އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި ޣާއްޒާ ހަނގުރާމަ މިހާރު މާބޮޑަށްވެސް ދިގުލައިފި އެވެ.
ހަނގުރާމަ ކުރުމަކުން ޔަހޫދީންނަށް ރަައްކާތެރިކަން ކަށަވަރު ނުކުރެވޭނެ ކަމަށް ޓްރަމްޕް ގަބޫލުކުރައްވަ އެވެ.
އިޒުރޭލުގެ ބޮޑުވަޒީރު މިދިޔަ ހަފުތާގައި އެމެރިކާއަށް ކުރެއްވި ދަތުރުގައި އޭނާ އަދިވެސް ހުންނެވީ އެމެރިކާގެ އެވެ.
ނަތަންޔާހޫގެ މި ދަތުރަކީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ދޮގު ތަގުރީރެއް ދެއްވުމަށް ކުރެއްވި ދަތުރެކެވެ. މި ތަގުރީރުގައި އޭނާ ދޮގު ހެއްދެވިކަން އެމެރިކާގެ ޓީވީތަކުން ވަނީ ބޭޒާރުކޮށްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބެންޖަމިން ނަތަންޔާހޫ އާއި ޑޮނަލްޑް ޓްރަމްޕް މިއަދު ބައްދަލުކުރައްވާނެ އެވެ.
މި ދެ ލީޑަރުން ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ފްލޮރިޑާގައި ހުންނަ ޓްރަމްޕްގެ ރިސޯޓް ގަނޑުވަރު -- މާރަލާގޯ ގައެވެ.
ނަތަންޔާހޫއާ ބައްދަލުކުރެއްވުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވަނީ ޣައްޒާ ހަނގުރާމައަށް އަލިއަޅުއްވާލައްވާފަ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި ނަތަންޔާހޫއާ ބައްދަލުކުރައްވައި، ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ދަންނަވާނެ އެވެ. އަދި އަސީރުން މިނިވަންކުރުމަށާއި މެދުއިރުމައްޗަށް ދާއިމީ ސުލްހަ އޮތް ގޮތްތަކާ މެދުވެސް މަޝްވަރާކުރައްވާނެ އެވެ.
އެމެރިކާގައި މި އަހަރު ނޮވެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓިގެ ފަރާތުން ވާދަކުރައްވަނީ ޑޮނަލްޑް ޓްރަމްޕް އެވެ.
ކެމްޕޭން އެއްވުމެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި ރައީސްކަން ލިބިވަޑައިގެންފިނަމަ ފުރަތަ 24 ގަޑިއިރު ތެރޭގައި މުހިއްމު ދެކަމެއް ނިންމަވާނެ އެވެ. އެއީ ޣައްޒާ ހަނގުރާމަ އަދި ޔުކްރޭން ހަނގުރާމަ އެވެ.
ހަބަރުތައް ބުނާ ގޮތުން ޓްރަމްޕް މިހާރުވެސް ވަނީ މި ދެ ހަނގުރާމަ ހުއްޓުވާުމާ ގުޅޭ ގޮތުން ރޭވުންތަކެއް ރާއްވަވާފަ އެވެ. އޭނާގެ ސިޔާސަތަކީ ހަނގުރާމަތައް ހުއްޓުވުން ނަމަވެސް އެ ސިޔާސަތުތައް އޮތް ގޮތް އަދި އާންމެއް ނުކުރައްވަ އެވެ.
ރިޔާސީ އިންތިހާބުގައި ޓްރަމްގެ ވާދަވެރިޔާ މިހާރު ވަނީ ބަދަލުވެފަ އެވެ. މި އިންތިހާބުގައި ޑިމޮކްރެޓިކް ކެންޑިޑޭޓުގެ ގޮތުގައި ކުރިން ވާދަކުރައްވާ ގޮތަށް އޮތީ މިހާރުގެ ރައީސް ޖޯ ބައިޑަން އެވެ. ނަމަވެސް ބައިޑަން ވަނީ އިންތިހާބުގައި ވާދަނުކުރައްވަން ނިންމަވާފަ އެވެ. އަދި ޑިމޮކްރެޓިކް ކެންޑިޑޭޓުގެ ގޮތުގައި އޭނާގެ ނައިބު ރައީސް، ކަމަލާ ހެރިސްއަށް ތާއީދުކުރައްވާފަ އެވެ.