ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންތިހާބު ބޭއްވޭ އިސްލާހު ބަލައިގަނެ ކޮމިޓީއަށް

ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލި ނަމަވެސް، ފަސް ކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް އެ އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.

އިންތިހާބު ބޭއްވުމަށްޓަކައި، އިންތިހާބާގުޅޭ ބައެއް މުއްދަތުތައް ކުރުކޮށް ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ނިޔާޒް ހުށަހަޅުއްވާފައިވާ ބިލު، ދައުރުން ބޭރުގައި މިއަދު ބޭއްވި ޖަލްސާގައި ބަލައިގެންފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 39 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ބިލު ބަލައިގަތުމާއެކު، މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ، އެ ބިލު ދިރާސާކުރުމަށް މިނިވަން މުއައްސާސަތަކާބެހޭ ކޮމިޓީއަށް ފޮނުވިއްޖެކަމަށް އިއުލާނުކުރައްވައިފަ އެވެ.

އެ ބިލާ ގުޅޭ ގޮތުން މިއަދުގެ ޖަލްސާގައި ކުރިއަށް ދިއަ އިބްތިދާއީ ބަހުސްގައި މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީގެ ފަރާތުން ވާހަކަ ދެއްކެވި ގިނަ މެންބަރުންވަނީ މި ބިލުގެ މުހިއްމުކަން ފާހަގަކުރައްވައިފަ އެވެ.

އަދި އިންތިހާބު އިތުރަށް ފަސްވެގެން ގޮސްފިނަމަ، ރާއްޖޭގެ އިދާރީ ހިންގުން ލާމަރުކަޒު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ވަރަށް ބޮޑަށް ހުރަސްއެޅިގެންދާނެކަމަށް އެ މެންބަރުން ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް، ހޯރަފުށި ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ސަލީމް ވަނީ ބަލިމަޑުކަމެއްގެ ތެރެއިން އިންތިހާބު ބޭއްވުމާމެދު ގިނަ ސުވާލުތަކެއް ކުރައްވައި، ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ.

އޭނާގެ އިތުރުން، އެމްޑީޕީގެ އިތުރު ބައެއް މެންބަރުން ވެސް ވަނީ ޖޫން މަހަށް އިންތިހާބު އިތުރަށް ފަސްކުރުމަށް ތާއީދުކުރައްވާކަމަށް ވިދާޅުވެފަ އެވެ.

އިދިކޮޅުގެ ފަރާތުން ބަހުސްގައި ވާހަކަ ދެއްކެވި މެންބަރުންގެ ކަންބޮޑުވުންހުރީ އިންތިހާބާގުޅޭ މުއްދަތުތައް ކުރު ކުރުމާ ދެކޮޅަށެވެ.

އެ މެންބަރުން ފާހަގަކުރެއްވި ގޮތުގައި، އެ މުއްދަތުތައް ކުރުކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ބާރުތައް ހަނިވާގޮތަށް ގާނޫނު އިސްލާހުކޮށްފިނަމަ، އިންތިހާބުގެ ސައްހަކަމާމެދު ސުވާލު އުފެއްދުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.

މި މަހުގެ ތެރޭގައި ގާނޫނު އިސްލާހުކޮށްދީފިނަމަ، އޭޕްރީލް 13 ގައި ރޯދަ މަސް ފެށުމުގެ ކުރިން އިންތިހާބު ބޭއްވޭނެކަމަށް އީސީން ވަނީ ބުނެފަ އެވެ.

އަދި އިންތިހާބު ބާއްވާ އާ ތާރީހެއްގެ ގޮތުގައި އަންނަ އޭޕްރީލް މަހުގެ ތިން ވަނަ ދުވަސް އީސީން ވަނީ ކަނޑައަޅައިފަ އެވެ.