ފަސް ކުރުމަށް ފަހު އަންނަ އަހަރު ބާއްވަން އިއުލާން ކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު ވާނީ މިހާތަނަށް ބާއްވާ އެންމެ ހުދުމުހުތާރު އިންތިހާބަށް ކަމަށް ކޮންގްރެސް ޕާޓީ (ޕީއެންސީ) ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ދެޕާޓީގެ ސިޔާސީ ގިނަ ހަރަކާތްތަކުގައި ފަހަކަށް އައިސް އިސްވެ އުޅުއްވާ ބާރަށު ދާއިރާގެ ކުރީގެ މެންބަރު މިހެން ވިދާޅުވެ، ތުހުމަތުތަކެއް ކުރެއްވީ ޓްވިޓާ މެދުވެރިކޮށެވެ.
އިންތިހާބު ބާއްވަން އިއުލާން ކޮށްފައިވާ ތާރީހަކީ އަންނަ އަހަރުގެ މާޗް މަހުގެ ހަ ވަނަ ދުވަހެވެ. ޝުޖާއު ވިދާޅުވަނީ އެ ދުވަހު ބާއްވާ އިންތިހާބު ވެގެން ދާނީ ތާރީހުގައި ވެސް ރާއްޖޭގައި ބާއްވާ އެންމެ ހުދުމުހުތާރު އިންތިހާބަށެވެ. އަދި އެއީ ވޯޓު ދިނުމުގައި އެންމެ ބޮޑެތި ހުރަސްތައް ކުރިމަތި ކުރުވާނެ އިންތިހާބަށް ވެސް ވެގެން ދާނެ އިރު އެ އިންތިހާބަށް ދުނިޔޭގެ މަލާމާތް ލިބޭނެ ކަމަށެވެ.
ކައުންސިލް އިންތިހާބުގެ ވޯޓް އަންނަ އަހަރު މާޗަށް އޮތް ނަމަވެސް މިހާރު ވަނީ އަނެއްކާވެސް އިންތިހޔާބުގެ ކެމްޕޭން ފަށައިގެންފަ އެވެ. މި އިންތިހާބަށް ކެމްޕޭން ކުރުމުގައި ހަމަހަމަ ފުރުސަތު ނެތް ކަމަށް ބުނެ އިދިކޮޅު ދަނީ ޝަކުވާ ކުރަމުންނެވެ.