މިދިޔަ 2020 ގައި ބާއްވަން މަސައްކަތް ކުރި އިންތިހާބު ދެން ނުބޭއްވޭނެ ކަމަށާ މި ހާލަތުގައި އާ އިންތިހާބަކަށް ފުރުސަތު ހުޅުވާލާ ވީހާވެސް އަވަހަށް ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ޖެހޭ ކަމަށް ޕީއެންސީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހުގައި ބޭއްވުމަށް ތައްޔާރުވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައި ވަނީ މުޅި ދުނިޔޭގައި ވެސް މިހާރު ފެތުރެމުންދާ ކޮވިޑް-19 އިގެ ހާލަތާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެންނެވެ.
ކައުންސިލް އިންތިހާބު ފަސް ކުރުމާއި ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލަތަކަށް ހައްލު ހޯދަން ރައްޔިތުންގެ މަޖިލީހުން ވަނީ ސަންސެޓް ގާނޫނެއް ފާސް ކޮށްފަ އެވެ. އެ ގާނޫނު ބުނާ ގޮތުން ތަސްދީގު ކުރާތާ އަހަރު ދުވަސްތެރޭ އިންތިހާބު ބާއްވަން ޖެހެ އެވެ. އެހެންވެ އަންނަ މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ. ނަމަވެސް އެ މުއްދަތުގައި ވެސް އިންތިހާބު ބޭއްވިދާނެތޯ ވަނީ ސުވާލު އުފެދިފަ އެވެ.
އެ ސުވާލު އުފެދުނީ ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަލުން އިތުރު ކުރުމާއި ގުޅިގެންނެވެ. އެ ހާލަތު އަންނަ މަހުގެ ތިންވަނަ ދުވަހަށް މިއަދު ވަނީ އިތުރު ކޮށްފަ އެވެ. އެ ނިންމުމާއެކު އަންނަ މާޗް މަހުގެ ހަވަނަ ދުވަހު އިންތިހާބު ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ބުނެފައެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މިހާރު އޮތް ގޮތުން އަންނަ އަހަރު ބާވަން މަސައްކަތް ކުރި އިންތިހާބެއް ދެން ނުބޭއްވޭނެ އެވެ. މިހާރުވެސް މުއްދަތު މާބޮޑަށް ފަސްވެއްޖެ އެވެ. އޭނާ ވަނީ އާ އިންތިހާބެއް އިއުލާނުކޮށް އެ އިންތިހާބަށް ފުރުސަތު ހުޅުވާލަން ގޮވާލާފަ އެވެ. އޭނާ ވިދާޅުވީ އިންތިހާބު އަހަރު ދުވަހަށް ފަސްވީއިރު މުޅީން އަލަށް 6،000 ވުރެ ގިނަ މީހުންނަށް ވޯޓްލުމުގެ ހައްގު ލިބެ އެވެ. އެއީ އާބާދީގެ ބޮޑު ޕަސެންޓެކެވެ. އޭގެ ތެރޭގައި ކައުންސިލް އިންތިހާބަށް ވާދަކުރަން ބޭނުންވާ މީހުން ވެސް ތިބޭނެތީ އެމީހުންނަށް ފުރުސަތުދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެކެނީ ދެން ޖެހޭނީ އަލުން އިންތިހާބަށް ހުޅުވާލަން ކަމަށް. މިހާރު ތިިބި ކެންޑިޑޭޓުންނާއެކު އިންތިހާބު ބޭއްވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. މިހާ ދިގު މުއްދަތެއް ހޭދަވީއިރު އިންތިހާބުގައި ވާދަކުރަން ބޭނުންވާ އެހެން ބަޔަކުވެސް ތިބެދާނެ. އެ ފުރުސަތު ދޭން ޖެހޭނެ ކަމަށް އަޅުގަނޑުމެން ދެކެނީ،" އޭނާ ވިދާޅުވި އެވެ.
އީސީގެ ރައީސް އަހުމަދު ޝަރީފް އަވަސް އަށް ވިދާޅުވީ، ކުއްލި ހާލަތު އިތުރު ކުރުމުން، މިހާރު އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ ތާރީހުގައި ދެން އިންތިހާބު ނުބޭއްވޭނެ ކަމަށެވެ. އަދި ދެން އިންތިހާބު ބޭއްވޭނެ ތާރީހެއް ކަނޑައެޅޭނީ އެޗްޕީއޭއާއެކު ބުދަ ދުވަހު މަޝްވަރާ ކުރުމަށްފަހު އެވެ.
"މީގެ މާނައަކީ، މިހާރު އިންތިހާބު ބާއްވަން އަޅުގަނޑުމެން ކަނޑައެޅި ތާރިހުގައި އިންތިހާބު ދެން ނުބޭއްވޭނެ. މާޗް ހައެއްގައި ދެން އިންތިހާބެއް ނުބޭއްވޭނެ. ދެން ބުދަ ދުވަހު އޮންނަ [އީސީގެ] ބައްދަލުވުމުގައި އަޅުގަނޑުމެން ދެން ކުރިއަށްދެވޭނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާ ކުރާނަން،" ޝަރީފް ވިދާޅުވި އެވެ.
އިންތިހާބާ ބެހޭ ހާއްސަ ގާނޫނުގެ ދަށުން އަންނަ މެއި މަހުގެ ނުވަ ވަނަ ދުވަހަކީ އެންމެ ފަހު ތާރީހުކަމަށް ބަޔާންކޮށްފައިވާއިރު، މާޗް މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް އީސީން ކަނޑައަޅާފައި ވަނީ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ރޯދަ މަސް ފެށޭތީ ކަމަށް އީސީން މީގެ ކުރިން ވަނީ ބުނެފައި އެވެ.
އިންތިހާބު ފަސްވަމުންދާތީ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ރައީސް ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު ވީހާވެސް އަވަހަށް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"މިކަން ކުރުމަށް ގާނޫނަށް ބަދަލު ގެންނަން ޖެހޭ ނަމަ. އެކަންވެސް ކުރުން މުހިންމު ކަމުގައި އަޅުގަނޑު ދެކެން،" ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.