އިބްރާހިމް ޝުޖާއު

ޑެޕިއުޓީ މޭޔަރަކަށް ޝުޖާއު ގެންނަން ކެންޕެއިނެއް

މިދިއަ ހޮނިހިރު ދުވަހު އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުމާލެ ދާއިރާއިން ކާމިޔާބު ހޯއްދެވި ޕީޕީއެމްގެ ކެންޑިޑޭޓް އިބްރާހިމް ޝުޖާއު، މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރަކަށް ގެނައުމަށް އިދިކޮޅު ދެ ޕާޓީގެ ސަޕޯޓަރުން ކެންޕެއިން ކުރަން ފަށައިފި އެވެ.

ކައުންސިލް އިންތިހާބުގައި ހުޅުމާލެ ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު ނުކުންނެވިއިރު އެމްޑީޕީގެ ޓިކެޓްގައި ނުކުންނެވީ ރިޒްނާ ޒަރީރެވެ. އެ ރޭހުގައި ޝުޖާއު ވަނީ ބޮޑު ތަފާތަކުން ރިޒްނާގެ މައްޗަށް ކުރި ހޯއްދަވާފަ އެވެ.

އިންތިހާބުގައި މާލޭ ސިޓީގެ 14 ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓުން ކާމިޔާބު ކޮށްފައި ވެއެވެ. މާލެއަށް މި ފަހަރުގެ އިންތިހާބަށް ޕީޕީއެމުން ނެރެފައިވަނީ ވެސް 14 ކެންޑިޑޭޓުންނެވެ. މާލޭގެ ފުރަތަމަ އިންތިހާބީ މޭޔަރަކީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.

ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރަން ފަށާފައިވާއިރު މާލޭގެ ހަ ވޯޓް ފޮއްޓެެއް ގުނަން އެމްޑީޕީން ވަނީ ހުށައަޅާފަ އެވެ. ވޯޓް ފޮށިތައް އަލުން ގުނައިފިނަމަ ބައެއް ދާއިރާތަކުން އެމްޑީޕީގެ ކެންޑިޑޭޓުން ކުރި ހޯދާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. ނަމަވެސް ހުޅުމާލޭގެ ނަތީޖާއަށް ބަދަލެއް ނާންނާނެ އެވެ.

ސިޓީ ކައުންސިލުގައި ހުޅުމާލެ ތަމްސީލު ކުރާނެ މެންބަރަކަށް ޝުޖާއު ވެވަޑައިގަންނަވާނެކަން ޔަގީންވުމުން އާ ދައުރުގައި މާލޭގެ ޑެޕިއުޓީ މޭޔަރަކަށް ވެވަޑައިގަންނަވާނީ ޝުޖާއު ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ރެއިން ފެށިގެން ޕީޕީއެމް އާއި ޕީއެންސީގެ ބައެއް ސަޕޯޓަރުން އަދި ދެ ޕާޓީގެ ބައެއް އިސް ބޭފުޅުން ވެސް ގެންދަވަނީ ޑެޕިއުޓީ މޭޔަރަކަށް އެންމެ ރަނގަޅީ ޝުޖާއު ކަމަށް ވިދާޅުވަމުންނެވެ.

ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ހަމްދާން ޝަކީލް ވިދާޅުވި ގޮތުގައި ޝުޖާއުއަކީ ޒުވާނުންގެ ތެރެއިން ނުކުތް ބޭފުޅެކެވެ. އެއީ ގާބިލް މެނޭޖަރެކެވެ. އަދި އެއީ ހިންގުންތެރިއެއްގެ އިތުރުން ބަހުގެ އިތުބާރު އޮތް ބޭފުޅެކެވެ.

"ޑެޕިއުޓީ މޭޔަރަކަށް ޝުޖާއު ހޮވަން އަޅުގަނޑު ތާއީދު،" ހަމްދާން ވިދާޅުވި އެވެ.

އެއް ޕާޓީއެއްގެ ގޮތުގައި ހިންގާ ދެ ޕާޓީގެ ބައެއް ސަޕޯޓަރުން ބުނަނީ ޝުޖާއުއަކީ ރައީސް ޔާމީން އެންމެ ބޮޑަށް ހާލުގައި ޖެހި ވަޑައިގެންނެވި ދުވަހު ވެސް ރައީސް ޔާމީންގެ ދިފާއުގައި އެއްވެސް ބިރެއް ނެތި އެންމެ ކުރީ ސަފުގައި ހުންނެވި ބޭފުޅެއް ކަމަށެވެ. އެހެންވެ މާލެ ސިޓީގެ ގޮނޑިތަކަށް އިންތިހާބުވެފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޑެޕިއުޓީ މޭޔަރަކަށް އެންމެ ރަނގަޅީ ޝުޖާއު ކަމަށެވެ.

ޝުޖާއުއަކީ މިދިޔަ 18 ވަނަ މަޖިލީހުގައި ބާރަށު ދާއިރާގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. ރައީސް ޔާމީން ޖަލަށް ލެވުނު ފަހުން ޕީޕީއެމުން ހިންގާ ބޮޑެތި ސިޔާސީ ހުރިހާ ހަރަކާތެއްހެން ލީޑް ކުރުމުގައި އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅަކީ ވެސް ޝުޖާއު އެވެ.

މާލެ ސިޓީ ކައުންސިލްގެ އާ ދައުރުގެ ޑެޕިއުޓީ މޭޔަރަކަށް ޝުޖާއު ގެނަން ކެންޕެއިނެއް ފަށާފައިވާއިރު މިހާރު ސާފުވެފައިވާ ނަތީޖާތަކުން ޕީޕީއެމްގެ ކެންޑިޑޭޓުން ބޭނުންވާ މެންބަރަކަށް ނޫނީ އެ މަގާމަށް ވަޑައި ނުގެންނެވޭނެ އެވެ. އަވަސް އެނގިފައިވާ ގޮތުގައި ޝުޖާއުގެ ޓީމުން ކެންޕެއިން ފެށީ އެ މަގާމަށް ބައެއް ކެންޑިޑޭޓުން ޝައުގުވެރިކަން ފާޅުކުރަން ފެށުމުންނެވެ.