ހަބަރު

އިންތިހާބު ފަސްކުރުމުން އިދިކޮޅުގެ ފާޑުކިއުން

Jan 4, 2021
10

ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު މިއަދު އިތުރުކުރުމާއެކު، ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް މިހާރު ކަނޑައަޅާފައިވާ ތާރީހުގައި ނުބޭއްވޭނެކަމަށް އިލެކްޝަންސް ކޮމިޝަން (އިސީ)އިން ބުނުމާ ގުޅިގެން، އިދިކޮޅުގެ ފާޑުކިއުން ސަރުކާރަށް އަމާޒުވެއްޖެ އެވެ.

މި އަހަރުގެ އެޕްރީލް މަހުގައި ބޭއްވުމަށް ތައްޔާރުވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައި ވަނީ މުޅި ދުނިޔޭގައި ވެސް މިހާރު ފެތުރެމުންދާ ކޮވިޑް-19 އިގެ ހާލަތާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެންނެވެ.

ކައުންސިލް އިންތިހާބު ފަސް ކުރުމާއި ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލަތަކަށް ހައްލު ހޯދުމަށް މަޖިލީހުން ވަނީ ސަންސެޓް ގާނޫނެއް ފާސް ކޮށްފަ އެވެ.

އެ ގާނޫނު ބުނާ ގޮތުން ތަސްދީގު ކުރާތާ އަހަރު ދުވަސްތެރޭ އިންތިހާބު ބާއްވަން ޖެހެ އެވެ. އެހެންވީމަ މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ.

މިހާރު އިންތިހާބު ބާއްވަން ލަފާކޮށްފަ ވަނީ އަންނަ އަހަރުގެ މާޗް މަހުގައި ކަމަށް ވާއިރު އީސީން ތަކުރާރުކޮށް ބުނަމުން އަންނަނީ މާދަމާގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާ ނުލައިފިނަމަ އިންތިހާބު ނުބޭއްވޭނެ ކަމަށެވެ.

ނަމަވެސް، އިންތިހާބު ބޭއްވުމަށް އިދާރީ ހުރިހާ ތައްޔާރީތައް ނިންމައި، އިންތިހާބު ބޭއްވުމާ ގުޅޭގޮތުން އެޗްޕީއޭއާއެކު މަޝްވަރާކުރަމުން އަންނަނިކޮށް، ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ސޮއި ކުރައްވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަންނަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.

އެކަމާ ގުޅިގެން އީސީގެ ރައީސް އަހުމަދު ޝަރީފް އާދަމް މިއަދު އަވަސް އަށް ވިދާޅުވީ، ކުއްލި ހާލަތު އިތުރުކުރުމުން، މިހާރު އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ ތާރީހުގައި ދެން އިންތިހާު ނުބޭއްވޭނެ ކަމަށެވެ.

"މީގެ މާނައަކީ، މިހާރު އިންތިހާބު ބާއްވަން އަޅުގަނޑުމެން ކަނޑައެޅި ތާރިހުގައި އިންތިހާބު ދެން ނުބޭއްވޭނެ. މާޗް ހައެއްގައި ދެން އިންތިހާބެއް ނުބޭއްވޭނެ. ދެން ބުދަ ދުވަހު އޮންނަ [އީސީގެ] ބައްދަލުވުމުގައި އަޅުގަނޑުމެން ދެން ކުރިއަށްދެވޭނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާކުރާނަން،" ޝަރީފް ވިދާޅުވި އެވެ.

އެކަމަށް އިޝާރާތް ކުރައްވައި، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ރާވައިގެން، ގަސްތުގައި ކުރާކަމެއް ކަމަށާއި، އެކަން ކުރަނީ އިންތިހާބު ބާއްވައިފިނަމަ ސަރުކާރު ފެއިލްވެފައިވާ މިންވަރު ހާމަވެދާނެތީ ކަމަށެވެ.

"ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރިޔަސް، ރައްޔިތުންގެ މިހާރުގެ ފިކުރު ބަދަލެއްނުވާނެ. ރައްޔިތުން ތިބީ މާޔޫސްވެފައި،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އިންތިހާބާ ބެހޭ ހާއްސަ ގާނޫނުގެ ދަށުން އަންނަ މެއި މަހުގެ ނުވަ ވަނަ ދުވަހަކީ އެންމެ ފަހު ތާރީހުކަމަށް ބަޔާންކޮށްފައިވާއިރު، މާޗް މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް އީސީން ކަނޑައަޅާފައިވަނީ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ރޯދަ މަސް ފެށޭތީކަމަށް އީސީން މީގެ ކުރިން ވަނީ ބުނެފައި އެވެ.

އެއާއެކު، މިހާރު ޗުއްޓީގައި އޮތް މަޖިލިސް އަންނަ މަހު އަލުން މަސައްކަތްތައް ފަށާއިރު، ކުއްލި ހާލަތުގެ ތެރޭގައި އިންތިހާބު ބޭއްވޭ ގޮތަށް ގާނޫނު އިސްލާހުކުރުން ނޫނީ، ގާނޫނުގައި އިންތިހާބު ބާއްވަންޖެހޭ ތާރީހު އިތުރުކޮށް، އަނެއްކާވެސް ކައުންސިލް އިންތިހާބު އިތުރަށް ފަސްކުރަން ޖެހޭނެ އެވެ.