އެމެރިކާ

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ދަތިކުރަން ގޮވަނީ

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އަކީ ބޮޑު ޖޯކެއް ކަމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ލިންޑްސޭ ގްރަހަމް ވިދާޅުވެއްޖެ އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ދަތިކުރުމުގެ ފިޔަވަޅުތަކުން އެތިފަހަރެއް ނާޅައިފިނަމަ އައިސީސީ މައިތިރިނުކުރެވޭނެ އެވެ.

ގްރަހަމް އަކީ އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްވެސް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ މެމްބަރެކެވެ.

އޭނާ އަކީ ޓްރަމްޕްގެ ވަރަށް އަރިސްވެސް ބޭފުޅެކެވެ. ގްރަހަމް ދެކެވަޑައިގަންވާ ގޮތަށް ޓްރަމްޕް އަމަލުކުރެއްވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

އައިސީސީއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންޖެހެނީ، ގްރަހަމް ވިދާޅުވި ގޮތުގައި އެމެރިކާގެ ޝައުގުވެރިކަމަށް އިހުތިރާމު ކުރުމެއް ނެތި އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ދިފާއީ ވަޒީރު ޔޮއާވް ގަލަންޓް ހައްޔަރުކުރަން އަމުރު ނެރުމުގެ ސަބަބުންނެެވެ.

އިޒުރޭލުގެ ވެރިންނަނީ އައިސީސީން ނެރޭ އަމުރަކަށް ހައްޔަރުކުރެވިގެން ވާނެ ބައެއް ނޫން ކަމަށް ގްރަހަމް ގަބޫލުކުރައްވަ އެވެ.

ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ދިފާއީ ވަޒީރު ޔޮއާވް ގަލަންޓް ހައްޔަރުކުރަން އަމުރު ނެރުނީ ފަލަސްތީންގެ ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުންނެވެ.

އިޒުރޭލުގެ ވެރިންނަކީ ހަނގުރާމައިގެ ކުށްވެރިކަމަށް އައިސީސީން ތުހުމަތުކުރެ އެވެ. އައިސީސީން ބުނާ ގޮތުން ނަތަންޔާހޫ އާއި ގަލަންޓް ހައްޔަރުކުރަން އިތުރު ހެއްކަކަށް ބޭނުންނުވާ ވަރަށް ހެކި ހުރީ ލިބިފަ އެވެ.

އައިސީސީން ނެރުނު އަމުރުގައި ހަމާސްގެ އަސްކަރީ ގޮފީގެ ވެރިޔާ މުހައްމަދު ދައީފް ހައްޔަރުކުރަން ވެސް އޮތީ ގޮވާލާފަ އެވެ. އެކަމު އިޒުރޭލުގެ ހަމަލާތަކުގައި -- ފާއިތުވި ޖުލައި މަހު އޭނާ މަރުވެފައިވާ ކަމަށް އިޒުރޭލުން ބުނެ އެވެ.

ގްރަހަމް ދެކެވަޑައިގަންނަވާ ގޮތުގައި އައިސީސީން ނެރޭ އަމުރަކަށް ތަބާވުމަށް ވުރެ އެ ކޯޓުގެ ވެރިންނަށް ކުރެވޭ ތުހުމަތުތައް ބެލުން އައުލާކަން ބޮޑެވެ.

އައިސީސީގެ އިސް ފަނޑިޔާރު ކަރީމް ޚާން އަށް ކުރެވޭ ތުހުމަތުތަކެއް ހުރުމުން -- އެކަމުގައި އޭނާއަށް އޮތް ހުކުމެއް ބެލުން މާ ރަނގަޅު ކަމަށް ގާނޫނު ހަދާ މަޖިލީޙުގެ މެމްބަރު ވިދާޅުވި އެވެ.

އައިސީސީގެ އަމުރަށް އިޒުރޭލުގެ ވެރިން ހައްޔަރުކުރަން އެމެރިކާއިން އެއްވެސް ވަރަކަށް އެއްބާރުލުން ނުދޭނެ ކަމަށް އެމެރިކާގެ އޮފިޝަލުން ވަނީ ބުނެ އިއުލާންކޮށްފަ އެވެ.