ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

އިންތިހާބު އޮންނާނީ އޭޕްރީލް 10 ގައި

ފަސް ކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބު، އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު، ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ކަނޑައަޅައި އެކަން އިއުލާންކޮށްފި އެެވެ.

ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލި ނަމަވެސް، ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް އެ އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ތަސްދީގު ކުރައްވައިފަ އެވެ.

އެ ބިލުގައިވާ ގޮތުން ގާނޫނު އިސްލާހުކުރާތާ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމުގެ މަސައްކަތް އީސީން ފަށަންޖެހޭނެ ކަމަށް ބަޔާން ކޮށްފަ އެވެ.

ސިއްހީ ކުއްލި ހާލަތު ދެމި އޮވެއްޖެނަމަ، އީސީން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަންވާނީ، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތަށެވެ. އަދި އިންތިހާބުގެ ކަންކަން ފެށުމަށް އީސީން ކަނޑައަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތައް އެކުލަވާލައި، އާއްމުކުރަންވާނެކަމަށް އިސްލާހުގައި ވަނީ ހިމަނައިފަ އެވެ.

މިހާރު ކުރިއަށްދާ އީސީގެ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި އީސީގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ އެ ގާނޫނުގައި ބަޔާންކޮށްފައިވާ އެއް އަހަރުގެ މުއްދަތުގެ ތެރޭގައި އިންތިހާބު ބޭއްވުމަށްޓަކައި، އިންތިހާބު ބާއްވާ ތާރީހެއްގެ ގޮތުގައި އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަސް ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން، ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އަންނަ ހުކުރު ދުވަހު އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށާނެކަމަށް ޝަރީފް ވިދާޅުވި އެވެ.

އެޗްޕީއޭ ކަނޑައަޅާ އުސޫލާ އެއްގޮތަށް އިންތިހާބު ބޭއްވުމަށް އީސީއަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މިއަދުވެސް ޝަރީފް ވަނީ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ.

ނަމަވެސް، މިހާރު ގާނޫނު އޮތް ގޮތުން، ގާނޫނުގައި ބަޔާންކުރާ މުއްދަތަށް ވުރެ ފަހުގެ ތާރީހެއް ކަނޑައެޅުމުގެ އިހުތިޔާރެއް އީސީއަށް ނެތް ކަމަށް ގާނޫނީ ޓީމުން ލަފާދީފައިވާކަމަށް އިތުރަށް ވިދާޅުވި އެވެ.

އިންތިހާބާބެހޭ ހާއްސަ ގާނޫނުން ބަޔާންކޮށްފައިވާ އެއް އަހަރު ދުވަހުގެ މުއްދަތު އަންނަ މެއި މަހުގެ ނުވަ ވަނަ ދުވަހަށް ހަމަވާއިރު، އޭގެ ކުރިން އިންތިހާބު ނުބޭއްވޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ސަބަބުތައް ބަޔާންކޮށް އެ މުއްދަތު ހަމަވުމުގެ 30 ދުވަހުގެ ކުރިން އީސީން އެކަން މަޖިލީހަށް އަންގަންޖެހޭ ގޮތަށް މަޖިލީހުން ގެނައި އިސްލާހުތަކުގައި ހިމެނެ އެވެ.

އަދި އިންތިހާބު އެ މުއްދަތަށް ވުރެ ފަސްކުރަން ސިޔާސީ ޕާޓީތަކުގެ ލަފަޔަކަށް އެދުމުން، އެ ލަފާ ލިބިފައިނުވާކަމަށް ޝަރީފް ވިދާޅުވި އެވެ.

"ޕޮޒިޓިވް ރެސްޕޮންސެއް ނޫން ދެއްވާފައި އޮތީ. މަޝްވަރާ ދެއްވާފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.

އެހެންކަމުން މިހާރު ކަނޑައަޅާފައިވާ ތާރީހުގައި އިންތިހާބު ނުބޭއްވޭނެކަމަށް އީސީއަށް ފެނިއްޖެނަމަ، ސަބަބުތަކާއެކު އެކަން މަޖިލީހަށް ހުށަހަޅާނެކަމަށް ވިދާޅުވި އެވެ.