ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލި ނަމަވެސް، ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް އެ އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ޒިންމާތަކުގެ ތެރެއަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަދެ، ކޮމިޝަންގެ މައްޗަށް ބަސް ބުނުމުގެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހުގެ ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ނިޔާޒު ހުށަހަޅުއްވާފައިވާ ބިލު ދިރާސާކުރަމުންދާ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް އާދަމް ވަނީ އެ ބިލާ ގުޅޭގޮތުން މައިގަނޑު ތިން ކަންބޮޑުވުމެއް ހިއްސާކުރައްވައިފަ އެވެ.
މިގޮތުން، އިންތިހާބު ފަސްކޮށް މިދިއަ އަހަރުގެ މެއި މަހު ވުޖޫދުކުރި ހާއްސަ ގާނޫނުގައި އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ މާއްދާ ފަހުން ހުށަހެޅުނު ބިލުގައި އިސްލާހުކުރަން ހިމަނާފައިނުވާ ކަމަށެވެ.
ޝަރީފް ވިދާޅުވި ގޮތުގައި، އެ މާއްދާ މިހާރު އޮތް ގޮތުން، މި އަހަރުގެ މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އިންތިހާބު ބޭއްވުމަށް އީސީގެ މައްޗަށް ލާޒިމުވާއިރު، އޭޕްރީލް މަހުގެ 13 ގައި ރޯދަ މަސް ފެށުމާއި އޭގެ ފަހުން ތާވަލުކުރެވިފައިވާ އިމްތިހާނުގެ ސަބަބުން ވޯޓުލާ މަރުކަޒުތަކުގެ ގޮތުގައި ބޭނުންކުރާ ސްކޫލްތައް ލިބުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.
އެހެންކަމުން، އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަންޖެހޭ މާއްދާ، އީސީން ކަނޑައަޅާ ތާރީހެއްގައި އިންތިހާބު ބޭއްވޭ ގޮތަށް އިސްލާހުކޮށް ދިނުމަށް ޝަރީފް އެދިވަޑައިގެންނެވި އެވެ.
ކޮމިޓީގައި އީސީގެ މެންބަރުންގެ ފަރާތުން އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރައްވާފައިވަނީ، ސިއްހީ ކުއްލި ހާލަތު ދެމި އޮވެއްޖެނަމަ، އީސީން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަންވާނީ، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތަށްކަމަށް ބަޔާންކުރާ މާއްދާއާ ގުޅޭގޮތުންނެވެ.
އެ މާއްދާއާ ގުޅޭގޮތުން، ޝަރީފް ވިދާޅުވީ އިންތިހާބުތައް ބޭއްވުމުގެ ގާނޫނީ ބާރު، ގާނޫނު އަސާސީން އީސީއަށް ލިބިދީފައިވާއިރު، އެޗްޕީއޭ އިން ކަނޑައަޅާ އުސޫލުތަކެއް ތެރެއިން އިންތިހާބު ބާއްވަންޖެހުމަކީ އީސީގެ ގާނޫނީ ބާރުތަކުގެ މައްޗަށް އެހެން މުއައްސަސާއަކުން ބަސްބުނުމުގެ ފުރުސަތު ލިބިގެން ދިއުން ކަމަށެވެ.
"މިސާލަކަށް ދަންނަވަންޏާ، އެޗްޕީއޭ އިން މި ބުނަނީ ވޯޓުލާ މަރުކަޒުތަކުގައި ވަކި އަދަދަކަށޭ މީހުންނަށް ތިބެވޭނީ. މިސާލަކަށް އޮބްސާވަރުންގެ އަދަދެއް ކަނޑައަޅުއްވަފާނެ. އެކަމަކު އެ ގޮތަކަށް އެހެން ގާނޫނުތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ކުރެވޭކަށް ނޯންނާނެ،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފްގެ ވާހަކަތަކަށް ބާރު ދެއްވަމުން އީސީގެ މެންބަރު ފުއާދު ތައުފީގުވެސް ވިދާޅުވީ، އިންތިހާބުތައް ބޭއްވުމުގައި އެހެން ބައެއް މުއައްސަސާތަކުގެ ގަވައިދުތަކަށް އީސީން ތަބާވާންޖެހޭއިރު، އެޗްޕީއޭއަށް ވަކި ހާއްސަ ބާރެއް ލިބޭގޮތަށް އިސްލާހު މާނަކޮށްފައި އޮތުމަކީ ދެކޮޅުޖެހޭކަމެއް ނޫން ކަމަށެވެ.
އެއާއެކު، ކޮމިޝަނުން ހުށަހެޅީ އިންތިހާބު ބާއްވަންޖެހޭނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކަށް "ރިއާއަތްކޮށް"ކަމަށް ލަފުޒެއް އިތުރުކުރުމަށެވެ.
މީގެ އިތުރުން، އެޗްޕީއޭ އިން ކަނޑައަޅާ އުސޫލުތަކުގެ ތެރޭގައި، އިންތިހާބުގައި ވާދަކުރާ ހުރިހާ ކެނޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ލިބެންޖެހޭގޮތަށް އުސޫލު އެކުލަވާލުމަށް އެޗްޕީއޭގެ މައްޗަށް ލާޒިމުވާ ގޮތަށް ގާނޫނަށް މާއްދާއެއް އިތުރުކޮށްދިނުމަށް އީސީން މިއަދު އެދުނެވެ.
އިންތިހާބު ބޭއްވުމަށް އީސީން ކަނޑައަޅާ ތާރީހުގައި އިންތިހާބު ބާއްވައި، ނިންމުމަށްޓަކައި، އިންތިހާބުތަކާބެހޭ އާއްމު ގާނޫނުގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިންތިހާބުގެ ކަންކަމާ ގުޅޭގޮތުން ކަނޑައަޅާފައިވާ މުއްދަތުތަކަށް ބަދަލުގެނައުމަށް އަލީ ނިޔާޒް ހުށަހެޅުއްވި އިސްލާހުގައި ވަނީ ހިމަނައިފަ އެވެ.
މިގޮތުން، ޖުމްލަ ހަ މުއްދަތެއް ބަދަލުކުރަން ހިމަނާފައިވާއިރު އިންތިހާބު ބޭއްވުމުުގެ 45 ދުވަސް ކުރިން ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާންމު ކުރަންވާނެ ކަމަށް ބުނެފައިވާ މުއްދަތު ވަނީ 30 ދުވަހަށް މަދުކޮށްފަ އެވެ.
އަދި ވޯޓާސް ލިސްޓަށް ޝަކުވާ ހުޅުހެޅުމަށް މިހާރު އޮތް 10 ދުވަސް ފަސް ދުވަހަށް ކުޑަ ކުރުމުގެ އިތުރުން، ހުށަހެޅޭ ޝަކުވާއަކާ މެދު ގޮތެއް ނިންމަންޖެހޭ މުއްދަތު ފަސް ދުވަހުން ތިން ދުވަހަށް ކުޑަކުރަން ހުށަހަޅާފައިވެ އެވެ.
މީގެ އިތުރުން، ޝަކުވާއަކާ ގުޅޭގޮތުން ނިންމާ ނިންމުމެއް ހައި ކޯޓަށް ހުށަހެޅުމަށް ދީފައިވާ މުއްދަތު ފަސް ދުވަހުން ތިން ދުވަހަށް މަދުކޮށްފައިވާއިރު، އެ މައްސަލަ ބަލައި ނިންމަން ހައި ކޯޓަށް ލިބިދީފައިވާ 15 ދުވަހުގެ މުއްދަތު، މި އިސްލާހުގައި ވަނީ ހަތް ދުވަހަށް ކުޑަކޮށްފަ އެވެ.
ދެން މި އިސްލާހުގައި މަދުކޮށްފައިވަނީ ރަސްމީ ނަތީޖާ އިއުލާން ކުރާތާ ގިނަވެގެން 14 ދުވަސް ތެރޭ އިންތިހާބާ ގުޅޭ މައްސަލަތައް ހުށަހެޅޭނެ ކަމަށްް ބުނާ މުއްދަތެވެ.
މިގޮތުން، އެ މުއްދަތު ހަތް ދުވަހަށް ކުޑަކުރުމަށް ބިލުގައި ހިމަނާފައިވާއިރު، އެފަދަ މައްސަލައަކާ ގުޅިގެން ގޮތެއް ނިންމަން ހައި ކޯޓަށް ލިބޭ 30 ދުވަހުގެ މުއްދަތު ވަނީ 15 ދުވަހަށް ބަދަލުކުރަން ހިމަނައިފަ އެވެ.
ނަމަވެސް، މުއްދަތުތައް ކުރުކުރުމާ ދެކޮޅަށް މިއަދުގެ ބައްދަލުވުމުގައި އީސީގެ މެންބަރުން ވަނީ ދެކޮޅު ހައްދަވައިފަ އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި، މިހާރު އިސްލާހު ފަރުމާކޮށްފައިވަނީ އަންނަ މަހު މަޖިލީހުގެ ދައުރު ފެށުމުން އިންތިހާބު ބާއްވަންޖެހޭ ގޮތަށް ނަމަވެސް، ދައުރުން ބޭރުގައި ޖަލްސާ ބާއްވައިގެން ގާނޫނު އިސްލާހުކޮށްދީފިނަމަ، މުއްދަތުތައް ކުރުކުރަންނުޖެހޭ ކަމަށެވެ.
އަދި ވަރަށް ފުޅާ ވިސްނުމެއްގެ ތެރެއިން ގާނޫނުތަކުގައި ބަޔާންކޮށްފައިވާ މުއްދަތުތައް ކުރުކޮށްފިނަމަ، އިންތިހާބާމެދު ސުވާލު އުފައްދައި، ގާނޫނީ މައްސަލަތަކެއް ފެންމަތިވުމުގެ ފުރުސަތު ބޮޑުކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
އެހެންކަމުން، މުއްދަތުތައް ކުރުކުރަން ބިލުގައި ހުށަހެޅި މާއްދާ އުނިކުރުމަށް އީސީން ވަނީ ކޮމިޓީގެ ކިބައިން އެދިފަ އެވެ.
އީސީގެ ކަންބޮޑުވުންތަކާ ގުޅިގެން، ކޮމިޓީގެ ގިނަ މެންބަރުން ފާހަގަކުރެއްވި ގޮތުގައި، އިންތިހާބު ބާއްވަންޖެހޭ ވަކި ތާރީހެއް އީސީގެ އަތް މައްޗަށް ދޫކޮށްނުލެވޭނެ ކަމަށެވެ.
އަދި މިހާރު ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިންތިހާބު ނުބޭއްވޭނަމަ، ފަހުން ގާނޫނު އިސްލާހުކޮށްގެން ނަމަވެސް، އެ ނިންމުން ނިންމަންވާނީ ރައްޔިތުންގެ މަޖިލީހުންކަމަށް އެ މެންބަރުން ވިދާޅުވި އެވެ.
އިސްލާހުތަކާ ގުޅޭގޮތުން އީސީގެ މެންބަރުންނާ މިއަދު ބައްދަލުކޮށްފައިވާއިރު، މާދަމާގެ ނިޔަލަށް މި ބިލުގެ މަސައްކަތް ނިންމައި، މަޖިލީހުގެ ތަޅުމަށް އަނބުރާ ފޮނުވުމަށް ކޮމިޓީން ވަނީ ނިންމައިފަ އެވެ.
މި މަހުގެ ތެރޭގައި ގާނޫނު އިސްލާހުކޮށްދީފިނަމަ، އޭޕްރީލް 13 ގައި ރޯދަ މަސް ފެށުމުގެ ކުރިން އިންތިހާބު ބޭއްވޭނެކަމަށް އީސީން ވަނީ ބުނެފަ އެވެ.
އަދި އިންތިހާބު ބާއްވާ އާ ތާރީހެއްގެ ގޮތުގައި އަންނަ އޭޕްރީލް މަހުގެ ތިން ވަނަ ދުވަސް އީސީން ވަނީ ކަނޑައަޅައިފަ އެވެ.