ލޯކަލް ކައުންސިލް އިންތިހާބު ލަސް ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސަރުކާރާއި ގުޅިގެން ރައްޔިތުންނަށް ދަނީ ބޮޑެތި އޮޅުވާލުންތައް އޮޅުވާލަމުން ކަމަަށް އިދިކޮޅު ކޮންގްރެސް ޕާޓީ (ޕީއެންސީ)ގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ އިންތިހާބު ކުރިޔަށް ގެންދިއުމުގައި އަމަލު ކުރަންވީ ގޮތުގެ ގައިޑްލައިންގެ ސަބަބުން ގޮންޖެހުންތައް ހުރުމުން މިހާރު ކަނޑައަޅާފައިވާ ތާރީހުގައި އިންތިހާބު ނުބޭއްވިދާނެތީ އެކަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން އީސީން ވަނީ ނިންމާފަ އެވެ.
އެޗްޕީއޭއިން އާންމުކުރި ކައުންސިލް އިންތިހާބުގައި އަމަލު ކުރަން ޖެހޭ އާންމު އުސޫލުގައި އިންތިހާބަށް ތައްޔާރު ވުމުގަ އާއި އިންތިހާބު ބޭއްވުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ވޯޓުލާ މަރުކަޒުތަކުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ވޯޓު ގުނުމުގައި އަމަލު ކުރަންވީ ގޮތާއި އިންތިހާބުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މީހުން އަމަލު ކުރަން ޖެހޭ ގޮތްތަކާއި ވޯޓުލާ މަރުކަޒުގައި ހުންނަ ތަކެތީގެ ސާފު ތާހިރުކަން ހުންނަން ޖެހޭ ގޮތް ހިމަނާފައި ވެއެވެ.
އަދި ވޯޓުލާ މަރުކަޒުގައި އުފެދޭ ކުނި ނައްތާލާނެ ގޮތާއި ވޯޓުލުމަށް މަރުކަޒުތަކަށްދާ މީހުން އަމަލު ކުރަން ޖެހޭ ގޮތާއި އެކަހެރި ކޮށްފައިވާ މީހުން ވޯޓުލުމުގެ ކަންތައްތައް ހަމަޖެއްސަން ޖެހޭ ގޮތާއި އެކަހެރި ކޮށްފައިވާ މީހުން ވޯޓުލުމުގައި އަމަލު ކުރަން ޖެހޭ ގޮތްވެސް ބުނެދީފައި ވެއެވެ.
އީސީގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ ގައިޑްލައިނާއި އެއްގޮތަށް އިންތިހާބު ބޭއްވުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. އަދި މިއީ ބުރަ ބޮޑު އިންތިހާބަކަށް ވާނެ ކަމަށް ވިދާޅުވެ ކަންބޮޑުވުންތައް މަޖިލީހަށް ހުށައަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އިންތިހާބު ފަސް ކުރަން ހުށައެޅުމުގެ ވިސްނުމެއް އޮތް ނަމަވެސް މަޖިލީހުން ވަކި ގޮތެއް ނުނިންމާނަމަ އިންތިހާބުގެ މަސައްކަތްތައް މިހާރު ވެސް ކުރިއަށް ގެންދާ ގޮތަށް ގެންދާނެ ކަމަށެވެ.
އެކަމަށް އިޝާރާތް ކުރައްވާ އިދިކޮޅު ހަރަކާތްތައް ލީޑުކުރުމުގައި އިސްކޮށް އުޅުއްވާ ޝުޖާއު ވިދާޅުވީ މިއީ "ދުރާލާ ރާވައިގެން ހިންގާ ޖަރީމާއެއް" ކަމަށެވެ. އަދި އިންތިހާބު ފަސް ކުރަން އީސީ އާއި ސަރުކާރު ގުޅިގެން ރައްޔިތުންނަށް ބޮޑެތި އޮޅުވާލުންތައް އޮޅުވާލަމުން ގެންދާ ކަމަަށެވެ.
"ރައްޔިތުންނަށް ވޯޓްފޮށި ފޮރުވައިގެން އަބަދު ނުތިބެވޭނެ،" ހުޅުމާލެ ދާއިރާއަށް ކުރިމަތިލައްވާ އިދިކޮޅު ކެންޑިޑޭޓް ވިދާޅުވި އެވެ.
ފަސް ކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބު، އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު، ބާއްވަން ނިންމާ އެކަން އިއުލާނު ކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.
ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލި ނަމަވެސް، ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް އެ އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ތަސްދީގު ކުރައްވައިފަ އެވެ.
އެ ބިލުގައިވާ ގޮތުން ގާނޫނު އިސްލާހު ކުރާތާ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމުގެ މަސައްކަތް އީސީން ފަށަންޖެހޭނެ ކަމަށް ބަޔާން ކޮށްފަ އެވެ. ސިއްހީ ކުއްލި ހާލަތު ދެމި އޮވެއްޖެނަމަ، އީސީން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަންވާނީ، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތަށެވެ. އަދި އިންތިހާބުގެ ކަންކަން ފެށުމަށް އީސީން ކަނޑައަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތައް އެކުލަވާލައި، އާއްމުކުރަންވާނެކަމަށް އިސްލާހުގައި ވަނީ ހިމަނައިފަ އެވެ.