ކޮވިޑް-19 އިގެ ހާލަތު ގޯސްވުމުގެ ބިރު އަދިވެސް ބޮޑުއިރު، ފަސް ކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު އިތުރަށް ލަސް ކޮށްގެން ރައްޔިތުންނަށް ވާނެ ގެއްލުމެއް ސާފު ނުވާކަމަށް ވިދާޅުވެ، މިފަދަ ނާޒުކު ދަނޑިވަޅެއްގައި އިންތިހާބު ބޭއްވުމާ ގުޅޭގޮތުން މުހިއްމު ސުވާލުތަކެއް ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) އަމާޒު ކުރައްވައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް މަގުފަހިވާ ގޮތަށް ސަރުކާރުގެ ފަރާތުން މަޖިލީހުގެ ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ނިޔާޒު ހުށަހެޅުއްވި ބިލު، މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ބައެއް ބަދަލުތައް ގެނެސް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް އިއްޔެ ދައުރުން ބޭރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުލްޣަފޫރު ވިދާޅުވީ މިއަދު ރާއްޖޭން މިފެންނަ ހާލަތަށް ވާސިލުވެވުނީ ކޮރޯނާ ވައިރަހާ ގުޅިގެން ސަރުކާރުން އެޅި ފުރިހަމަ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.
ނަމަވެސް، ދުނިޔޭގެ ހާލަތު އަދިވެސް ރަނގަޅު ނޫންކަން ވަރަށް ސާފުކޮށް ފެންނަމުންދާއިރު، މިހާލަތުގައި އަޅުގަނޑުމެން އިންތިހާބު ބާއްވައިގެން، ދެންވާނެ ގޮތަކާ ދޭތެރޭގައި ވެސް ފުންކޮށް ވިސްނަންޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.
"މި ހާލަތުގައި އޮވެ އަޅުގަނޑުމެން ކެމްޕޭނުކުރަން ރަށްރަށަށް ދިޔައިމާ އެ ރަށްރަށުގެ މީހުން ކީކޭތޯ ބުނާނީ؟ އެ ބޭފުޅުންނަށް އަޅުގަނޑުމެންނާ އެއްކޮށް ކެމްޕޭނުގައި އުޅެން ކެރޭނެތޯ؟" ދާދި ފަހުން ގއ. އަތޮޅުގެ ތިން ރަށެއްގައި ކޮވިޑު ފެތުރިގެންދިއަ ހާލަތުން މިސާލު ނަންގަވަމުން އަބްދުލްޣަފޫރު ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ، ކައުންސިލް އިންތިހާބު ބާއްވަންޖެހޭކަމަށް ގަބޫލުކުރެއްވި ނަމަވެސް، ރާއްޖެއަށް ވުރެ މާ ކުރިއަރާފައިވާ ގައުމުތަކުން އަދިވެސް މި ބަލިމަޑުކަމުން އަރައިނުގަނެވިގެން އުޅޭ މަންޒަރުތައް ފެންނައިރު، ރާއްޖެ އޮތް ނާޒުކު ހާލަތުގައި އިންތިހާބެއް ބާއްވަންޖެހޭނީ ވަރަށް ވިސްނުންތެރިކަމާއެކު ކަމަށެވެ.
އަދި އިންތިހާބުގެ ސަބަބުން އަނެއްކާވެސް ރާއްޖޭގެ އިގުތިސޯދަށް ނޭދެވޭ އަސަރުކުރުމުން، ދެން ރައްޔިތުންނަށް ލިބޭނެ ގެއްލުމަކާ ދެތޭރޭވެސް ފުންކޮށް ވިސްނުމަށް އޭނާ ގޮވާލެއްވި އެވެ.
"ލޯކަލް ކައުންސިލު އިންތިހާބު ލަސްކުރުމަކުންނެއް ރައްޔިތުންނަށް ވާނެ ގެއްލުމެއް އަޅުގަނޑަކަށް އެހާ ބޮޑަކަށް ސާފެއް ނޫން. އެހެންނަމަވެސް، ރާއްޖެ ބަލިމަޑުކަން އިތުރުވެ، މިނޫން ގޯސް ހާލަތަކަށް ގޮސްފިއްޔާ އިންތިހާއަށް ރައްޔިތުންނަށް މިކަމުގެ ގެއްލުން ވާނެ،" އަބްދުލްޣަފޫރު ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އިންތިހާބު ބާއްވައިގެން ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވެއްޖެނަމަ، އޭގެ ޒިންމާ އިދިކޮޅު ފަރާތްތަކުން އިސްވެ ސަރުކާރުގެ ބޮލުގައި އަޅުވާނެ ކަމަށެވެ.
އަދި ވިސްނުމަށްވެސް ނުގެނެވޭފަދަ މައްސަލަތަކެއް ފެންމަތިވެގެން އައުމުގެ ފުރުސަތު ބޮޑުއިރު، އިންތިހާބު އިތުރު ހަ މަސް ދުވަހަށް ފަސްކުރުމަށް އަބްދުލްޣަފޫރު އިއްޔެ ގޮވާލެއްވި އެވެ.
"އަޅުގަނޑު ގެ އަމިއްލަ ވިސްނުމުގައި އަޅުގަނޑުމެން އިންތިހާބު ރޯދައިގެ ފަހަށް ނުވަތަ ހަ މަސްދުވަސް ވަރު ލަސްކޮށްލުމަކީ، އޭގެ ސަބަބުން ގައުމުގެ އިގުތިސޯދަށާއި، ރައްޔިތުންގެ ފައިދާއަށާއި މި ކަމުން އަޅުގަނޑުމެން އަރައިގަންނަން މި ކުރާ މަސައްކަތަށް ގިނަގުނަ މަގުތަކެއް ތަނަވަސްވެގެންދާނެ ކަމެއް،" ބަހުސްގެ ތެރެއިން އެމްޑީޕީގެ ގިނަ މެންބަރުންނާ ހިލާފަށް އިންތިހާބު އަވަސްކުރުމާ ދެކޮޅަށް ގިނަ ނުކުތާތައް ފާހަގަކުރެއްވި އަބްދުލްޣަފޫރު އިތުރަށް ވިދާޅުވި އެވެ.
އެ ކަންބޮޑުވުންތައް ހުރި ނަމަވެސް، ސިއްހީކުއްލި ނުރައްކަލުގެ ހާލަތު އުވާނުލި ނަމަވެސް، ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް އެ އިންތިހާބާ ބެހޭ ހާއްސަ ގާނޫނު ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ އިސްލާހުކޮށްފަ އެވެ.
އިއްޔެ ފާސްކުރި ބިލުގައިވާ ގޮތުން، ގާނޫނު އިސްލާހުކުރާތާ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމުގެ މަސައްކަތް އީސީން ފަށަންޖެހޭނެ އެވެ.
އަދި ސިއްހީ ކުއްލި ހާލަތު ދެމި އޮވެއްޖެނަމަ، އީސީން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަންވާނީ، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތަށެވެ.
އަދި އިންތިހާބުގެ ކަންކަން ފެށުމަށް އީސީން ކަނޑައަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތައް އެކުލަވާލައި، އާއްމުކުރަންވާނެކަމަށް އިސްލާހުގައި ވަނީ ހިމަނައިފަ އެވެ.
އެ ބިލު ދިރާސާކުރި މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި އިލެކްޝަންސް ކޮމިޝަން (އީސީ)އިން ފާޅުކުރި ބައެއް ކަންބޮޑުވުންތަކަށް ރިއާއަތްކޮށް، ކޮމިޓީން ވަނީ އެ ބިލަށް ބައެއް ބަދަލުތައް ގެނެސްފަ އެވެ.
ކޮމިޓީން އެ ބިލަށް ބަދަލު ގެނެސްފައިވަނީ، މިހާރު ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިންތިހާބު ނުބޭއްވޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ސަބަބުތައް ބަޔާންކޮށް އެ މުއްދަތު ހަމަވުމުގެ 30 ދުވަހުގެ ކުރިން އީސީން އެކަން މަޖިލީހަށް އަންގަންޖެހޭ ގޮތަށެވެ.
އިންތިހާބު ބޭއްވުމަށް އީސީން ކަނޑައަޅާ ތާރީހުގައި އިންތިހާބު ބާއްވައި، ނިންމުމަށްޓަކައި، އިންތިހާބުތަކާބެހޭ އާއްމު ގާނޫނުގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިންތިހާބުގެ ކަންކަމާ ގުޅޭގޮތުން ކަނޑައަޅާފައިވާ މުއްދަތުތަކަށް ބަދަލުގެނައުމަށް އަލީ ނިޔާޒް ހުށަހެޅުއްވި އިސްލާހުގައި ވަނީ ހިމަނައިފަ އެވެ.
ނަމަވެސް، މުއްދަތުތައް ކުރުކުރުމާ ދެކޮޅަށް ކޮމިޓީގެ ބައްދަލުވުމުގައި އީސީގެ މެންބަރުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ރިއާއަތްކޮށް، ކޮމިޓީން ވަނީ އެ ބައި އުނިކޮށްފަ އެވެ.
އަދި އެޗްޕީއޭ އިން ކަނޑައަޅާ އުސޫލުތަކުގެ ތެރޭގައި، އިންތިހާބުގައި ވާދަކުރާ ހުރިހާ ކެނޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ލިބެންޖެހޭގޮތަށް އުސޫލު އެކުލަވާލުމަށް އެޗްޕީއޭގެ މައްޗަށް ލާޒިމުވާ ގޮތަށް ގާނޫނަށް މާއްދާއެއް އިތުރުކޮށްދިނުމަށް އީސީން އެދުނެވެ.
އެކަމަށް ރިއާއަތްކޮށް ކޮމިޓީން ގެނައި ބަދަލުގައި ބުނެފައިވަނީ، އިންތިހާބު ބޭއްވުމަށްޓަކައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތައް އެކުލަވާލަންވާނީ، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު އިންތިހާބު ބޭއްވޭގޮތަށް ކަމަށެވެ.
ންތިހާބު ބާއްވާ އާ ތާރީހެއްގެ ގޮތުގައި އަންނަ އޭޕްރީލް މަހުގެ ތިން ވަނަ ދުވަސް އީސީން ވަނީ ކަނޑައަޅައިފަ އެވެ.