ފަސް ކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު، ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރޭގައި ބޭއްވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ފިޔަވަޅުތަކާއި އިރުޝާދުތަކެއް ކަނޑައެޅުމަށް މިހާރު އިންތިހާބާބެހޭ ހާއްސަ ގާނޫނަށް ގެންނަން މަސައްކަތް ކުރާ އިސްލާހުތަކުގައި ބަޔާންކޮށްފައިވާއިރު، އެ ގައިޑްލައިންތަކަކީ އިންތިހާބު ބޭއްވުމަށް އޮތް ހުރަހެއްގެ ގޮތުގައި މާނަ ނުކުރަން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް މިއަދު ގޮވާލައިފި އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހުގެ ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ނިޔާޒު ހުށަހަޅުއްވާފައިވާ ބިލު ދިރާސާކުރަމުންދިއައިރު މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި މިދިއަ އާދީއްތަ ދުވަހު އީސީން ވަނީ ބައެއް ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ.
މިގޮތުން، ކޮމިޓީގައި އީސީގެ މެންބަރުންގެ ފަރާތުން އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރައްވާފައިވަނީ، ސިއްހީ ކުއްލި ހާލަތު ދެމި އޮވެއްޖެނަމަ، އީސީން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަންވާނީ، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތަށްކަމަށް ބަޔާންކުރާ މާއްދާއާ ގުޅޭގޮތުންނެވެ.
އެއާއެކު، ކޮމިޝަނުން ހުށަހެޅީ އިންތިހާބު ބާއްވަންޖެހޭނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކަށް "ރިއާއަތްކޮށް"ކަމަށް ލަފުޒެއް އިތުރުކުރުމަށެވެ.
ނަމަވެސް، އެ މާއްދާއަށް އެ ލަފްޒު އިތުރުކޮށްގެން ތަފާތެއް އަންނާނެކަމަށް ގަބޫލުނުކުރެވޭކަމަށް ބައެއް މެންބަރުން ފާހަގަކުރައްވާފައިވާއިރު، ބިލަށް ކޮމިޓީން ގެނައި ބަދަލުތަކުގެ ތެރޭގައި އެ މާއްދާ އިސްލާހުކޮށްފައެއްނުވެ އެވެ.
އެ ބިލު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ބިލު ހުށަހެޅުއްވި އަލީ ނިޔާޒް ވިދާޅުވީ، އީސީގެ މެންބަރުން ފާޅުކުރެއްވި ގިނަ ކަންބޮޑުވުންތަކަށް ކޮމިޓީން ފުރިހަމައަށް ރިއާއަތްކޮށް، ރަނގަޅު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އަދި އެ ބަދަލުތަކާއެކު ބިލު ފާސްކުރުމާއެކު، ކައުންސިލް އިންތިހާބު ބާއްވަން އޮތް ގާނޫނީ ހުރަސްތައް ނެތިގެންދާނެކަމަށް އޭނާ މިއަދުވެސް ވިދާޅުވި އެވެ.
ނަމަވެސް، އިންތިހާބު ބާއްވަން ހުރިހާ މުއައްސަސާތަކެއްގެ އެއްބާރުލުން ބޭނުންވާކަން ތަކުރާރުކުރައްވަމުން، ނިޔާޒް ވިދާޅުވީ މި ބިލުން އެޗްޕީއޭއަށް ލާޒިކުރާ ގައިޑްލައިން ވާންވާނީ، މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް މަގުފަހިވާ އެއްޗަކަށް ކަމަށެވެ.
އަދި އެ ގައިޑްލައިނަކީ މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި އަމަލުކުރި ގޮތަށް ހުރިހާ ކަމެއް ކުރެވޭ ގޮތަށް ހެދޭ ގައިޑްލައިނަކަށް ނުވާނެކަމަށް ސިޔާސީ ޕާޓީތަކުގެ އިތުރުން، އީސީ އާއި ރައްޔިތުންވެސް ގަބޫލުކުރަންޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް ކެމްޕޭނު ކުރުމަށް ހުރަސްތަކެއް ހުރެދާނެ. އަދި ވޯޓުލާ ދުވަހުގެ އިންތިޒާމުތަކުގައިވެސް ހުރަސްތަކެއް ހުރެދާނެ. ނަމަވެސް، އެއީކީ އިންތިހާބު ނުބޭއްވޭފަދަ ގޮތަކަށް އިލެކްޝަންސް ކޮމިޝަނުން ވެސް މާނަކުރުމަކީ ރަނގަޅު ގޮތަކަށް ނުވާނެ،" ނިޔާޒް ގޮވާލެއްވި އެވެ.
މީގެ އިތުރުން، ކޮމިޓީން އެ ބިލަށް ބަދަލު ގެނެސްފައިވަނީ، މިހާރު ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިންތިހާބު ނުބޭއްވޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ސަބަބުތައް ބަޔާންކޮށް އެ މުއްދަތު ހަމަވުމުގެ 30 ދުވަހުގެ ކުރިން އީސީން އެކަން މަޖިލީހަށް އަންގަންޖެހޭ ގޮތަށެވެ.
އިންތިހާބު ބޭއްވުމަށް އީސީން ކަނޑައަޅާ ތާރީހުގައި އިންތިހާބު ބާއްވައި، ނިންމުމަށްޓަކައި، އިންތިހާބުތަކާބެހޭ އާއްމު ގާނޫނުގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިންތިހާބުގެ ކަންކަމާ ގުޅޭގޮތުން ކަނޑައަޅާފައިވާ މުއްދަތުތަކަށް ބަދަލުގެނައުމަށް އަލީ ނިޔާޒް ހުށަހެޅުއްވި އިސްލާހުގައި ވަނީ ހިމަނައިފަ އެވެ.
ނަމަވެސް، މުއްދަތުތައް ކުރުކުރުމާ ދެކޮޅަށް ކޮމިޓީގެ ބައްދަލުވުމުގައި އީސީގެ މެންބަރުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ރިއާއަތްކޮށް، ކޮމިޓީން ވަނީ އެ ބައި އުނިކޮށްފަ އެވެ.
އަދި އެޗްޕީއޭ އިން ކަނޑައަޅާ އުސޫލުތަކުގެ ތެރޭގައި، އިންތިހާބުގައި ވާދަކުރާ ހުރިހާ ކެނޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ލިބެންޖެހޭގޮތަށް އުސޫލު އެކުލަވާލުމަށް އެޗްޕީއޭގެ މައްޗަށް ލާޒިމުވާ ގޮތަށް ގާނޫނަށް މާއްދާއެއް އިތުރުކޮށްދިނުމަށް އީސީން އެދުނެވެ.
އެކަމަށް ރިއާއަތްކޮށް ކޮމިޓީން ގެނައި ބަދަލުގައި ބުނެފައިވަނީ، އިންތިހާބު ބޭއްވުމަށްޓަކައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތައް އެކުލަވާލަންވާނީ، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު އިންތިހާބު ބޭއްވޭގޮތަށް ކަމަށެވެ.
ކޮމިޓީން ގެނައި އިސްލާހުތަކާއެކު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ފާސްކުރާނެކަމަށް ބެލެވެ އެވެ.