ފަސް ކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ އާ ތާރީހެއްގެ ގޮތުގައި އަންނަ އޭޕްރީލް މަހުގެ ތިން ވަނަ ދުވަސް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ކަނޑައަޅައިފަ އެވެ. އެއީ އެ އިންތިހާބު ބާއްވަން އޮތް ތާރީހުގެ ބަރާބަރު އަހަރު ދުވަސް ފަހެވެ. ކޮވިޑް-19 އިގެ ބަލިމަޑުކަމާއެކު މުޅި ރާއްޖެ ހުއްޓުމަކަށް އައުމުން، އިންތިހާބު ވެސް ފަސް ކުރަން މަޖުބޫރުވީ އެވެ. އިންތިހާބު ނުބޭއްވި ގާނޫނީ ގޮތުން ކުރިމަތިވި މައްސަލަތަކަށް ހައްލު ހޯދައި ދޭން ރައްޔިތުންގެ މަޖިލީހުން ވަނީ ސަންސެޓް ގާނޫނެއް ފާސް ކޮށްދީފަ އެވެ. މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަމާލައި، އަންނަ މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އިންތިހާބު ބޭއްވޭނެ މުއްދަތާއެކު އެވެ. ނަމަވެސް، ކޮވިޑް-19 އިގެ ދަތި އުނދަގޫ ހާލަތު ދިގުލައިގެން ގޮސް، އެ އިންތިހާބު އަނެއްކާ ވެސް ފަސް ކުރަން ޖެހިދާނެ ކަމުގެ ހަގީގަތާ މިހާރު ވަނީ ކުރިމަތިލާންޖެހިފަ އެވެ.
އެ ގާނޫނު މެދުވެރިކޮށް އިންތިހާބު ބާއްވަން އެއް އަހަރުގެ މުއްދަތެއް އީސީއަށް ދިން ނަމަވެސް، އެ ގާނޫނުގައި ހިމެނި މާއްދާއަކުން އެ ކޮމިޝަނުގެ އަތް ވަނީ ބަނދެވިފައި އެވެ. އެ ގާނޫނުގެ ހަތް ވަނަ މާއްދާގައި (ހ) ގައި ބުނާ ގޮތުން އިންތިހާބުގެ މަސައްކަތް އީސީން ފަށަން ޖެހޭނީ މިދިއަ މާޗް މަހުގެ 12 ވަނަ ދުވަހު އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމުންނެވެ. އަދި އިންތިހާބާ ބެހޭ ކަންކަން ކުރިއަށް ގެންދިޔުމަކީ އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ކަމާ ބެހޭ ފަރާތްތަކުން ކަނޑައަޅުމުން ނޫނީ އަލުން އެ އިންތިހާބު ނުބޭއްވޭނެ އެވެ.
"އެއްވެސް ގައިޑްލައިންގެ ދަށުން އިލެކްޝަންސް ކޮމިޝަން މަސައްކަތް ކުރުމަކީ، މިނިވަންކަމާއެކީ އެ ކޮމިޝަނަށް މަސައްކަތް ކުރެވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން" ހޯރަފުށި ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ސަލީމް ވިދާޅުވި އެވެ.
އެއްވެސް ގައިޑްލައިންގެ ދަށުން އިލެކްޝަންސް ކޮމިޝަން މަސައްކަތް ކުރުމަކީ، މިނިވަންކަމާއެކީ އެ ކޮމިޝަނަށް މަސައްކަތް ކުރެވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަންއަހުމަދު ސަލީމް | ހޯރަފުށި ދާއިރާގެ އެމްޑީޕީ މެންބަރު
އޭރުވެސް އެކަމުގެ ކަންބޮޑުވުންތައް އީސީގެ މެންބަރުން ގެންދެވީ ފާޅުކުރައްވަމުންނެވެ. ގާނޫނު އަސާސީން އީސީއަށް މަތިކޮށްފައިވާ ގާނޫނީ ބާރުތަކަށް ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތާއެކު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް ބަސް ބުނެވޭ ކަމަށް ބުނެ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ، އިންތިހާބު ބޭއްވުމުގެ ފުރިހަމަ އިހުތިޔާރު އީސީއަށް ނެތުނީ އެވެ.
ފަހުގެ ތާރީހެއްގައި ތަޖުރިބާކުރި އެންމެ ދަތި އުނދަގޫ އަހަރުގެ ފަހު ދުވަސްތައް ގުނަމުން އައިއިރު، ކޮވިޑް ބަލި ފެތުރުން ކޮންމެވެސް މިންވަރަކަށް މަޑުޖެހި، ކޮވިޑުގެ އަދަދުތައް ތިރިވަމުން ދިއުމާއެކު މާލޭ ސަރަހައްދަށް އިއުލާނު ކޮށްފައިއޮތް ކާފިއު އާއި، ކަރަންޓީނުވާން ޖެހޭ މުއްދަތު ކުޑަކުރުން ފަދަ ފިޔަވަޅުތަކަށް ލުއިތައް ދޭން ފެށި އެވެ.
އެއާއެކު އަންނަ މާޗް މަހު އިންތިހާބު ބާއްވާން ކަނޑައަޅައި، އީސީން އަވަސްވެގަތީ ސިއްހީ ކުއްލި ހާލަތު އުވާލެވޭނެ މަގެއް ހޯދުމަށެވެ. ނަމަވެސް، ކޮވިޑުގެ ނަންބަރުތައް ތިރިވުމަކީ، ބަލި ފެތުރުން ކޮންޓްރޯލް ކުރެވިއްޖެކަމަށް ކަނޑައެޅޭނެ ސަބަބެއް ނޫން ކަމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެޗްޕީއޭއިން އައީ ބުނަމުންނެވެ. އަދި އެންމެ ހިނދުކޮޅަކަށްވެސް ފަރުވާކުޑަކޮށް، އަވަސް އަރުވާލައިގެން ފިޔަވަޅުތައް އުވާލައިފިނަމަ، ބަލި އަނެއްކާވެސް ފެތުރިގެން ހިނގައިދާނެކަމުގެ އިންޒާރާއެކު އެވެ.
ނަންބަރުތައް ތިރިވުމުން ލުއި ކުރި ފިޔަވަޅުތަކާއެކު ބަލީގެ އިތުރު ރާޅެއްގެ މަލަމަތި ވަނީ ފެންނަން ފަށައިފަ އެވެ. ރިސޯޓުތަކުންނާއި ރަށްރަށުން ޕޮޒިޓިވްވާ މީހުންގެ އަދަދު މަޑުމަޑުން މަތިވާން ފެށުމާއެކު ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު އޮތްކަމަށް ބުނެ، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމައަށް އިތުރު ކޮށްފަ އެވެ.
ގާނޫނަށް ގެންނަ އިސްލާހާމެދުވެސް ސުވާލު
އެއާއެކު އަންނަ މާޗް މަހު އިންތިހާބު ދެން ނުބޭއްވޭނެކަމަށް އީސީން ބުނުމާއެކު، ހައްލު ހޯދަން ގެނައި ގާނޫނު އިސްލާހު ކުރުމަށް ބަންޑާރަ ނައިބު އިސްވެ ފެއްޓެވި އެވެ. ކައިރި މުސްތަގުބަލެއްގައި، ބަލި ފެތުރުމާ ދެކޮޅަށް އެޗްޕީއޭއަށް އޮތް އެންމެ މުހިއްމު ހަތިޔާރު، ކުއްލި ހާލަތު އުވާނުވެލޭނެކަމަށް ވިސްނިގެންނެވެ.
އިންތިހާބު ބާއްވާނެ އާ ތާރީހުގެ ގޮތުގައި އަންނަ އޭޕްރީލް މަހުގެ ތިން ވަނަ ދުވަސް އީސީން ކަނޑައެޅުމާއެކު، ދެ މަސް ދުވަހުގެ ޗުއްޓީގައި އޮތް މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ނިޔާޒް ހުށަހެޅުއްވި އިސްލާހުގައި ވަނީ ކުއްލި ހާލަތުން އީސީގެ ބަނދެވިފައިއޮތް އަތް ނައްޓުވައިދީފަ އެވެ.
މިގޮތުން، ގާނޫނު އިސްލާހުކުރާތާ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމުގެ މަސައްކަތް އީސީން ފަށަންޖެހޭނެކަމަށް ބަޔާންކޮށްފައި އޮތް އިރު، ސިއްހީ ކުއްލި ހާލަތު ދެމި އޮވެއްޖެނަމަ، އީސީން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަންވާނީ، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތަށް ކަމަށް އިސްލާހުގައި ވަނީ ހިމަނައިފަ އެވެ.
އަދި އިންތިހާބުގެ ކަންކަން ފެށުމަށް އީސީން ކަނޑައަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތައް އެކުލަވާލައި، އާއްމުކުރަންވާނެކަމަށް އިސްލާހުގައިވެ އެވެ.
އަދި އިންތިހާބު ބޭއްވުމަށް އީސީން ކަނޑައަޅާ ތާރީހުގައި އިންތިހާބު ބާއްވައި، ނިންމުމަށްޓަކައި، އިންތިހާބުތަކާބެހޭ އާއްމު ގާނޫނުގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިންތިހާބުގެ ކަންކަމާ ގުޅޭގޮތުން ކަނޑައަޅާފައިވާ މުއްދަތުތަކަށް ބަދަލުގެނައުމަށް ވެސް ހުށަހެޅި އެވެ.
ނަމަވެސް، އެ އިސްލާހުގައިވެސް ހަގީގީ މައްސަލައަށް ހައްލެއް ނުލިބޭކަމަށް އީސީން ދަނީ ބުނަމުންނެވެ. އިސްލާހުގައި އެ މާއްދާ އިބާރާތްކޮށްފައި އޮތް ގޮތުން، ކޮމިޝަންގެ ގާނޫނީ ޒިންމާތަކުގެ ތެރެއަށް އެޗްޕީއޭ އިން ވަދެ، ކޮމިޝަންގެ މައްޗަށް ބަސް ބުނެވިދާނެކަމަށް ގަބޫލުކުރެވޭތީ އެވެ.
މިސާލަކަށް ދަންނަވަންޏާ، އެޗްޕީއޭ އިން މި ބުނަނީ ވޯޓުލާ މަރުކަޒުތަކުގައި ވަކި އަދަދަކަށޭ މީހުންނަށް ތިބެވޭނީ. މިސާލަކަށް އޮބްސާވަރުންގެ އަދަދެއް ކަނޑައަޅުއްވަފާނެ. އެކަމަކު އެ ގޮތަކަށް އެހެން ގާނޫނުތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ކުރެވޭކަށް ނޯންނާނެއީސީގެ ރައީސް އަހުމަދު ޝަރީފް އާދަމް
ދެން ދެކޮޅު ހަދާ އަނެއް ކަމަކީ އިންތިހާބާގުޅޭ މުއްދަތުތައް ކުރުކުރަން އިސްލާހުގައި ހިމަނާފައިވާ މައްސަލަ އެވެ. އީސީން ބުނާ ގޮތުގައި، މިހާރު އިސްލާހު ފަރުމާކޮށްފައިވަނީ އަންނަ މަހު މަޖިލީހުގެ ދައުރު ފެށުމުން އިންތިހާބު ބާއްވަންޖެހޭ ގޮތަށް ނަމަވެސް، މިހާރު އިސްލާހުގެ މަސައްކަތް ދައުރުން ބޭރުގައި ޖަލްސާތައް ބާއްވައިގެން ކުރަމުންދާއިރު، މުއްދަތުތައް ކުރުކުރުމަކީ ބޭކާރު ކަމެކެވެ.
އަދި ވަރަށް ފުޅާ ވިސްނުމެއްގެ ތެރެއިން ގާނޫނުތަކުގައި ބަޔާންކޮށްފައިވާ މުއްދަތުތައް ކުރުކޮށްފިނަމަ، އިންތިހާބާމެދު ސުވާލު އުފައްދައި، ގާނޫނީ މައްސަލަތަކެއް ފެންމަތިވުމުގެ ފުރުސަތު ބޮޑުކަމަށްވެސް އީސީން ދަނީ ބުނަމުންނެވެ.
މިވަގުތު އިންތިހާބު ކޮންމެހެން ބާއްވަންޖެހޭ؟
އީސީގެ މެންބަރުންގެ އިތުރުން، ގާނޫނު އިސްލާހުކުރަން ދައުރުން ބޭރުގައި ބާއްވާ ޖަލްސާތަކުގެ ތެރެއިންވެސް އިންތިހާބާ ގުޅޭ މުހިއްމު ކަންބޮޑުވުންތަކާއި ސުވާލުތައް ވަނީ އަޑުއިވިގެން ގޮސްފައި އެވެ.
މިދިއަ އާދީއްތަ ދުވަހު ބޭއްވި ޖަލްސާގައި އެ އިސްލާހު ހުށަހެޅުއްވި ނިޔާޒް ވަނީ ވަރަށް މުހިއްމު ނުކުތާއެއް ފާހަގަކުރައްވައިފަ އެވެ.
އެ ބިލު ހުށަހަޅުއްވަމުން ނިޔާޒް ވިދާޅުވީ، އިންތިހާބު އަވަސް ކުރުމަށްޓަކައި ގާނޫނު އިސްލާހުކުރި ނަމަވެސް، އެކަމާ ގުޅިގެން ކުރިމަތިވެފައިވާ ހުރިހާ މައްސަލަތަކަށް ހައްލެއް ނުލިބޭނެ ކަމަށެވެ.
މިގޮތުން، އެފަދަ މައްސަލަތައް ހައްލުކޮށް އިންތިހާބު ބޭއްވޭނީ ހުރިހާ މުއައްސަސާތަކެއްގެ އެއްބާރުލުން ލިބިގެންކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ނިޔާޒް ފާހަގަކުރެއްވި ގޮތުގައި، އިންތިހާބާ ގުޅޭ ތިން މައްސަލައެއް މިހާރުވެސް ކޯޓުތަކަށް ހުށަހެޅިފައިވާއިރު، އިންތިހާބު ބޭއްވޭނީ އެ މައްސަލަތަކަށްވެސް އަވަހަށް ގޮތެއް ނިމިގެންކަމަށެވެ.
"މަޖިލީހުން ފާސްކުރާ ގާނޫނަކުން ހުރިހާ މައްސަލައެއް ހައްލެއްނުވާނެ. މި އިސްލާހުން ފާސްކުރުމުން އިންތިހާބު ބާއްވަން ގާނޫނީ ހުރަސްތައް ނައްތާލެވުނަސް، މިއީ މިކަމުން ނުކުންނާނެ ހުރިހާކަމަކަށް އޮތް ހައްލެއް ނޫން،" ނިޔާޒް އެ ދުވަހު ވިދާޅުވި އެވެ.
ނިޔާޒް އެ އިޝާރާތް ކުރެއްވި ގޮތަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަލުން ހުޅުވާލަންޖެހޭކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ހައިކޯޓުން އިއްޔެ ބަލަން ފަށާފައިވާއިރު، އިންތިހާބުގައި އަންހެނުންނަށް ކޯޓާ ކަނޑައެޅުމުގެ މައްސަލަވެސް އަދި ނުނިމެ އެވެ.
މިއީ މުޅީންވެސް އިންތިހާބު ބޭއްވޭ ތާރީހަށް އަސަރުކުރާނެ މައްސަލަތަކެވެ. އަންނަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ރޯދަ މަސް ފެށޭއިރު، ރޯދައިގެ ކުރިން އިންތިހާބު ނުބޭއްވޭނެކަމަށް އީސީން ވަނީ އެ އިސްލާހު ދިރާސާކުރި މަޖިލީހުގެ މިނިވަން މުއައްސާސަތުގެ ކޮމިޓީގައި ނުސީދާކޮށް ބުނެފަ އެވެ.
އަދި ރޯދަ މަހު ތެރޭގައި އިންތިހާބެއް ބޭއްވުމަކީ، ވިސްނުމަށްވެސް ނޭނގޭ ފަދަ ގޮންޖެހުންތަކާއި ދަތިތައް ކުރިމަތިވާނެކަމެއްކަމަށް އީސީން ވަނީ ކޮމިޓީގައި އިންޒާރުދީފަ އެވެ.
މީގެ އިތުރުން، އިންތިހާބުތަކުގައި ވޯޓުލާ މަރުކަޒުތައް މައިގަނޑު ގޮތެއްގައި ސްކޫލްތަކުގައި ގާއިމު ކުރާއިރު، އަލުން ކިޔެވުން ފެށިފައިވާއިރު، މެއި މަހު ފެށުމަށް ހަމަޖެހިފައިވާ އޯލެވެލް/އޭލެވެލް އިމްތިހާނަކީ އީސީއަށް ކުރިމަތިވެފައިވާ އަނެއް ގޮންޖެހުމެވެ.
މި ހުރިހާ ކަންބޮޑުވުންތަކެއްގެ ތެރެއިން އެންމެ މުހިއްމު ސުވާލުތަކެއް ފެންމަތިކުރެއްވީ، ހޯރަފުށި ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ސަލީމް (ސައްލެ) އެވެ.
މި ވަގުތު ސަރުކާރުގެ ކުރިމަތީގައި އޮތް އެންމެ ބޮޑު ވާޖިބަކީ ނުރައްކާތެރި ބަލިމަޑުކަމަކުން ރައްޔިތުން ސަލާމަތް ކުރުން ކަމަށްވާއިރު، މިފަދަ ދަނޑިވަޅެއްގައި އިންތިހާބެއް ބާއްވައިގެން އެ މަގުސަދު ހާސިލުކުރެވިދާނެތޯ ސައްލެ ވަނީ ސުވާލު އުފައްދަވައިފަ އެވެ.
"އިންތިހާބަށް ތައްޔާރުވާން ފަށާ ހިސާބުން ކޮންޓެކްޓް ޓްރޭސިން މަސައްކަތް ހުއްޓާލައިގެން ނޫނީ ދަތުރުފަތުރަށް މިހާރު ހުރި ހުރަސްތައް ނައްތާލައިގެން ނޫނީ މި އިންތިހާބު ރަނގަޅަށް ކުރިއަށް ގެންދެވިދާނެތޯ؟" އެ ބިލުގެ އިބްތިދާއީ ބަހުސްގައި މިދިއަ އާދީއްތަ ދުވަހު ވާހަކަ ދައްކަވަމުން އޭނާ ސުވާލު ކުރެއްވި އެވެ.
ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަކީ ކޮވިޑް-19 އާ ދެކޮޅަށް ލިބޭ އެންމެ މުހިއްމު ހަތިޔާރުކަމަށްވާއިރު، ގައިޑްލައިންތަކަކާއެކު އިންތިހާބު ބާއްވަންޖެހުމަކީ އޭގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެކަމެއް ކަން ސައްލެ ފާހަގަކުރެއްވި އެވެ.
"މިސާލަކަށް އިންތިހާބުގެ ކަންކަން ވަރަށް މައްޗަށް ގޮސްފައިވަނިކޮށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޕޮޒިޓިވްވެއްޖެއްޔާ ކިހިނެއްތޯ ވާނީ؟ އެއާއެކު ކޮމިޝަނުގެ އެހެން މެންބަރުން އައިސޮލޭޓް ކުރަންޖެހިއްޖެއްޔާ ކިހިނެއްތޯ ވާނީ؟ ރަށަކަށް ފޮނުވާ އިސް އޮފިޝަލު ޕްރައިމަރީ ކޮންޓެކްޓަކަށް ވެގެން އައިސޮލޭޓް ކުރަންޖެހިއްޖެއްޔާ ދެން ކިހިނެއްތޯ ވާނީ؟" ބަހުސްގެ ތެރެއިން ގިނަ ސުވާލުތަކެއް އަމާޒު ކުރައްވަމުން އޭނާ ވިދާޅުވި އެވެ.
އިންތިހާބެއް އަސާސަކީ މިނިވަންކަމާއެކު ކެމްޕޭނުކުރުމާއި، ތާއީދު ހޯދަން ރަށްރަށަށް ދަތުރުކުރުމުގެ އިތުރުން މިނިވަންކަމާއެކު ވޯޓުލުމުގެ ހައްގު ކަށަވަރުވުން ކަމަށެވެ.
ނަމަވެސް، ފާއިތުވި 15 ދުވަހުގެ ތެރޭގައި 600 އެއްހާ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، މިފަދަ ހާލަތެއްގައި ގައުމު އޮތް އިރު، އިންތިހާބު ބާއްވަން ސިއްހީ މާހިރުންނަށް ލުއި ދެވޭނެ މިންވަރާމެދުވެސް އޭނާ ވަނީ ސުވާލު އުފައްދަވައިފަ އެވެ.
މީގެ އިތުރުން، ކައުންސިލް އިންތިހާބަށް 50 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު، ބަލިމަޑުކަމެއްގެ ތެރެއިން އިންތިހާބު ބާއްވަންޖެހުމުން، ހަރަދު އިންތިހާއަށް އިތުރުވެގެންދާނެކަމަށްވެސް ސައްލެ ވިދާޅުވި އެވެ.
މިގޮތުން، ވޯޓުލާ މަރުކަޒުތައް ޑިސްއިންފެކްޓު ކުރުމަށް 3.5 މިލިއަން ރުފިޔާ އާއި، ވޯޓުލާ މީހުންގެ ހުން ބެލުމަށް ހުން ބަލާ ކަށިގަނޑު ގަތުމަށް 1.2 މިލިއަން ރުފިޔާގެ އިތުރުން، އިންތިހާބުގައި ހަރަކާތްތެރިވާނެކަމަށް ބެލެވޭ 6،000 އެއްހާ އޮފިޝަލުންނަށް ޕީޕީއީ ހޯދުމަށް ތިން މިލިއަން ރުފިޔާ ހަރަދުވާނެކަމުގެ އަންދާޒާތަކެއްވެސް އޭނާ ވަނީ ވާހަކަފުޅުގެ ތެރެއިން ހިއްސާ ކުރައްވައިފަ އެވެ.
"އަޅުގަނޑުގެ ސުވާލަކީ މިހާ ތާށި، މިހާ ދަތި ދަނޑިވަޅެއްގައި އަޅުގަނޑުމެންގެ އަސާސީ ކަންތައްތަކަށް ބޭނުންވާ ފައިސާ ނުލިބިގެން އުޅޭ ވަގުތެއްގައި މި ހަރަދުތައް ކޮށްގެން ކޮންމެހެން މި އިންތިހާބު ބޭއްވުން މުހިއްމުތޯ،" ސައްލަ ސުވާލު ކުރެއްވި އެވެ.
އީސީގެ ކަންބޮޑުވުންތައް އަޑުއެހުމަށްފަހު، ކޮމިޓީން ވަނީ އެ ބިލަށް ބައެއް ބަދަލުތައް ގެނެސްފައި އެވެ. މުއްދަތުތައް ކުރުކުރުމާ ދެކޮޅަށް މިއަދުގެ ބައްދަލުވުމުގައި އީސީގެ މެންބަރުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ރިއާއަތްކޮށް، ކޮމިޓީން ވަނީ އެ ބައި އުނިކޮށްފަ އެވެ.
ނަމަވެސް، ކޮމިޓީން ގެނައި އެންމެ މުހިއްމު ބަދަލަކީ އިންތިހާބު އިތުރަށް ފަސްކުރުމަށް ޖާގަލިބޭ ގޮތަށް އެ ބިލުގައި ހިމެނި މާއްދާ އެވެ. މިހާރު ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިންތިހާބު ނުބޭއްވޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ސަބަބުތައް ބަޔާންކޮށް އެ މުއްދަތު ހަމަވުމުގެ 30 ދުވަހުގެ ކުރިން އީސީން އެކަން މަޖިލީހަށް އަންގަންޖެހޭ ގޮތަށެވެ.
އޭގެ މާނައަކީ އީސީން މިހާރުވެސް ބުނަމުންދާ ގޮތަށް އިންތިހާބު ފަސްކުރަންޖެހިއްޖެ ހާލަތުގައި، މަޖިލީހުން އަނެއްކާވެސް ގާނޫނު އިސްލާހުކުރަންޖެހޭ ވާހަކަ އެވެ.
އެކަމަކު މިހާރު ހާޖާނުގަނޑެއްގެ ތެރެއިން އުފައްދަންޖެހޭ އެންމެ މުހިއްމު ސުވާލަކީ މި ވަގުތު ކޮންމެހެން މި އިންތިހާބު ބާއްވަންޖެހޭތޯ އެވެ. ސިއްހީ ވަސީލަތްތައް މަދު އަތޮޅު ތެރޭގައި ބަލި ފެތުރޭ މިންވަރު މަތިވަމުން އަންނައިރު، އެހެން ގައުމުތަކުން މިސާލު ނަގައިގެން އެވަރުގެ ބޮޑު ރިސްކެއް ރާއްޖޭން ނެގުން ލާޒިމުވާ ސަބަބެއް ނުވިސްނެ އެވެ.
އިންތިހާބަށް އޮފިޝަލުން ހޯދުމާއި، ކެމްޕޭނު ކުރުމާއި ވޯޓު ލުމުގެ ހައްގު އަދާކުރުން ފަދަ އަސާސީ ކަންކަމުގައި ސުވާލު މާކެއް ޖެހިފައި އޮއްވާ، ގަދަކަމުން މި އިންތިހާބު ބޭއްވުން ދެކޮޅެއް ނުޖެހެ އެވެ.
އަދި މަޖިލީހުގައި ސައްލެ ވެސް ފާހަގަ ކުރެއްވި ފަދައިން، ކޮވިޑް-19 އިގެ ވެކްސިން މިހާރު އުފެއްދި، މި މަހުގެ ތެރޭގައި ރާއްޖެއަށް ލިބޭނެކަމުގެ އިޝާރާތެއް ލިބިފައިވާއިރު، އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދެވި، އެފަދަ ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާއިރު، އަދި އިތުރު ދެ މަހެއް ހާ ދުވަސް އިންތިހާބު ފަސްކޮށްލައިގެން، ލިބޭނެ މާ ބޮޑު ގެއްލުމެއް ނުފެނެ އެވެ.