ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލި ނަމަވެސް، ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް އެ އިންތިހާބާބެހޭ ހާއްސަ ގާނޫނަށް އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، އެ އިސްލާހުގައި އިންތިހާބާ ގުޅޭ މުއްދަތުތައް ކުރު ކުރަން ހިމަނާފައިވާތީ އިދިކޮޅުން މިއަދު ކަންބޮޑުވުންފާޅުކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހުގެ ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ނިޔާޒު ހުށަހަޅުއްވާފައިވާ ބިލުގެ އިބްތިދާއީ ބަހުސްގައި މިއަދު ދައުރުން ބޭރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދެއްކެވި މަޖިލީހުގެ އިދިކޮޅު ތަމްސީލުކުރާ މެންބަރުން ވަނީ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ސަބަބުން އިންތިހާބުގެ ސައްހަ ކަމާ މެދު ސުވާލު އުފެދޭނެކަމަށް ވިދާޅުވެ، ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ.
ނިޔާޒް ވަނީ، ގާނޫނު އިސްލާހުކުރާތާ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމުގެ މަސައްކަތް އީސީން ފަށަންޖެހޭނެކަމަށް ބަޔާންކޮށްފަ އެވެ.
ނަމަވެސް، އެ މާއްދާގައި (ށ) އިސްލާހުކޮށްފައިވަނީ، ސިއްހީ ކުއްލި ހާލަތު ދެމި އޮވެއްޖެނަމަ، އީސީން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަންވާނީ، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތަށެވެ.
އަދި އިންތިހާބުގެ ކަންކަން ފެށުމަށް އީސީން ކަނޑައަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތައް އެކުލަވާލައި، އާއްމުކުރަންވާނެކަމަށް އިސްލާހުގައިވެ އެވެ.
އަދި އިންތިހާބު ބޭއްވުމަށް އީސީން ކަނޑައަޅާ ތާރީހުގައި އިންތިހާބު ބާއްވައި، ނިންމުމަށްޓަކައި، އިންތިހާބުތަކާބެހޭ އާއްމު ގާނޫނުގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިންތިހާބުގެ ކަންކަމާ ގުޅޭގޮތުން ކަނޑައަޅާފައިވާ މުއްދަތުތަކަށް ބަދަލުގެނައުމަށް އަލީ ނިޔާޒް ހުށަހެޅުއްވި އިސްލާހުގައި ވަނީ ހިމަނައިފަ އެވެ.
މިގޮތުން، ޖުމްލަ ހަ މުއްދަތެއް ބަދަލުކުރަން ހިމަނާފައިވާއިރު އިންތިހާބު ބޭއްވުމުުގެ 45 ދުވަސް ކުރިން ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާންމު ކުރަންވާނެ ކަމަށް ބުނެފައިވާ މުއްދަތު ވަނީ 30 ދުވަހަށް މަދުކޮށްފަ އެވެ.
އަދި ވޯޓާސް ލިސްޓަށް ޝަކުވާ ހުޅުހެޅުމަށް މިހާރު އޮތް 10 ދުވަސް ފަސް ދުވަހަށް ކުޑަ ކުރުމުގެ އިތުރުން، ހުށަހެޅޭ ޝަކުވާއަކާ މެދު ގޮތެއް ނިންމަންޖެހޭ މުއްދަތު ފަސް ދުވަހުން ތިން ދުވަހަށް ކުޑަކުރަން ހުށަހަޅާފައިވެ އެވެ.
މީގެ އިތުރުން، ޝަކުވާއަކާ ގުޅޭގޮތުން ނިންމާ ނިންމުމެއް ހައި ކޯޓަށް ހުށަހެޅުމަށް ދީފައިވާ މުއްދަތު ފަސް ދުވަހުން ތިން ދުވަހަށް މަދުކޮށްފައިވާއިރު، އެ މައްސަލަ ބަލައި ނިންމަން ހައި ކޯޓަށް ލިބިދީފައިވާ 15 ދުވަހުގެ މުއްދަތު، މި އިސްލާހުގައި ވަނީ ހަތް ދުވަހަށް ކުޑަކޮށްފަ އެވެ.
ދެން މި އިސްލާހުގައި މަދުކޮށްފައިވަނީ ރަސްމީ ނަތީޖާ އިއުލާން ކުރާތާ ގިނަވެގެން 14 ދުވަސް ތެރޭ އިންތިހާބާ ގުޅޭ މައްސަލަތައް ހުށަހެޅޭނެ ކަމަށްް ބުނާ މުއްދަތެވެ.
މިގޮތުން، އެ މުއްދަތު ހަތް ދުވަހަށް ކުޑަކުރުމަށް ބިލުގައި ހިމަނާފައިވާއިރު، އެފަދަ މައްސަލައަކާ ގުޅިގެން ގޮތެއް ނިންމަން ހައި ކޯޓަށް ލިބޭ 30 ދުވަހުގެ މުއްދަތު ވަނީ 15 ދުވަހަށް ބަދަލުކުރަން ހިމަނައިފަ އެވެ.
މިގޮތުން، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އިންތިހާބާ ގުޅޭ ބައެއް މުއްދަތުތައް ކުރުކޮށްލައިފިނަމަ މުޅި އިންތިހާބުގެ މިނިވަން ކަމަށް އަސަރު ކުރާނެ ކަމަށެވެ.
އަދި މި އިސްލާހުތަކުގެ ސަބަބުން ކޯޓުގައި އިންތިހާބުގެ ސައްހަ ކަމާ މެދު ސުވާލު އުފައްދައި ދައުވާ ކުރެވޭނެ ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"މި އިންތިހާބު ބާއްވާއިރު އިންތިހާބު ބާއްވަނީ ގާނޫނާ އެއް ގޮތްވާ ގޮތުގެ މަތިންކަން ކަށަވަރު ކުރަން ޖެހޭ. އިންތިހާބުގެ މުއްދަތު ކުރުކޮށްލުމަކީ މުޅި އިންތިހާބަށް އަސަރު ކުރާނެ ކަމެއް. އެހެންވެ އަޅުގަނޑު ދެކެނީ އީސީއާ މަޝްވަރާކޮށް މުއްދަތު ކުރުނުކޮށް ކުރާނެ ގޮތެއް ހޯދަން ޖެހޭ." އާދަމް ޝަރީފް ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި މި ބިލުގެ ސަބަބުން އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް އޮންނަ ބާރުތައް އިތުރަށް ހަނިވެގެންދާނެ އެވެ.
އަދި އިންތިހާބުގެ ކަންކަމުގެ ތެރެއަށް މަޖިލީހުން ވަނުމުގެ ބަދަލުގައި އީސީއަށް އެ ކަމުގެ ފުރިހަމަ ފުރުސަތު ދިނުމަށް އޭނާ ގޮވާލެއްވި އެވެ.
ބަހުސްގައި ވާހަކަ ދައްކަވަމުން، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ އިސްލާހުތައް ކުރިން ވެސް އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ "ނުފޫޒު" އޮތް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިންތިހާބުގެ ކަންކަމުގެ ތެރެއަށް ވަދެވޭ ގޮތަށް ކަމަށެވެ.
"އެޗްޕީއޭއިން މިހާރު ރައްޖޭގައި ވެރިކަން ކުރާ ހެން ހީވަނީ. އިންތިހާބުގެ ކަންކަން ވެސް ފާޑަކަށް މިހާރު މި ހަވާލު ކުރަނީ އެޗްޕީއޭއަށް. މި ގާނޫނު އަސާސީއާ ހިލާފު ކަންކަން ހިމެނޭ އިސްލާހުތަކެއް،" ޝިޔާމް ތުހުމަތު ކުރެއްވި އެވެ.
ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމްގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ ބިލްތައް ގެންނަން ވާނީ ވެސް ވަގުތު ސަލާމަތް ކުރެވޭ ގޮތަށް ކަމާ ބެހޭ އިދާރާތަކާ މަޝްވަރާ ކޮށްގެން ކަމަށެވެ.
ނަމަވެސް، މި ބިލު ގެނެސްފައިވަނީ އީސީއާ އެއްވެސް ވަރަކަށް މަޝްވަރާނުކޮށް، އެ ކޮމިޝަންގެ ބާރުތައް ހަނިވެގެންދާ ގޮތަށް ކަމަށް އެ ކޮމިޝަނަށް ނުފޫޒު ފޯރުވުން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
"މި އިސްލާހުތަކާ މެދު އީސީއާ އެއްވެސް ވަރަކަށް މަޝްވަރާކޮށްފައި ނުވޭ. ގާނޫނު އަސާސީގެ ހަތްދިހަ ވަނަ މާއްދާއަށް ހިލާފަށް މި ބިލު އެކުލަވާލާފައި ވަނީ. ގާނޫނުން ވަރަށް ބޮޑަށް އީސީއަކީ މިނިވަން މުއައްސަސާއެއް ކަމުގައި އޮތަސް އެ ބާރުތައް މި ގާނޫނުން ހަނިކުރޭ. ވަރަށް ގިނަ ރައްޔިތުންނަށް ވޯޓް ނުލުމުގެ ފުރުސަތު އެބަ ގެއްލޭ،" އޭނާ ވިދާޅުވި އެވެ.
އިދިކޮޅުން މިފަދަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައިވީ ނަމަވެސް، މިއަދުގެ ބަހުސްގައި މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީގެ ފަރާތުން ވާހަކަ ދެއްކެވި ގިނަ މެންބަރުންވަނީ މި ބިލުގެ މުހިއްމުކަން ފާހަގަކުރައްވައިފަ އެވެ.
އަދި އިންތިހާބު އިތުރަށް ފަސްވެގެން ގޮސްފިނަމަ، ރާއްޖޭގެ އިދާރީ ހިންގުން ލާމަރުކަޒު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ވަރަށް ބޮޑަށް ހުރަސްއެޅިގެންދާނެކަމަށް އެ މެންބަރުން ވަނީ ވިދާޅުވެފަ އެވެ.
މި މަހުގެ ތެރޭގައި ގާނޫނު އިސްލާހުކޮށްދީފިނަމަ، އޭޕްރީލް 13 ގައި ރޯދަ މަސް ފެށުމުގެ ކުރިން އިންތިހާބު ބޭއްވޭނެކަމަށް އީސީން ވަނީ ބުނެފަ އެވެ.
އަދި އިންތިހާބު ބާއްވާ އާ ތާރީހެއްގެ ގޮތުގައި އަންނަ އޭޕްރީލް މަހުގެ ތިން ވަނަ ދުވަސް އީސީން ވަނީ ކަނޑައަޅައިފަ އެވެ.