ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލި ނަމަވެސް، ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް އެ އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު، އިންތިހާބު އިތުރަށް ފަސްކުރުމަށް ޖާގަލިބޭ ގޮތަށް އެ ބިލު ދިރާސާކުރި މަޖިލީހުގެ ކޮމިޓީން ނިންމައިފި އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހުގެ ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ނިޔާޒު ހުށަހަޅުއްވާފައިވާ ބިލު ދިރާސާކުރަމުންދާ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވަނީ ބައެއް ކަންބޮޑުވުންތައް ފާޅުކުރައްވައިފަ އެވެ.
މިގޮތުން، އިންތިހާބު ފަސްކޮށް މިދިއަ އަހަރުގެ މެއި މަހު ވުޖޫދުކުރި ހާއްސަ ގާނޫނުގައި އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ މާއްދާ ފަހުން ހުށަހެޅުނު ބިލުގައި އިސްލާހުކުރަން ހިމަނާފައިނުވާ ކަމަށެވެ.
ޝަރީފް ވިދާޅުވި ގޮތުގައި، އެ މާއްދާ މިހާރު އޮތް ގޮތުން، މި އަހަރުގެ މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އިންތިހާބު ބޭއްވުމަށް އީސީގެ މައްޗަށް ލާޒިމުވާއިރު، އޭޕްރީލް މަހުގެ 13 ގައި ރޯދަ މަސް ފެށުމާއި އޭގެ ފަހުން ތާވަލުކުރެވިފައިވާ އިމްތިހާނުގެ ސަބަބުން ވޯޓުލާ މަރުކަޒުތަކުގެ ގޮތުގައި ބޭނުންކުރާ ސްކޫލްތައް ލިބުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.
އެހެންކަމުން، އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަންޖެހޭ މާއްދާ، އީސީން ކަނޑައަޅާ ތާރީހެއްގައި އިންތިހާބު ބޭއްވޭ ގޮތަށް އިސްލާހުކޮށް ދިނުމަށް ޝަރީފް އެދިވަޑައިގެންނެވި އެވެ.
ނަމަވެސް، އީސީގެ ކަންބޮޑުވުންތަކަށް ރިއާއަތްކޮށް، ކޮމިޓީން މިއަދު އެ ބިލަށް ބަދަލު ގެނެސްފައިވަނީ، އެ މާއްދާ އުވާލުމުގެ ބަދަލުގައި، މިހާރު ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިންތިހާބު ނުބޭއްވޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ސަބަބުތައް ބަޔާންކޮށް އެ މުއްދަތު ހަމަވުމުގެ 30 ދުވަހުގެ ކުރިން އީސީން އެކަން މަޖިލީހަށް އަންގަންޖެހޭ ގޮތަށެވެ.
އިންތިހާބު ބޭއްވުމަށް އީސީން ކަނޑައަޅާ ތާރީހުގައި އިންތިހާބު ބާއްވައި، ނިންމުމަށްޓަކައި، އިންތިހާބުތަކާބެހޭ އާއްމު ގާނޫނުގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިންތިހާބުގެ ކަންކަމާ ގުޅޭގޮތުން ކަނޑައަޅާފައިވާ މުއްދަތުތަކަށް ބަދަލުގެނައުމަށް އަލީ ނިޔާޒް ހުށަހެޅުއްވި އިސްލާހުގައި ވަނީ ހިމަނައިފަ އެވެ.
މިގޮތުން، ޖުމްލަ ހަ މުއްދަތެއް ބަދަލުކުރަން ހިމަނާފައިވާއިރު އިންތިހާބު ބޭއްވުމުުގެ 45 ދުވަސް ކުރިން ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާންމު ކުރަންވާނެ ކަމަށް ބުނެފައިވާ މުއްދަތު ވަނީ 30 ދުވަހަށް މަދުކޮށްފަ އެވެ.
އަދި ވޯޓާސް ލިސްޓަށް ޝަކުވާ ހުޅުހެޅުމަށް މިހާރު އޮތް 10 ދުވަސް ފަސް ދުވަހަށް ކުޑަ ކުރުމުގެ އިތުރުން، ހުށަހެޅޭ ޝަކުވާއަކާ މެދު ގޮތެއް ނިންމަންޖެހޭ މުއްދަތު ފަސް ދުވަހުން ތިން ދުވަހަށް ކުޑަކުރަން ހުށަހަޅާފައިވެ އެވެ.
މީގެ އިތުރުން، ޝަކުވާއަކާ ގުޅޭގޮތުން ނިންމާ ނިންމުމެއް ހައި ކޯޓަށް ހުށަހެޅުމަށް ދީފައިވާ މުއްދަތު ފަސް ދުވަހުން ތިން ދުވަހަށް މަދުކޮށްފައިވާއިރު، އެ މައްސަލަ ބަލައި ނިންމަން ހައި ކޯޓަށް ލިބިދީފައިވާ 15 ދުވަހުގެ މުއްދަތު، މި އިސްލާހުގައި ވަނީ ހަތް ދުވަހަށް ކުޑަކޮށްފަ އެވެ.
ދެން މި އިސްލާހުގައި މަދުކޮށްފައިވަނީ ރަސްމީ ނަތީޖާ އިއުލާން ކުރާތާ ގިނަވެގެން 14 ދުވަސް ތެރޭ އިންތިހާބާ ގުޅޭ މައްސަލަތައް ހުށަހެޅޭނެ ކަމަށްް ބުނާ މުއްދަތެވެ.
މިގޮތުން، އެ މުއްދަތު ހަތް ދުވަހަށް ކުޑަކުރުމަށް ބިލުގައި ހިމަނާފައިވާއިރު، އެފަދަ މައްސަލައަކާ ގުޅިގެން ގޮތެއް ނިންމަން ހައި ކޯޓަށް ލިބޭ 30 ދުވަހުގެ މުއްދަތު ވަނީ 15 ދުވަހަށް ބަދަލުކުރަން ހިމަނައިފަ އެވެ.
ނަމަވެސް، މުއްދަތުތައް ކުރުކުރުމާ ދެކޮޅަށް މިއަދުގެ ބައްދަލުވުމުގައި އީސީގެ މެންބަރުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ރިއާއަތްކޮށް، ކޮމިޓީން ވަނީ އެ ބައި އުނިކޮށްފަ އެވެ.
މީގެ އިތުރުން، އެޗްޕީއޭ އިން ކަނޑައަޅާ އުސޫލުތަކުގެ ތެރޭގައި، އިންތިހާބުގައި ވާދަކުރާ ހުރިހާ ކެނޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ލިބެންޖެހޭގޮތަށް އުސޫލު އެކުލަވާލުމަށް އެޗްޕީއޭގެ މައްޗަށް ލާޒިމުވާ ގޮތަށް ގާނޫނަށް މާއްދާއެއް އިތުރުކޮށްދިނުމަށް އީސީން މިއަދު އެދުނެވެ.
އެކަމަށް ރިއާއަތްކޮށް ކޮމިޓީން މިއަދު ގެނައި ބަދަލުގައި ބުނެފައިވަނީ، އިންތިހާބު ބޭއްވުމަށްޓަކައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތައް އެކުލަވާލަންވާނީ، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު އިންތިހާބު ބޭއްވޭގޮތަށް ކަމަށެވެ.
ކޮމިޓީގައި އީސީގެ މެންބަރުންގެ ފަރާތުން އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރައްވާފައިވަނީ، ސިއްހީ ކުއްލި ހާލަތު ދެމި އޮވެއްޖެނަމަ، އީސީން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަންވާނީ، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތަށްކަމަށް ބަޔާންކުރާ މާއްދާއާ ގުޅޭގޮތުންނެވެ.
އެއާއެކު، ކޮމިޝަނުން ހުށަހެޅީ އިންތިހާބު ބާއްވަންޖެހޭނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކަށް "ރިއާއަތްކޮށް"ކަމަށް ލަފުޒެއް އިތުރުކުރުމަށެވެ.
ނަމަވެސް، އެ މާއްދާއަށް އެ ލަފްޒު އިތުރުކޮށްގެން ތަފާތެއް އަންނާނެކަމަށް ގަބޫލުނުކުރެވޭކަމަށް ބައެއް މެންބަރުން ފާހަގަކުރައްވާފައިވާއިރު، ބިލަށް ކޮމިޓީން ގެނައި ބަދަލުތަކުގެ ތެރޭގައި އެ މާއްދާ އިސްލާހުކޮށްފައެއްނުވެ އެވެ.
އެއާއެކު، ކޮމިޓީން ގެނައި އިސްލާހުތަކާއެކު މަޖިލީހުގެ ތަޅުމަށް ފޮނުވަން، މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.