އިބްރާހިމް ޝުޖާއު

މި ސަރުކާރަށް ގިނަ ދުވަހެއް ނެތް: ޝުޖާއު

އިދިކޮޅު ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު ޝުޖާއު އާއި އަބްދުއްރަހީމް ވަނީ ހައްޔަރުވެސް ކޮށްފަ އެވެ. އެ ދެ ބޭފުޅުން ހައްޔަރު ކުރީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޑް ވެކްޝިނާ ބެހޭ ގޮތުން އަޑު އުފުލައި ދަރުބާރުގޭ ކުރިމަތީގައި އިހުތިޖާޖު ކުރަމުން ގެންދަވަނިކޮށެވެ. ހައްޔަރުކޮށް ފަހުން ވަނީ ދޫނިދޫއަށް ގެންގޮސްފަ އެވެ. ފުލުހުން މަސައްކަތް ކުރީ ކޯޓަށް ބަޔާން ދީގެން އެ ދެ ބޭފުޅުންގެ ބަންދަށް މުއްދަތު ހޯދާށެވެ. އެ ދެ ބޭފުޅުން ދޫކޮށްލާފައި ބޭތިއްބުން ނުރައްކާ ކަމަށްވެސް ފުލުހުން ކޯޓްގައި ބުންޏެވެ. ނަމަވެސް ކޯޓުން ވަނީ ފުލުހުންގެ ހުށައެޅުން ބަލައިނުގަނެ އެ ދެ ބޭފުޅުން ދޫކޮށްލާފަ އެވެ.

މިއަދު ޝުޖާއު ފުލުހަށް ހާޒިރު ކުރީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތާއި ގުޅިގެން ބަޔާނެއް ނެގުމަށެވެ. ދެ ގަޑިއިރާއި 30 މިނެޓް ފުލުހުންގެ އިދާރާގައި އިންނެވުމަށް ފަހު ނިކުމެވަޑައިގެން ޝުޖާއު ވިދާޅުވީ ދަރުބާރުގެ ކައިރީގައި އޮތް އެއްވުމުގައި ފުލުހުންގެ ލައިނެއް ފަޅާލި ކަމަަށް ބަންދުގެ މަޖިލީހުގައި ފުލުހުން ބުނި ނަމަވެސް އެފަދަ އެއްވެސް ވާހަކައެއް މިއަދު ފުލުހުން ނުދައްކާ ކަމަށެވެ.

ފުލުހުންގެ ތުހުމަތުގައި އެއްވެސް އަސާސެއް ނެތް ކަމަށް ވިދާޅުވެ ޝުޖާއު ވިދާޅުވީ ފުލުހުން މިއަދު އަމަލު ކުރި ގޮތުން އެއްވެސް މައްސަލައެއް ނެތްކަން ޔަގީން ކުރެވިއްޖެ ކަމަށެވެ. އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާ އެކި މައްސަލަތައް އުފައްދަނީ ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތް ކުރާތީ އެކަމަށް ހުރަސް އެޅުމަށް ކަމަށްވެސް ވިދާޅުވި އެވެ.

"ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތުގައި އަބަދުވެސް އަޅުގަނޑުމެން ދެމި ތިބޭނަން. އަޅުގަނޑަށް ގަބޫލުކުރޭ ގޮތުގައި މި ސަރުކާރަށް ދެން މާގިނަ ދުވަހެއް ނެތް މިހާރަކު. މިހާރު ރައީސުލްޖުމްހޫރިއްޔާ އޮފީހަށް ވަޑައިގަންނަވާއިރު ގަހެއް ތެޅިލިޔަސް ހީވަނީ އެ ވެއްޓެނީއޭ. އެ ހާލަތުގައި މި ސަރުކާރު މި އޮތީ. ދިވެހި ރައްޔިތުން ހިތްވަރު ކުރަންވީ،" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގައި ސަރުކާރުން ހިންގާ ވައްކަމާއި ހަދަމުންދާ ގޯސްތަކުގެ ވާހަކަ ދައްކާނެ ކަމަށާ އެކަންކަން ހުއްޓުވަން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް ނުވާނެ ކަމަށެވެ.

މިދިޔަ މަހުގެ 27 ވަަނަ ދުވަހު އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ދަރުބާރުގޭ ކައިރީ ކުރި މުޒާހަރާއާ ގުޅިގެން އަބްދުއްރަހީމް އިއްޔެ ވަނީ ފުލުހަށް ހާޒިރު ކޮށްފަ އެވެ. އަބްދުއްރަހީމް ވިދާޅުވީ ފުލުހަށް ހާޒިރުކޮށް ތިން ތުހުމަތެއްކޮށް ބަޔާނެއް ނަގާފައިވާ ކަމަށެވެ.

އަބްދުއްރަހީމްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ ފުލުހުން ބަންދުކޮށްފައި އޮތް ސަރަހައްދަކަށް ވަނުމާއި ފުލުހުންގެ ދައުރު އަދާ ކުރަން ހުރަސް އެޅުމާއި ދަތުރުފަތުރަށް އުނދަގޫވާ ގޮތަށް ގޮތަށް މަގުބަންދު ކޮށްގެން އިށީނދެ އިންނަވައި އަޑުގަދަ ކުރެއްވުމެވެ.

އޭނާ ވިދާޅުވީ ފުލުހުން ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށެވެ. އެ ދުވަހު ދަރުބާރުގެ ކައިރިއަށް އެއްވިއިރު އެ ސަރަހައްދު ފުލުހުންް ބަންދުކޮށްފައި ނުވާ ކަމަށާ އެ ސަރަހައްދަށް ފުލުހުން ދިޔައީ ވެސް މުޒާހަރާ ކުރަމުން ދަނިކޮށް ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ދަތުރުފަތުރަށް އުނދަގޫވާ ގޮތަށް ގޮތަށް މަގު ބަންދު ކޮށްގެން އިށީންދެ އިންނަވައި އަޑުގަދަ ކުރެއްވި ކަމަށް ފުލުހުން ބުނާއިރު މަގުމަތީ އިށީންދެ ވަޑައިގަތީ ކަކުލުގައި ރިއްސާތީ ކަމަަށެވެ.

"އަޅުގަނޑު އިށީނީ ކުޑަކޮށް ކަކުލުގައި ރިއްސާތީ. ހަމަ އިށީންތަނާ ފުލުހުންގެ ދެ މީހަކު އައިސް އަޅުގަނޑު ނަގައިފި. ނަގައިގެން އެއްވެސް ސުވާލެއް ވެސް ނުކޮށް ގެންދިޔައީ. ގެންދަނިކޮށް އަޅުގަނޑު އަޑު އެހިން ކައިރި ހުރި ފުލުހަކު ބުނި އަޑު 'ހައްޔަރަށް ވާ ގޮތަށް' ގެންދާށޭ. ދެން އެ ގެންގޮސް ބަހަށްލައިގެން ކަސްޓޯޑިއަލްއަށް ގެންދިޔައީ. ގެންދިޔައިރު ވެސް ނޭނގޭ މި އުޅެނީ ކީއްވެގެން ކަމެއް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދަރުބާރުގެ ކައިރިއަށް އެއްވުމުން އެތަނުން ދުރަށްދާން އެއްވެސް އިންޒާރެއް ފުލުހުން ނުދޭ ކަމަށާ ގާނޫނީ އިންޒާރުދޭން މަަސައްކަތް ކުރީ ކަސްޓޯޑިއަލްއަށް ގެންގޮސް ކަމަށެވެ. އިދިކޮޅުގެ އިސް ބޭފުޅުން ދަރުބާރުގެ ކައިރިއަށް ދިޔައީ އެޗްޕީއޭގެ އިސްވެރިންނާ ބައްދަލު ކުރުމަށް ކަމަަށާ ބޭނުމަކީ ވެކްސިނާމެދު ލިބިފައިވާ މައުލޫމާތުގެ ސައްހަކަން ޔަގީން ކުރުން ކަމަށްވެސް ވިދާޅުވިއެވެ.