އިދިކޮޅު ފަރާތްތައް

ގޮނޑިތައް ހޯދަން ވޯޓާ ނުކުޅޭތި: އިދިކޮޅު

މާލޭގެ ފަސް ދާއިރާއެއްގެ ވޯޓާއި އައްޑޫ ސިޓީގެ ހަތަރު ދާއިރާއެއްގެ ވޯޓް އަލުން ގުނަން އެމްޑީޕީން ހުށައެޅުމާއި ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ފާޑުކިޔައިފި އެވެ.

ކައުންސިލް އިންތިހާބުގައި މާލެ ސިޓީން ޕީޕީއެމަށް ލިބުނު ކާމިޔާބީ ފާހަގަކުރަން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މާލޭގެ ގޮނޑިތަކަށް ޕީޕީއެމުން ނެރުނު 14 ކެންޑިޑޭޓުންވެސް އިންތިހާބު ކާމިޔާބު ކުރުމުން ރައްޔިތުންގެ ނިންމުން ވަރަށް ސާފު ކަމަށެވެ. އެެހެން ކަމުން ވޯޓް ބަދަލު ކުރަން މަސައްކަތް ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވިއެވެ.

"ދެން އިތުރަށް ވޯޓާ ކުޅުއްވަން ނުހައްދަވާށޭ. މިހާރު މާލޭގެ ގޮނޑިތައް ބަދަލުކުރުމަށް އެމްޑީޕީން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އެބަ ގެންދޭ. މިއަދު ބޭއްވި ނޫސްކޮންފަރެސްގައި އެކަން އަޅުގަނޑުމެންނަށް އެބަ އިނގޭ. އެހެން ނަމަވެސް ރައްޔިތުން ވަނީ އޮޅުވާ ނުލެވޭ ވަރަށް ވައްކަން ނުކުރެވޭ ވަރަށް ޕީޕީއެމަށް ތާއީދުކޮށް ވޯޓް ދެއްވާފައި. ދެން އެއާ ކުޅުއްވަން ނުހަދާ. ރައްޔިތުންގެ ބަސް އެއޮތީ އިއްވާފައި. މިރޭވެސް ތަކުރާކޮށްލާނަން. ރައްޔިތުން ބުނީ އަނިޔާވެރިކަމާއި ތިމަންނަމެން ދެކޮޅޭ. ރައީސް ޔާމީނަށް އެ ކުރަނީ އަނިޔާއޭ. ރައީސް ޔާމީން ވަގުތުން ވަގުތަށް މިނިވަން ކުރާށޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ދެން އިތުރަށް ވޯޓާ ކުޅުއްވަން ނުހައްދަވާށޭ. މިހާރު މާލޭގެ ގޮނޑިތައް ބަދަލުކުރުމަށް އެމްޑީޕީން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އެބަ ގެންދޭ. މިއަދު ބޭއްވި ނޫސްކޮންފަރެސްގައި އެކަން އަޅުގަނޑުމެންނަށް އެބަ އިނގޭ. އެހެން ނަމަވެސް ރައްޔިތުން ވަނީ އޮޅުވާ ނުލެވޭ ވަރަށް ވައްކަން ނުކުރެވޭ ވަރަށް ޕީޕީއެމަށް ތާއީދުކޮށް ވޯޓް ދެއްވާފައި. ދެން އެއާ ކުޅުއްވަން ނުހަދާ. ރައްޔިތުންގެ ބަސް އެއޮތީ އިއްވާފައި. މިރޭވެސް ތަކުރާކޮށްލާނަން. ރައްޔިތުން ބުނީ އަނިޔާވެރިކަމާއި ތިމަންނަމެން ދެކޮޅޭ. ރައީސް ޔާމީނަށް އެ ކުރަނީ އަނިޔާއޭ. ރައީސް ޔާމީން ވަގުތުން ވަގުތަށް މިނިވަން ކުރާށޭ
އަބްދުއްރަހީމް އަބްދުﷲ | ޕީއެންސީގެ ރައީސް

އަބްދުއްރަހީމް ވިދާޅުވީ މާލޭގެ ރައްޔިތުން މިފަހަރު ދިން ތާއީދަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އިންތިހާބުގެ ނަތީޖާއަކީ ލިބުނު ކާމިޔާބީއަކީ ރައީސް ޔާމީންގެ ފިކުރަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އަބްދުއްރަހީމް މިރޭވެސް ވަނީ ޔާމީން ވަގުތުން މިނިވަން ކުރުމަށް ގޮވާލައްވާފައެވެ. އަދި ވިދާޅުވީ ސިޔާސީ މަސައްކަތުގައި ދެމި ހުރިހާ ހިނދަކު އެ ގޮވާލުން ތަކުރާރު ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން މި މަަސައްކަތުގައި ދެމިތިބިހާ ހިނދަކު މި ވާހަކަ [ރައީސް ޔާމީން މިނިވަންކުރުމުގެ ވާހަކަ] ދައްކާނަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ބައެއް ފޮށިތަކުގެ ވޯޓް އަލުން ގުނައިދިނުމަށް އެދި އެމްޑީޕީން ހުށައަޅާފައިވާއިރު އެ ޕާޓީން ބުނީ މާލެއާއި އައްޑޫ ސިޓީ އިން އެމްޑީޕީން ކާމިޔާބު ކުރި ގޮނޑިތަކުގެ އިތުރުން މާލޭގެ އެހެން ފަސް ދާއިރާއެއްގެ ނަތީޖާ ޝީޓާއި އައްޑޫ ސިޓީގެ ހަތަރު ދާއިރާއެއްގެ ނަތީޖާ ޝީޓުތަކަށް ބަލާއިރު އެ ދާއިރާތަކުގައި އެންމެ ކުރީގައި ތިބި ކެނޑިޑޭޓުންނާއި އެމްޑީޕީގެ ކެންޑިޑޭޓުންނާ ދެމެދު ހުރި ފަރަގަކީ ސާޅީހަކަށް ވޯޓަށްވުރެ ކުޑަ ފަރަގެއް ކަމަށެވެ.

"...މިދެންނެވި ކޮންމެ ދާއިރާއެއްގައި މިހާތަނަށް އަދި ނުގުނާ 50-60 ވޯޓު ކަރުދާސް ރާއްޖޭގެ އެކި ރަށްރަށުގައާއި ޖަލުތަކުގައި ހުރިކަން ފާހަގަކުރެވޭ. އަދި މިއިން ކޮންމެ ދާއިރާއެއްގައި ބާތިލު ވޯޓުގެ ގޮތުގައި 50-90 ވޯޓުކަރުދާސް ހިމެނިފައިވާކަންވެސް ފާހަގަކުރެވޭ. އެހެންކަމުން މި ޕާޓީން މި ގެންދަނީ އެ ވޯޓުފޮށިތަކުގެ ފުރިހަމަ ނަތީޖާ ދެނެގަތުމުގެ މަސައްކަތް ކުރަމުން. އަދި އިސްވެ ދެންނެވި ކަންކަން އެހެން ހުރުމުން މި ޕާޓީއަށް މިހާތަނަށް ކަށަވަރުވެފައިވާ ގޮނޑިތަކުގެ އިތުރުން މާލެ އާއި އައްޑޫ ސިޓީގެ އިތުރު ގޮނޑި ލިބުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށް މިވާހަކަ އާންމުކޮށް ދެންނެވިން،" އެމްޑީޕީގެ ބަޔާނުގައިވެއެވެ.

މިރޭގެ ޖަލްސާގައި ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްވެސް ވަނީ އެމްޑީޕީން ބައެއް ވޯޓްފޮށިތަކުގެ ވޯޓް އަލުން ގުނަައިދިނުމަށް އެދުމުން އެކަމަށް ފާޑުވިދާޅުވެފައެވެ. ޝިޔާމް ވިދާޅުވީ ރައްޔިތުން ބަސް އިއްވާފައިވާ ކަމަށާ އެކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ.

އެމްޑީޕީއަކީ ސަރުކާރު ހިންގާ ޕާޓީކަން ހަނދާންކޮށްދީ ރައްޔިތުން ހަވާލުކުރި ޒިންމާ އަދާކުުރުމަށް ޝިޔާމް ގޮވާލެެއްވިއެވެ. ޝިޔާމް ވިދާޅުވީ އެމްޑީޕީން ކުރަންވީ ކަމަކީ ވޯޓާ ކުޅުން ނޫން ކަމަށާ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށް ދިނުން ކަމަށެވެ.

"ވޯޓްފޮއްޓާއި ކުޅެންވީއެއް ނޫން. ރައްޔިތުން ބޭނުންވާ ގޮތަށް ވެރިކަން ކުރަންވީ. ވޯޓްފޮށި ބަދަލު ކުރަންވީއެއް ނޫން،" ވަރަށް ފޯރީގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވިއެވެ.