ހަބަރު

އެއް ކޮޓަރީގެ ފްލެޓުތައް ނުފެނުމުން ބޯހިޔާވަހިކަމަށްދޭ ސަމާލުކަން އެނގިއްޖެ: އިދިކޮޅު

Jul 7, 2020
8

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހިންގި ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިމުގައި އަޅާފައިވާ ފްލެޓުތަކުގައި، އެއް ކޮޓަރީގެ އެއްވެސް ފްލެޓެއް އަޅާފައި ނެތް ކަމަށް ވިދާޅުވެ ޕްލޭނިން މިނިސްޓަރު، މުހައްމަދު އަސްލަމް އިތުރުފުޅު ހެއްދެވިކަމަށް ވިދާޅުވެ އިދިކޮޅު ޕްރޯގްރެސިވް ކޯލިޝަނުން މިއަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ފްލެޓްތައް ބަލާލުމަށް ފަހު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެސަރަހައްދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެއް ކޮޓަރީގެ އެޕާޓްމަންޓްތައް އެ ސަރަހައްދުގައި އެބަ ހުރި ކަމަށާއި އެ މަސައްކަތް ކުރިއަށްދާކަން މިހާރުގެ މިނިސްޓަރަށް ނޭނގުމުން މި ސަރުކާރުން ބޯހިޔާވަހިކަމަށް ދެއްވާ އިސްކަން އެނގިގެންދާ ކަމަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި އިއްޔެ ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕްލޭނިން މިނިސްޓަރު ވިދާޅުވީ، އެއްކޮޓަރީގެ ފްލެޓު ކެޓަގަރީއެއް އިއުލާން ކުރި ކަމުގައި ވިޔަސް، ދެވަނަ ފިޔަވަހީގައި އެއްކޮޓަރީގެ އެއްވެސް ފްލެޓެއް އަޅާފައި ނެތް ކަމަށެވެ.

"މި ކެޓަގަރީތައް އިއުލާންކޮށްފައި ހުރި ކަމުގައި ވިޔަސް އެ ކެޓަގަރީތަކަށް ފްލެޓެއް އެޅުމުގެ މަސައްކަތް ކުރިއަށްގެންގޮސްފަ އެއް ނުވޭ. އެއީ، 18- އަހަރާއި 40 އަހަރާ ދެމެދުގެ އެއް ރޫމް، މާލޭ ރަށްވެހިންނަށް އެއް ރޫމް، ދަފްތަރު މީހުން އެއް ރޫމް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެއް ރޫމް އަދި އަލަތު ކައިވެންޏަށް އެއް ރޫމް. އެއް ކޮޓަރީގެ އެއްވެސް ތަނެއް ހިޔާ މަޝްރޫއުގެ ދަށުން އަޅާފަ ނެތްކަން ވަރަށް ސާފުކޮށް ދަންނަވާލަން،" އަސްލަމް ވިދާޅުވި އެވެ.

ނަމަވެސް، މުއިއްޒު މިއަދު ވިދާޅުވީ ހިޔާ މަޝްރޫއުގެ 7،000 ފްލެޓާ އެކު އެއް ކޮޓަރީގެ ފްލެޓުތަކުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމީ ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރޭގައި ހިމަނައިގެން ކަމަށެވެ.

އޭގެ ތެރޭގައި ފެނަކަ އާއި ސްޓެލްކޯ އާއި އެމްޕީއެލް އާއި އެމްޑަބްލިއުއެސްސީ އާއި އެމްޓީސީސީގެ އިތުރުން އިމިގްރޭޝަނާއި ކަސްޓަމްސް ވެސް ހިމެނޭއިރު، އެ އިމާރާތްތަކުގެ ފުރަތަމަ ހަތަރު ފަންގިފިލާގައި ހިމެނޭ ފްލެޓުތައް އެޗްޑީސީ އާ ހަވާލުކުރާ ގޮތަށް ރައީސް ޔާމީންގެ ސަރުކާރުން ނިންމާފައިއޮތް ކަމަށް މުއިއްޒު ފާހަގަކުރެއްވި އެވެ.

އެގޮތުން، ސްޓެލްކޯ އަދި އެމްޕީއެލްގެ ޓަވަރުތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެތަންތަން އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން މިއަދު ބަލާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، ކުރީގެ ސަރުކާރުން މަސައްކަތް ފެށި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ވާހަކަ ވެސް މި ސަރުކާރުން ނުދައްކާ ކަމަށާއި އެކަމަކު އެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން ތިން ކޮޓަރީގެ 1،530 އެޕާޓްމަންޓުގެ ސްޓްރަކްޗާގެ ބޮޑު ބައި ވެސް މިހާރު ނިމިފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެެ.

"... މިހުރިހާ ކަމެއް އަޅުގަނޑުމެން ފަށާފައި އޮތީ. އެކަމަކު މި ސަރުކާރުން އައިސް މިހުރިހާ ކަމަކަށް ފަސް އަޅައި ފޮރުވާލައިފަ އަދި އެކަންކަން ނުކުރާ ކަންކަމަށް ހަދައި، އަދި ހިނގަމުންދާ ކަންކަން ސްލޯކޮށްލައި، މިކަހަލަ ގޮތަކަށް ކަންކަން މިދަނީ،" ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މި ސަރުކާރުން ބިންގާ އެޅި އެއްވެސް މަޝްރޫއުއެއް ނެތްކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިމުގައި އަޅާފައިވާ ފްލެޓްތަކަށް ވަދެވޭނީ، އަށް މަސް ފަހުން ކަމަށްވެސް މިނިސްޓަރު އަސްލަމް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ކުރަން ފަށައި، އަދި ނިންމާފައިވާ މަޝްރޫއުތައްވެސް މި ސަރުކާރަށް ކުރިއަށް ނުގެންދެވިގެން އުޅޭ މަންޒަރު ފެންނަމުންދާ ކަމަށާއި، ރައްޔިތުން އެދޭ ތަރައްގީ ގެނައުމަށް މި ސަރުކާރުގެ ސްޕީޑް އަވަސް ކުރަންޖެހޭ ކަމަށެވެ.