ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއިން ފަސް ކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް، އިންތިހާބުތަކާބެހޭ ހާއްސަ ގާނޫނަށް އިސްލާހެއް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
މި އަހަރުގެ އޭޕްރީލް މަހުގައި ބާއްވަން ތައްޔާރުވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައި ވަނީ ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އިގެ ހާލަތާއެކު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެންނެވެ.
ކައުންސިލް އިންތިހާބު ފަސް ކުރުމާއި ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލަތަކަށް ހައްލު ހޯދަން މަޖިލީހުން ވަނީ ސަންސެޓް ގާނޫނެއް ފާސް ކޮށްފަ އެވެ. އެ ގާނޫނު ބުނާ ގޮތުން ތަސްދީގު ކުރާތާ އަހަރު ދުވަސްތެރޭ އިންތިހާބު ބާއްވަން ޖެހެ އެވެ. އެހެންވީމަ މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ.
ނަމަވެސް، އެ ގާނޫނުގެ ހަތް ވަނަ މާއްދާގައި (ހ) ގައި ބުނާ ގޮތުން އިންތިހާބުގެ މަސައްކަތް އިލެކްޝަނުން މަސައްކަތް ފަށަން ޖެހޭނީ މިދިއަ މާޗް މަހުގެ 12 ވަނަ ދުވަހު އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ދިއުމުންނެވެ. އިންތިހާބާ ބެހޭ ކަންކަން ކުރިއަށް ގެންދިޔުމަކީ އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ކަމާ ބެހޭ ފަރާތްތަކުން ކަނޑައަޅުމުން ނޫނީ އަލުން އެ އިންތިހާބު ނުބޭއްވޭނެ ކަމަށް އެ ގާނޫނުގައި ވެއެވެ.
އެހެންވެ އީސީން ވަނީ މާޗް މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް ކަނޑައަޅައި، އެންމެ ލަސްވެގެން އިއްޔެގެ ނިޔަލަށް ކުއްލި ހާލަތު އުވާލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ކިބައިން އެދިފައި އެވެ. ނަމަވެސް، ބަލިމަޑުކަމުގެ ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު އޮތްކަމަށް ބުނެ، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އިއްޔެ ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމައަށް އިތުރު ކޮށްފަ އެވެ.
އެ މުއްދަތު އިތުރު ކުރުމުން، މާޗް މަހު އިންތިހާބު ދެން ނުބޭއްވޭނެ ކަމަށް އީސީން ބުނެފައިވާއިރު، އެ އިންތިހާބު ބޭއްވޭނެ ކަމާމެދު ވެސް ވަނީ ސުވާލު އުފެދިފައި އެވެ.
ގާނޫނު އިސްލާހު ކޮށްގެން ނަމަވެސް، އިންތިހާބު ވީހާވެސް އަވަހަށް ބޭއްވުމުގެ މުހިއްމުކަން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ފާހަގަ ކުރައްވާފައި ވަނިކޮށް، އީސީގެ ރައީސް އަހުމަދު ޝަރީފް އާދަމް މިއަދު އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އަންނަ މެއި މަހަށް ވުރެ އިންތިހާބު ފަސް ކުރުމުގެ ބަދަލުގައި، ކުއްލި ހާލަތު އުވާ ނުލިޔަސް، އިންތިހާބު ބޭއްވުމުގެ ޖާގަ ލިބޭ ގޮތަށް ސަންސެޓް ގާނޫނަށް އިސްލާހެއް ޑްރާފްޓް ކުރުމުގެ މަސައްކަތް މިހާރު އީސީން އިސްވެ ކުރާ ކަމަށެވެ.
ކުއްލި ހާލަތުގެ ސަބަބުން ގޮންޖެހުންތައް
ޝަރީފު ވިދާޅުވީ ކުއްލި ހާލަތުގެ ތެރެއިން އިންތިހާބު ބޭއްވުމާ ގުޅޭ ގޮތުން، އަދި ރަސްމީކޮށް އެޗްޕީއޭ އާއެކު މަޝްވަރާ ކުރެވިފައި ނުވި ނަމަވެސް، އީސީން ކަނޑައަޅާ ރައްކާތެރިކަމުގެ އުސޫލުތަކެއްގެ ތެރެއިން އިންތިހާބު ބޭއްވިދާނެ ކަމުގެ އިޝާރާތެއް ލިބިފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވި ގޮތުގައި، ގާނޫނު އިސްލާހު ކުރި ނަމަވެސް، ސިއްހީ ކުއްލި ހާލަތެއްގެ ތެރެއިން އިންތިހާބު ބޭއްވުމަށް އީސީއަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ.
އެ ގޮތުން ކުއްލި ހާލަތުގައި އެޗްޕީއޭއަށް ގާނޫނީ ގިނަ ބާރުތަކެއް ލިބިދޭއިރު، އިންތިހާބު ބޭއްވުމުގެ އުސޫލުތަކަށް އީސީގެ މައްޗަށް ބަސް ކިޔޭނަމަ، ގިނަ ދަތިތައް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޮވިޑް-19 އިގެ ސަބަބުން ކެމްޕޭނު ކުރުމަށް ރަށްރަށަށް ދަތުރު ކުރުމާއި، ކަރަންޓީނު ވާން ޖެހުން ފަދަ ފިޔަވަޅުތަކުގެ ސަބަބުން ނުކުންނާނެ މައްސަލަތައް ވެސް ހުންނާނެ އެވެ.
"ކެމްޕޭނު ކުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް ބުނުމަކީ އަބަދުވެސް ކުރާ ޝަކުވާއެއް. މި ހާލަތުގައި ވެދާނެ ގޮތަކީ، މަޝްރޫއުތަކުގެ ނަމުގައި ބައެއް ބޭފުޅުންނަށް ކަރަންޓީނުވާން ނުޖެހޭ ގޮތަށް ރަށްރަށަށް ދަތުރު ކުރުމަށް ފުރުސަތު ލިބުން. އޭގެން އެހެން ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް ބުނެ ގާނޫނީ މައްސަލަތަކެއް ކުރިމަތި ކުރުވުމުގެ ޖާގަ އޮންނާނެ،" އޭނާ ވިދާޅުވި އެވެ.
އިންތިހާބުތަކުގައި ވޯޓުލާ މަރުކަޒުތައް މައިގަނޑު ގޮތެއްގައި ސްކޫލްތަކުގައި ގާއިމު ކުރާއިރު، އަންނަ އާދީއްތަ ދުވަހު ސްކޫލްތައް އަލުން ހުޅުވަ އެވެ. ވޯޓަށް ފަހު އެތަންތަން ޑިސްއިންފެކްޓު ކުރަން ޖެހުމަކީ ހަރަދު އިތުރަށް ބޮޑުވެގެންދާނެ ކަމެއްކަން ވެސް ޝަރީފް ފާހަގަ ކުރެއްވި އެވެ.
ވޯޓުލުމުގައި ސްކޫލްތައް ބޭނުން ކުރާނަމަ، އެ ތަންތަން ރަނގަޅަށް ޑިސްއިންފެކްޓު ކުރުމަކީ ޝަރުތެއްގެ ގޮތުގައި އެޑިޔުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ކަން ކަން ކަމަށް ފާހަގަ ކުރައްވަމުން، ޝަރީފު ވިދާޅުވީ، ހުރިހާ ސްކޫލްތައް ޑިސްއިންފެކްޓު ކުރުމަށް ބޮޑު ހަރަދެއް ކުރަންޖެހޭނެ ކަމަށް ލަފާ ކުރެވޭއިރު، އެކަން އިންތިހާބުގެ ބަޖެޓުގައި ހިމަނާފައި ނެތް ކަމަށެވެ.
އެނާ އަދި ވިދާޅުވީ ބަލިމަޑުކަމެއްގެ ތެރެއިން އިންތިހާބު ބާއްވަން އޮފިޝަލުން ލިބުމުގައި ދަތި ކަމަކަށް ވާނެ ކަމަށެވެ.
އިންތިހާބާ ބެހޭ ހާއްސަ ގާނޫނުގެ ދަށުން އަންނަ މެއި މަހުގެ ނުވަ ވަނަ ދުވަހަކީ އެންމެ ފަހު ތާރީހުކަމަށް ބަޔާން ކޮށްފައިވާއިރު، މާޗް މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް އީސީން ކަނޑައަޅާފައި ވަނީ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ރޯދަ މަސް ފެށޭތީ އެވެ. ރޯދަ މަހު އިންތިހާބެއް ބޭއްވުމަކީ އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެކެވެ.