.

"މާދަމާ ޖޮބަށް ނުކުންނަން މިއުޅެނީ. ރާހިންއާ ވެސް ވާހަކަދައްކާފައި. ރާހިންއަކީ އަހަރެންގެ ވަރަށް ރަނގަޅު ރަޙުމަތްތެރިއެއް. އޭނާއާ ވާހަކަނުދައްކާށޭ ބުނާހާ އިޒިކް އިންސެކިއަރ ނުވާނެކަމަށް އަހަރެން އުންމީދުކުރަނީ. އަހަރެމެން އެކީ މަސައްކަތް ކުރަންޖެހޭ ވަގުތުތައް ވެސް އަންނާނެ. އެވަރު އިޒިކްއަށް ވިސްނޭނެ. މަސައްކަތުގެ ދާއިރާއަކީ އެކި ކަހަލަގެ މީހުންނާއެކީ އުޅޭނެ މާޙައުލެއް. އަބަދު އިޒިކް ރުޅިއައިސްފައި ހުންނާކަށް އަހަރެން ނޭދެން." މާޔާ ބުންޏެވެ. ރާހިންއާ މެދު އިޒީކިއަލް ހިތްހަމަނުޖެހޭވަރު މާޔާއަށް ހުރީ ފެނިފަ އެވެ. ކުރިޔަށް އޮތްތަނުގައި އެ ދެމީހުން ދެކޮޅުވެރިވާތަން ދުށުމަކަށް މާޔާ ނޭދެ އެވެ. އަދި ރާހިންއާ އޮތް އެކުވެރިކަން ނިމުމަކަށް ގެނައުމުގެ ވިސްނުމެއް ވެސް މާޔާގެ ނެތެވެ. އޭނާ އެދެނީ އެކަން އިޒީކިއަލް ޤަބޫލުކުރުމެވެ.

"އަހަރެންނަށް އެނގޭ ރާހިންއަކީ އަޚްލާޤު ގޯސް މީހެއްނޫންކަން. މައްސަލައަކީ ރާހިންއެއްނޫން... އެއްވެސް ފިރިހެނަކާއެކީ މިޔާ ދުށުމަކީ އަހަރެންނަށް އުނދަގޫވާނެކަމެއް. އެކަމަކު އަހަރެން މިޔާއަށް އިތުބާރުކުރާނަން. އެ އިތުބާރު އަހަރެންގެ ފަރާތުން ވެސް މިޔާއަށް ދޭނަން. އަހަރެންނަށް ކަމުނުދާކަމެއް ފެނިއްޖެނަމަ މިޔާ ކައިރީ އެ ވާހަކައެއް ދައްކާނީ. ކުރީގަހެން މިޔާއަށް ޝައްކެއް ދެން ނުކުރާނަން. ރުޅިގަދަވެގެންނެއް ނޫޅޭނަން. އަންޑަސްޓޭންޑިންއެއް ދެމެދުގައި އޮންނާނެ." އިޒީކިއަލް މަޑުމައިތިރިކަމާއެކު ބުންޏެވެ.

"އަހަރެން ދުވަހަކުވެސް އިޒިކްގެ އިތުބާރު ގެއްލޭވަރު ކަމެއް ނުކުރަން. އަދި ކުރިޔަށް އޮތްތަނުގައި ވެސް އެފަދަ ކަމެއް ނުވާނެކަމުގެ ޔަޤީންކަން އަހަރެންގެ އަމިއްލަ ނަފްސަށް އެބައޮތް." މާޔާގެ އަޑުގައި ޔަޤީންކަންވި އެވެ.

މެންދުރުގެ ކެއުމަށް އިންސާފުކޮށްފައި މާޔާއާއި އިޒީކިއަލް ރެސްޓޯރެންޓުން ނުކުތީ އެކީގަ އެވެ. މާޔާ ގެއާ ހަމައަށް ގެންގޮސްދޭން އެދުނީމާ ވެސް އޭނާ އިޒީކިއަލްގެ އެ ދަޢުވަތު ޤަބޫލެއް ނުކުރި އެވެ. ދެ މީހުން އެކުގައި ދާންޖެހޭ ވަގުތު އަދި ނުޖެހޭކަމުގައި މާޔާ ބުނީ މާނަވީ ގޮތަކަށެވެ.

"ދެން ލަހެއްނުވާނެ. އެވަގުތު އައިސް ޖެހިދާނެ." ލުއި ހިނިތުންވުމަކާއެކު އިޒީކިއަލް ބުންޏެވެ. އަދި އޭނާ ކާރު ޕާކުކޮށްފައި އޮތް ދިމާއަށް ހިނގައިގަތެވެ. މާޔާ ވެސް ހިނިތުންވުމެއް ބަދަލުކޮށްލާފައި ހިނގައިގަތީ އެވެ.

* * * * *

އޮފީހަށް އައިސް ވަދެވުމާއެކު އިޒީކިއަލް ގުޅީ ޒާހިލްއަށެވެ. ދަތްޕިލަ އަތަށް ލައިގެން އައިފަދައިން ޒާހިލް އައިސް އިޒީކިއަލްގެ ކެބިންއަށް ވަނެވެ. އިޒީކިއަލްގެ ދުލު ކުރީގައި މިހާރު އޮންނަ ނަމަކީ މިޔާކަން ޒާހިލަށް އެނގެ އެވެ. އެކަމާ އޭނާ ދިމާ ވެސް ކުރެ އެވެ. އެހެންވެ މިފަހަރު ވެސް އެހާ އާޖަންޓްކޮށް އޮފީހަށް ޖައްސާލަ ބަލާށޭ އިޒީކިއަލް ގުޅާފައި ބުނުމުން އެއީ މިޔާގެ ކަމެއްކަން ނަގައިގަންނަން ޒާހިލަށް ދައްޗެއް ނުވި އެވެ.

"މިފަހަރު ކިހިނެއްވީ؟. އަދިވެސް ސެޓުވާގޮތެއް ނުވަނީތަ؟." އިޒީކިއަލް އިން މޭޒުގެ ކުރީމަތީ ހުރި ދެ ގޮނޑިން ކުރެ ގޮނޑިއެއްގައި އިށީންނަމުން ޒާހިލް ބުންޏެވެ.

"އިންނަން އެއްބަސްވެއްޖެ. އެކަމަކު އެ ވާހަކަ ބުނާކަށްނޫން އަންނާށޭ ބުނީ. އެނގެއެއްނު މިޔާގެ ބައްޕަ މަޒީދު. އޭނާގެ ވަކީލު އާމިލްއަކީ ކޮންކަހަލަ މީހެއްތޯ ބަލާލަބަލަ. ދެން މިޔާގެ ބޮޑުދައިތައާ ބެހޭ ގޮތުން ވެސް." އިޒީކިއަލް ބުންޏެވެ.

"ކިހިނެއްވީ މިޔާގެ ޢާއިލާގެ ބެކްގްރައުންޑް ހޯދަނީ." ޒާހިލް ސުވާލު އުފެދުނެވެ.

"ޤަބޫލުކުރެވޭތަ މަޒީދުގެ ހުރި ހަމައެކަނި ދަރިއަށް މިޔާ ވާއިރު އޭނާއަށް މަޒީދުގެ މުދަލުން އެއްވެސް އެއްޗެއް ނުލިބޭގޮތަށް ހަދާފައޭ އޮތީ ބުނީމަ. އަހަރެންނާ މިޔާ ދިމާވިއިރު އޭނާގެ އަތަކު އެކައްޗެއް ވެސް ނެތް. ވަންނާނޭ ގެއެއްނެތް. އަތަކު ފައިސާއެއްނެތް. މީޑިއާގަ އެނބުރުނީ މަޒީދުގެ މަރަކީ ހާޓްއެޓޭކެއް ކަމަށް. ކޮންމެވެސް ހިސާބަކުން ވަރަށް ބޮޑު ގޯހެއް ހަދާފަ އެ އޮތީ... އަހަރެންނަށް ވަރަށް ޔަޤީން. ގައިމު ވެސް ލިބިފައި އޮތް ގޯއްޗެއް އަތުލުމަކީ ފަސޭހަކަމަކަށް ނުވާނެ. މަށަށް ބަލާލަ ދީބަލަ އެ ގޭގެ ކަންތައް ވެސް. އެއީ ބޮޑުގެއެއް. މަޒީދުގެ މަރާއެކީ މިކަމެއް ހިނގައިގެން މިއުޅެނީ. އާމިލްއަކީ ވަކީލަށްވާއިރު އޭނާ މިޔާ ލައްވާ ލިޔުންތަކެއްގައި ވަނީ ސޮއި ކުރުވާފަ." އިޒީކިއަލްގެ ޚިޔާލު އޭނާ ފާޅުކުރި އެވެ.

"ކުރިޔަކުން ނޭނގޭތަ އެއީ މަޒީދުގެ ދަރިކަމެއް." ޒާހިލް ސުވާލުކުރި އެވެ.

"އެނގޭ. އެކަމަކު އޭރު އަހަރެން ވިސްނީ އަހަރެންގެ އަމިއްލަ ފައިދާއަށް. މިޔާގެ ދިރިއުޅުމަށް އެ ދިމާވި ކަންކަން ބެލުމުގެ ޝައުގެއް އޭރަކުނެތް. ދެން އެ ވާހަކަ ބާއްވަބަލަ. މިހާރު އަހަރެން މިބުނީނު ބަލައި ދީބަލާށޭ. މިޔާގެ ބޮޑުދައިތައަށް އޭނާގެ ބައްޕަގެ އެއްވެސް އެއްޗެއް ނުލިބޭނެ. އެކަމަކު މަޒީދު ކޮންމެވެސް އެއްޗެއް ދޭން ނިންމާފައި ނެތްކަމެއް ވެސް ނޭނގެ. އެހެންވިޔަސް އަހަރެންގެ ޕޮއިންޓަކީ މަޒީދު އަމިއްލަ ދަރިއަށް ދެރަވާނެ ނިންމުމެއް ނުނިންމާނޭ. އެމީހުން މިޔާގެ ހައްޤަކަށް ވެރިވެގެން އުޅޭނަމަ އަހަރެން އެ ހުރިހާ އެއްޗެއް އަނބުރާ މިޔާއަށް ހޯދައިދޭން ބޭނުން." އިޒީކިއަލް ބުންޏެވެ.

"އޯކޭ. އަހަރެންނަށް ދެ ދުވަސް ދީ. ބަލާލާފައި އެނގުނު އެއްޗެއްވިއްޔާ ކިޔާދޭނަން." ޒާހިލް ބުންޏެވެ.

* * * * *

ދަރިފުޅު ނިދީފައި އިޒީކިއަލް ކޮޓަރިން ނުކުތެވެ. މަންމަވީތަނެއް ހޯދައިގެން އޭނާ ސަރީކާގެ ގާތަށް އައެވެ. ބޮޑުކޮޓަރީގެ ސޯފާގައި ޓީވީ ބަލަން އިން ސަރީކާއަށް އިޒީކިއަލް ފެނިފައި ވެސް ދަރިފުޅު އެ އައީ ކޮންމެވެސް ވާހަކައެއް ދައްކަންކަން ނަގައިގަނެވުނެވެ. އެހެންވެ އޭނާ ޓީވީގެ ރިމޯޓު ނަގައި އަޑު މަޑުކޮށްލައިފި އެވެ.

"ހައިކް ނިދީތަ؟." ސަރީކާގެ ކައިރީ ސޯފާގައި އިޒީކިއަލް އިށީނުމުން އަހާލި އެވެ.

"ނިދައިފި. މަންމަ ކައިރީ ވާހަކައެއް ދައްކާލަން މިއައީ." އިޒީކިއަލް ބުންޏެވެ.

"ބުނެބަލަ." ސަރީކާ ބުންޏެވެ.

"އަޅުގަނޑު މިޔާއާ އިންނަން ގަސްދުކޮށްފިން. މިޔާ ވެސް ޤަބޫލުވެއްޖެ. މިޔާއަކީ ރަނގަޅު ކުއްޖެއް. މަންމައަށް އެނގޭނެ ހައިކްއަކީ އަޅުގަނޑުމެން ދެ މީހުންގެ ދަރިއެއްކަން. އަޅުގަނޑު ވަރަށް ބޭނުން މި ކައިވެނި ކުރާން. އެކަމަކު އޭގެ ކުރީން މަންމައާއި ކާފަގެ ޚިޔާލެއް އެނގެން އަޅުގަނޑު ބޭނުން. ކާފަ ގާތުގައި ބުނުމުގެ ކުރީން އަޅުގަނޑު މިއައީ މަންމަ ދެކޭގޮތެއް ހޯދަން." އިޒީކިއަލް ބުންޏެވެ.

"ފުރަތަމަ މަންމައަށް ޤަބޫލެއް ނުކުރެވުނު. އެކަމަކު މިހާރު އެނގޭ އިޒީކިއަލްއަށް އެ އަންހެންކުއްޖާ ވަރަށް ބޮޑަށް ކަމުގޮސްފިކަން. ހައިކްއަށް އަންނަމުންދާ ބަދަލުތައް ވެސް މަންމައަށް ފާހަގަވޭ. ބޮޑުވީ ސޫޒަންގެ ގާތުގައި ހުރެގެން ކަމަށް ވިޔަސް ސޫޒަންއަށްވުރެ އެކުއްޖާއަށް މިޔާ ކަމުދާކަން ޔަޤީން. އެކުއްޖާގެ ވާހަކަތަކުން ވެސް މިޔާއާ ބައްދަލުކޮށްލަން މަންމަ މިހުންނަނީ ބޭނުންވެފައި. އެހެންވެ ހިތަށް އަރާ އިޒީކިއަލް ރަނގަޅު ކުއްޖެކޭ ޚިޔާރުކުރީ. އެކަމަކު އޭގެ ކުރީން އިޒީކިއަލް ގޮސް ކާފައާ ވާހަކަދައްކާލަބަލަ. ކާފަ ފާހަގަކުރި އިޒީކިއަލް ދުރުން އުޅޭކަން. ކީއްވެތަ؟. ދަރިފުޅަށް ކުރީން ހެދުނު ގޯސްތަކަށް ކާފަ ގާތުން މަޢާފަށް އެދެފިނަމަ ކާފަ މަޢާފުކުރާނެކަން މަންމައަށް ޔަޤީން. ދެންމެ ކޮޓަރިއަށް އެ ދިޔައީ. އަދި ނުނިދާނެ. ދޭބަލަ ކާފަ ކައިރިޔަށް. ގޮސް އިޒީކިއަލް ތި ވާހަކަތައް ކާފައާ ޚިއްޞާކޮށްލަބަލަ. ވަރަށް އުފާވާނެ." ސަރީކާ ބުންޏެވެ.

"ކާފަ ހިތްހަމަނުޖެހިދާނެތީ." އިޒީކިއަލްގެ ފަސްޖެހުން ހާމަކޮށްލެވުނެވެ.

"އަޅެ ދިޔައިމައެއްނު އެނގޭނީ." ސަރީކާގެ އަތް ފޯރާހާ ކައިރީގައި އިން އިޒީކިއަލްގެ ވައަތު ކޮނޑުމަތީގައި ފިރުމާލަމުން ބުންޏެވެ.

މަންމަ ބުނީތީއާއި ކޮންމެހެން ވެސް ކުރާންޖެހިފައި އޮތްކަމެއްކަން އެނގޭތީ އިޒީކިއަލް ތެދުވި އެވެ. އާސިފްގެ ކޮޓަރިއާ ދިމާއަށް އޭނާ އައެވެ. އާސިފްގެ ކޮޓަރިއާ ހަމައަށް އާދެވުމުން އިޒީކިއަލް ފަސްޖެހެވި މަޑުކޮށްލި އެވެ. ދޮރުގައި ޓަކިޖަހާލަން އަތް ހިއްލާލައިފައި ވެސް އޭނާއަށް މަޑުކޮށްލެވުނީ އެވެ. ދެން ނަފްސު ހަމައަކަށް އަޅުވާލުމަށް ފުންނޭވާއެއް ދޫކޮށްލާފައި ދޮރުގައި ޓަކި ޖަހައިފި އެވެ. ކާކުތޯ އާސިފް އަހާލި އަޑު އިވުނެވެ.

"އަޅުގަނޑު." ދޮރާ ކައިރިވެލަމުން އިޒީކިއަލް ބުންޏެވެ.

"ވަދޭ." އާސިފްގެ ބުންޏެވެ.

ދޮރުހުޅުވާލާފައި އިޒީކިއަލް އެތެރެއަށް ވަދެ އިހު ހުރިހެން ދޮރުފަތް ލައްޕާލި އެވެ. އޭރު އެނދުގައި އޮވެފައި އާސިފް ތެދުވެ އިށީންނަނީ އެވެ.

"ކިހިނެއްވީ ދަރިފުޅު." އާސިފް އަހާލި އެވެ. އިޒީކިއަލްގެ ހިތަށް އަސަރުކުރި އެވެ. ކާފަގެ އަޑުގައިވީ އޯގާތެރިކަމާއި ގާތްކަން އިޙްސާސް ކުރެވިފަ އެވެ. މަޑުމަޑުން އައިސް އާސިފްގެ ގާތުގައި އެނދު އަރިމަތީ އިޒީކިއަލް އިށީނެވެ.

"ކާފަގެ ބަސް ޤަބޫލުނުކުރެވުނީތީ އަޅުގަނޑު މިއަދު ދެރަވޭ. އެހެންވީ އަޅުގަނޑަށް ސޫޒަންގެ ހަޤީޤަތް ނޭނގި އޮތީމަ. އަޅުގަނޑު މިރޭ މިއައީ ކާފައާ ވަރަށް މުހިންމު ވާހަކަތަކެއް ކިޔާދޭން." އިޒީކިއަލް އިސްއޮބާލައިގެން އިނދެ ވާހަކަދެއްކި އެވެ.

"ދަރިފުޅު އެކަން ހުއްޓާލައިފީމެންނު. ފަހުންވިޔަސް ދަރިފުޅަށް ވިސްނުނީތީ ކާފަ މިހުރީ ހިތްހަމަޖެހިފައި. ކާފަ މަޢާފުކޮށްފިން." އާސިފް ބުންޏެވެ.

"ކާފާ. ހައިކްއަކީ ސޫޒަން ގެނެސްގެން ބަލާ ކުއްޖެއްނޫން. އެއީ އަޅުގަނޑުގެ އަމިއްލަ ދަރިއެއް." އިޒީކިއަލްއަށް ދެން ވެސް އިސްއުފުލާލާއި އާސިފްއާ ހަތަރުކަޅި ހަމަކޮށްލަން ނުކެރި އިނދެ ވާހަކަދެއްކި އެވެ.

"އިޒީކިއަލް ހީކުރަނީ ދަރިފުޅު އުޅޭނޫޅޭ ގޮތް ކާފަ ނުބަލާކަމައްތަ. ދަރިފުޅު މީހަކާ އިންކަން އެނގޭ. އެކަން އެނގުމުން ހިތަށް އެރި އެ ކައިވެނި ދަރިފުޅާއި ސޫޒަން ދުރުކުރުވާނޭ ސަބަބަކަށް ވާނެނަމައޭ. އެ އަންހެނާ ދޫކޮށްލާފައި އެކައިވެނީގެ މަތީ އިޒީކިއަލް ހުންނަން ނިންމާނެނަމައޭ. އެކަމަކު ކާފަ އަޑުއެހިން ދަރިފުޅު ބޭރަށް ގޮސްފައި އައިއިރު އެ ކައިވެނި ރޫޅާލައިފިކަން." އާސިފް ބުންޏެވެ.

"މިހާތަނަށް ވަރަށް ގިނަ ގޯސް ހެދިއްޖެ. ދެން ގަސްދުކުރަނީ ހެދުނު ގޯސްތައް ރަނގަޅުކުރާން. ކާފާ. އަޅުގަނޑު ކައިވެނި ކުރި ކުއްޖަކީ މިޔާ. މަޝްހޫރު ވިޔަފާރިވެރިޔާ މަޒީދުގެ ދަރިއެއް. އެއީ ހައިކްގެ މަންމަ. އަޅުގަނޑު އޭނާއާ އަލުން ކައިވެނި ކުރާން ނިންމައިފިން. ކާފައާއި މަންމައާ ބައްދަލުކޮށްދޭން މިގެއަށް ގެންނަން ބޭނުން. އެއީ ރަނގަޅު އަންހެންކުއްޖެއް. ކާފަ އެދޭނަމަ އޭނާގެ ހުރިހާކަމެއް ބަލަންވީ. އެއީ ސޫޒަންއެއްނޫން." އިޒީކިއަލް ބުންޏެވެ.

"މަޒީދު... މާޒީދު ދޯ... އޭނާ ނިޔާވެއްޖެ ދޯ." ހަނދާންކުރަމުން އާސިފް ބުންޏެވެ. މިޔާއާ ބެހޭ ތަފްޞީލެއް ކާފައަށް ނޭނގޭކަން އިޒީކިއަލްއަށް އެނގުނީ ދެނެވެ.

"ލައްބަ. މިޔާގެ ހުރިހާ ވެސް މީހަކީ އެއީ. މިހާރު އޭނާގެ ޢާއިލާއެއްނެތް. ކާފައާއި މަންމަގެ ހުއްދައާއެކީ ކައިވެނި އަވަސްކުރާން އަޅުގަނޑު ވަރަށް ބޭނުން." އިޒީކިއަލް ބުންޏެވެ.

"ދަރިފުޅު މީހަކާ އިންނަންވެފަ ތިހުރީ. ރަނގަޅުކުއްޖާ ގުޅޭން ކާފަމެން އަބަދުވެސް އެދެމުން އައީ. މިވަގުތުގެ ހާލަތައް ބަލާއިރު ތިބުނާ ކުއްޖާއާ އިނުން އެއީ ރަނގަޅު ނިންމުމެއްހެން ކާފައަށް ވެސް ފެނޭ. ކޮންމެގޮތެއް ވިޔަސް ހައިކްގެ މަންމަ އެއީ. ދަރީން ލިބުނީމާ އެ ދަރީންނާ މެދު ވެސް ވިސްނަން އެބަޖެހޭ. ދަރިފުޅުމެން ދެ ކުދީން އެ ދަރިފުޅަށް ޓަކައި ގުޅުނަސް ކާފަ އެދެނީ ދެ ކުދީން ވެސް ވާހަކަދައްކާފައި ތިހާ ބޮޑު ނިންމުމެއް ނިންމަން. ދެ ކުދީންގެ ހިތްހަމަޖެހުން ވެސް ތި ނިންމުމުގައި އޮންނަންވާނެ. އެހެންނޫނީ ކައިވެނި ދަމަހައްޓަން އުނދަގޫވާނެ." އާސިފްގެ ޚިޔާލު ފާޅުކުރި އެވެ.

"އަޅުގަނޑަށް ވަރަށް ކަމުދޭ މިޔާ. އަޅުގަނޑު މިޔާއާ ވެސް ވާހަކަދެއްކިން. އޭނާ އެއްބަސްވީމާ އަޅުގަނޑު ކާފަ ގާތަށް މި ވާހަކަ ހިފައިގެން މިއައީ. ޢާއިލާއިން ނިންމާގޮތެއް ބުނާނަންކަން އަޅުގަނޑު މިޔާ ކައިރީ ބުނިން." އިޒީކިއަލް ބުންޏެވެ.

"އެހެންވީރު ގެންނަންވީނު މިގެއަށް. އިޒީކިއަލްގެ މަންމަ ކައިރީ އަހައިގެން ދުވަހެއް ހަމަޖައްސާ. ކާފަ މިހުރީ ތިބުނާ ކުއްޖާއާ ބައްދަލުކުރާން ތައްޔާރަށް." އާސިފް ބުންޏެވެ.

(ނުނިމޭ)