ހުޅުމާލޭގައި މާދަމާ ރޭ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ބާއްވަން ނިންމާފައިވާ ކޮތަރު ކޮށި ޖަލްސާއަށް އެއްބާރުލުން ދޭނީ އެޗްޑީސީން ހުއްދަ ދިނީމަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައިވަނީ ކޮތަރު ކޮށި ޖަލްސާއާއި ގުޅޭގޮތުން މިއަދު އިދިކޮޅުގެ އިސްވެރިންނާ ބައްދަލުކޮށް ދެއްކި ވާހަކަތަކުގަ އެވެ.
އެ ބައްދަލުވުން ނިންމާލުމަށްފަހު ޕީއެންސީގެ ނާއިބު ރައީސް އަދި ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ މާދަމާ ރޭ ހިޔާ ފްލެޓް ސަރަހައްދުގައި ޖަލްސާ ބޭއްވުމަށް އިދިކޮޅުން ޖެހި ހޮޅިދަނޑިތައް ފުލުހުންނާއި އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ބައިވެރިވެގެން ނަގާފައިވާތީ އެކަމުގެ ކަންބޮޑުވުން ފުލުހުންނާ ހިއްސާކުރި ކަމަށެވެ.
ޝުޖާއު ވިދާޅުވީ ކޮތަރު ކޮށި ޖަލްސާ ބޭއްވުމަށް ފުލުހުންގެ ފަރާތުން އެއްބާރުލުން ދިނުމަށް އެދިފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް ފުލުހުންގެ ޖަވާބަކަށްވީ މަސްލަހަތަށްޓަކައި އެޗްޑީސީގައި ހުއްދައަށް އެދުމަށްފަހު ޖަލްސާ ކުރިއަށް ގެންދިއުމަށް ކަމަށް ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލާމަރުކަޒީ ގާނޫނޫގެ ދަށުން ހުޅުމާލޭގެ ޕަބްލިކް ބިމެއްގައި ހަރަކާތެއް ހިންގުމަށް އެޗްޑީސީގައި އެދެން ނުޖެހޭނެ ކަމަށާއި އެ ހުއްދަ ހޯދަންޖެހޭނީ ސިޓީ ކައުންސިލް މެދުވެރިކޮށް ކަމަށެވެ. އެހެންކަމުން މާދަމާ ރޭ ހުޅުމާލޭގައި ޖަލްސާ ބާއްވަން އެޗްޑީސީގައި ހުއްދައަށް ނޭދޭނެ ކަމަށް ފުލުހުންނަށް އަންގާފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"ފުލުހުން ބުނި އަޅުގަނޑުމެން ކައިރީގައި ޖަލްސާއަށް އެއްބާރުލުން ދެވޭނީ، އެޗްޑީސީން ހުއްދަ ދިނީމަ ކަަމަށް. އެކަމަކު ސިޓީ ކައުންސިލްގެ އިހްތިސޯސްގައި އޮތްތަނަކުން އެޗްޑީސީގެ ހުއްދަ ނަގާކަން ނުޖެހޭނެ." ޝުޖާއު ވިދާޅުވި އެވެ.
ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޖަލްސާއެއް ބާއްވަން ނިންމާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެތަން ތައްޔާރުކުރަން ފެށުމުން މައްސަލަ ވަނީ ގޯސްވެފަ އެވެ. މައްސަލަ ގޯސްވީ ހުޅުމާލޭގެ ބިމުގެ ބެލެނިވެރިކަން އޮތް އެޗްޑީސީގެ ހުއްދަ ނުހޯދާ ޖަލްސާ ބާއްވަން މަސައްކަތް ކުރަމުންދާތީ އެވެ.
ޕީޕީއެމްގެ ޖަލްސާއަށް ދެވަނަ ފޭސްގެ ހިޔާ ފްލެޓް ހިމެނޭ ސަރަހައްދު ތައްޔާރުކުރަން ފެށުމުން އެޗްޑީސީން ވަނީ ބޮޑެތި ވެހިކަލްތައް އެ ސަރަހައްދުގައި ޕާކުކޮށްފަ އެވެ. އަދި ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ޖަލްސާގެ ތައްޔާރީތައް ހުއްޓުވާފަ އެވެ.