ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

އިންތިހާބެއް ނެތް: ތާރީހު ނުދީ ހުސް ބަހަނާ!

ކޮވިޑް-19 އިގެ ބަލާއާފަތް ރާއްޖެއަށް ކުރިމަތިވުމާއެކު 2020 ގެ އޭޕްރީލްގައި ބާއްވަން ތާވަލުކުރި ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ޖެހުނެވެ. ބަލިމަޑުކަން ބޮޑުވެ ފަސްކުރި ތާރީހުގައި ވެސް އިންތިހާބު ނުބޭއްވި ގާނޫނީ މައްސަލަތަކެއް ކުރިމަތިވުމުން ރައްޔިތުންގެ މަޖިލީހަށް ޖެހުނީ ސަންސެޓް ގާނޫނެއް ގެންނާށެވެ. އެ ގާނޫނު ގެނެސް 2021 ގެ މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން މަގު ހޯދައި ދިނެވެ. އެކަމަކު އެ ތާރީހުގައި ވެސް އިންތިހާބު ބޭއްވުމުގެ ފުރުސަތު މި ވަނީ ހަނިވެފަ އެވެ. އަހަރު މެދުން ޖުލައިގެ މިއަތަކު އިންތިހާބު ބޭއްވިދާނެ ހެނެއް ހީއެއް ނުވެއެވެ.

ސަންސެޓް ގާނޫނު ބުނާ ގޮތުން އާންމު ސިއްހައްތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި ވަނިކޮށް އިންތިހާބާބެހޭ އެއްވެސް މަސައްކަތެއް ކުރުން މަނަލެވެ. އެހެން ކަމުން އިންތިހާބުގެ ތައްޔާރީތައް އެއްވެސް ސިފައެއްގައި އެއްވެސް ފަރާތަކަށް ފެށޭނީ ރާއްޖޭގައި މި ވަގުތު އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކާލުގެ ހާލަތު ނަގައި އެފަދަ ހާލަތެއް މިހާރު ނެތް ކަމަށް އެޗްޕީއޭއިން ރަސްމީކޮށް އިއުލާނު ކުރުމުންނެވެ.

ރާއްޖޭގައި އިއުލާނު ކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މަހުން މަހަށް ދަނީ އިތުުރު ކުރަމުންނެވެ. އެގޮތުން 10 ވަނަ ފަހަރަށް އިތުރުކުރި އެ ހާލަތު އަންނަ މަހުގެ ތިންވަނަ ދުވަހަށް މިހާރު ވަނީ ގިދުދަންމާއެވެ. އެ ނިންމުން އައީ އިއްޔެވެ.

ހެލްތު މިނިސްޓަރު ކެރެފާ އަހުމަދު ނަސީމް ސޮއި ކުރައްވާ ނެރުއްވި ގަރާރުގެ ސަބަބުން އަންނަ މާޗް މަހުގެ ހަވަނަ ދުވަހު އިންތިހާބު ބޭއްވޭނެ ކަމަށް ކުރި ހުރިހާ އުންމީދެއް ވަނީ ފެނަށްވެ، ނިމުން އައިސްފަ އެވެ. މިހާރު އިލެކްޝަނުން ވެސް ވަނީ އެ ކޮމިޝަނުން އުންމީދުކުރި ތާރީހުގައި އެ އިންތިހާބު ނުބޭއްވޭނެ ކަމަށް އިއުލާން ކޮށްފައެވެ. ކަންކަން ކުރިއަށްދާ ގޮތުން ސަންސެޓް ގާނޫނުގައި ބުނާ މުއްދަތުގެ ކުރިން ވެސް އިންތިހާބު ބޭއްވިދާނެތޯ މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

ސަންސެޓް ގާނޫނުގައި އޮންނަ ގޮތުން އެ ގާނޫނުގައި ބުނާ މުއްދަތުގައި ކައުންސިލް އިންތިހާބު ނުބޭއްވިދާނެތީ އޭގެ ކުރިން ހައްލެއް ހޯދަން ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގައި ވެސް އިލެކްޝަނުން ވަނީ އެދިފައެވެ. އެންމެ ފަހުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް އެ ކޮމިޝަން ހާޒިރުކުރި ދުވަހު މެންބަރުން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮއްވާ އިންތިހާބުގެ އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް އޮތް އޮތުން ބަދަލު ކުރަން އެދިވަޑައިގެންފަ އެވެ. އެ ހާލަތު އޮތް ނަމަވެސް އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން އިންތިހާބު ބޭއްވޭނެ މަގު ފަހިކޮށް ދޭން ވެގެނެވެ.

ނަމަވެސް މަޖިލީހުގެ މަސައްކަތް މި އަހަރަށް ނިންމާ ޗުއްޓީއަށް ދިޔައީ ކޮމިޝަންގެ އެ އެދުމަށް ގޮތްތަކެއް ހަމަޖައްސައި ނުދީ އެވެ. އެކަމަކު މަޖިލީހުން ވަނީ އިންތިހާބު ބޭއްވުމުގައި ކޮމިޝަނަށް އެއްބާރުލުން ދޭން ދައުލަތުގެ އިދާރާތަކަށް އަންގާފައެވެ.

އިއްޔެއާ ހަމައަށް އިލެކްޝަނުން ބަލައިގެން އޮތީ އިންތިހާބު ބޭއްވުމުގެ ފުރުސަތު ތަނަވަސް ވާނެ ކަމަށެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާނެ ކަމަށް ކޮމިޝަނުން ބެލި އެވެ. ނޫނީ އިންތިހާބުގެ ތައްޔާރީތައް ފެށުމުގެ ހުއްދައެއް ދޭނެ ކަމަށް ގަބޫލު ކުރިއެވެ. އެ މަޝްވަރާތައް ވެސް ހިނގި އެވެ.

އިންތިހާބު ފަސްވުމަކީ ކަންބޮޑުވުމެއް

ލޯކަލް ކައުންސިލް އިންތިހާބު ފަސްވުމަކީ މައްސަލައެއް އަދި ކަންބޮޑުވުމެކެވެ. ރައްޔިތުންނާއި އިލެކްޝަނާއި ސަރުކާރާއި މަޖިލީހާއި ސިޔާސީ ޕާޓީތަކުގެ ވެސް ކަންބޮޑުވުމެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތް ކުރިން ވިދާޅުވަމުން ގެންދެވި އިރު އިންތިހާބު މާޗް މަހު ބާއްވަން ޖެހޭނެ އެވެ. މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ މައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދުވެސް އެހެން ވިދާޅުވެފައި ވެއެވެ.

އިންތިހާބަށް ތާރީހެއް ވެސް އެމަނިކުފާނު ދެއްވިއެވެ. އަދި މާޗުގެ ކުރީކޮޅު އިންތިހާބު ނުބޭއްވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށްވެސް ވެސް ވިދާޅުވެފައި ވެއެވެ. މުޅި އެމްޑީޕީންވެސް ވާހަކަ ދެއްކީ އެ މޭރުމުންނެވެ. ޕާޓީގެ އެކި ލެވެލްގަ އެވެ. ރޭވެސް ރައީސް ނަޝީދު ވަނީ އެ މޭރުމުން ވާހަކަފުޅު ދައްކަވާފައެވެ.

ރޭ ވިދާޅުވި ގޮތުގައި ވީހާވެސް އަވަހަށް ކައުންސިލް އިންތިހާބު ބާއްވަން ޖެހެ އެވެ. އެކަމަށް ކުރާންޖެހޭ ކަމަަކީ ގާނޫނަށް ބަދަލު ގެނައުން ކަމަަށްވާނަމަ އެކަންވެސް ކުރަންޖެހެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ވީހާވެސް އަވަހަށް ބޭއްވުން ވަރަށް މުހިންމު. މިކަން ކުުރުމަށް ގާނޫނަށް ބަދަލު ގެންނަން ޖެހޭނަމަ އެކަންވެސް ކުރުން މުހިންމު ކަމުގައި އަޅުގަނޑު ދެކެން
މުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލީހުގެ ރައީސް

އިދިކޮޅު ކޯލިޝަނުން ބުނާ ގޮތުގައި އިންތިހާބު ނުބޭއްވި ފަސް ކުރުމަކީ ވަރަށް ގޯހެއް އަދި ކަންބޮޑުވުމެކެވެ. އިންތިހާބު ފަސް ކުރަނީ ކޮވިޑާ ގުޅިގެން ކަމަކަށް އިދިކޮޅު ގަބޫލެއް ނުކުރެ އެވެ. އެ މީހުންގެ ނަޒަރުގައި ސަރުކާރާއި އެމްޑީޕީން ގަސްދުގައި އިންތިހާބު ފަސްކުރަނީއެވެ. ކައުންސިލް އިންތިހާބު ނުބާއްވަން ބަހާނާ ދައްކައި އެކަން "ކޮވިޑް ބަލަށް ޖެހީ" އެވެ.

ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އިދިކޮޅު ލީޑުކުރައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި އިންތިހާބަށް ނުކުންނަން ސަރުކާރުން ޖެހިލުންވެ އެވެ. އެހެން ވެގެން ވައުދުތައް ނުފުއްދި ރައްޔިތުންގެ އިތުބާރު ސަރުކާރަށް ގެއްލުމުން ލިބިދާނެ ދެރަ ނަތީޖާއަކަށްޓަކައި ގަސްތުގައި އިންތިހާބު ފަސްކުރަނީ އެވެ.

"ހަމައެކަނި ދިމާވެގެން މި އުޅޭ މައްސަލައަކީ ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދި އޮތުމާއި ކަމެއް ކޮށްދެވިފައި ނެތުގެ މައްސަލަ. އެހެންވީމަ ރައްޔިތުން ދެކެ ގަންނަ ބިރު މިއީ. އިންތިހާބު ނުބާއްވަން ދެއްކޭނެ އެއްވެސް ހުއްޖަތެއް ނެތް މިހާރު. މިހާރު އަޅުގަނޑުމެން ގަބޫލެއް ނުކުރަން އިންތިހާބު ދެން ބާއްވާނެ ކަމަކަށް ވެސް،" އަބްދުއް ރަހީމް ވިދާޅުވި އެވެ.

ދިމާވެގެން މި އުޅޭ މައްސަލައަކީ ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދި އޮތުމާއި ކަމެއް ކޮށްދެވިފައި ނެތުގެ މައްސަލަ. އެހެންވީމަ ރައްޔިތުން ދެކެ ގަންނަ ބިރު މިއީ. އިންތިހާބު ނުބާއްވަން ދެއްކޭނެ އެއްވެސް ހުއްޖަތެއް ނެތް މިހާރު. އަޅުގަނޑުމެން ގަބޫލެއް ނުކުރަން އިންތިހާބު ދެން ބާއްވާނެ ކަމަކަށް
އަބްދުއްރަހީމް އަބްދުﷲ | ޕީއެންސީގެ ރައީސް

ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވި ގޮތުގައި ކައުންސިލް އިންތިހާބު ނުބާއްވާ ފަސް ކުރަނީ އިލެކްޝަނަކުން ނޫނެވެ. އެކަން ކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު އަޑީގައި އޮވެގެނެވެ. އޭ ގަބޫލުފުޅު ކުރައްވާ ގޮތުގައި ސަރުކާރުން އެކަން އެގޮތަށް ކުރީ މިހާތަނާ ޖެހެން އިދިކޮޅު "ރަށު ބަންދު" ގައި ބާއްވައި ސަރުކާރައި އެމްޑީޕީން ރަށްރަށައް ކުރި ދަތުރުތަކުން ވެސް އިންތިހާބުގައި އަދި ކާމިޔާބު ނުލިބޭނެ ކަން ޔަގީންވެގެނެވެ.

ގާނޫނީ ދައުރު ހަމަވެފައިވާ މިހާރު އޮތް ކައުންސިލްތަކުގެ 74 ޕަސެންޓް ކޮންޓްރޯލް ކުރަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުންނެވެ. ހާއްސަކޮށް އެމްޑީޕީ އެވެ. އިދިކޮޅުގެ ބައެއް ބޭފުޅުންގެ ނަޒަރުގައި ކައުންސިލް އިންތިހާބު ނުބާއްވަން ސަރުކާރުން ބަހަނާ ދައްކަނީ އެވެ. އެއީ މިހާރު އޮތް ބާރު ގެއްލިދާނެ ކަމުގެ ޔަގީންކަން އޮތުމުންނެވެ. އަދި ބޭނުންވަނީ މިހާރު އޮތް ބާރު ދެމެހެއްޓޭ ގޮތަށް ދިގު ދަންމާލާށެވެ.

"ދަންނަވަންތޯ، ސަރުކާރުގެ އެއްވެސް ވިސްނުމެއް ނެތް ކައުންސިލް އިންތިހާބު ބާއްވާކަށް. ސަރުކާރަށް އެނގޭ އިންތިހާބު ބާއްވައިފިނަމަ ފެއިލްވާނެ ކަން. އަޅުގަނޑުމެން ރަށުގައި ބަންދުކޮށް ރަށްރަށައް ކުރި ދަތުރުތަކުން ވެސް ބުނެދިނީ ސަރުކާރު ފެއިލްވާނެ މިންވަރު. އެހެންވީމަ އިންތިހާބު ބޭއްވުމުގެ ވިސްނުމެއް ނެތް މި މީހުންގެ،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކައުންސިލް އިންތިހާބު ފަސްކުރަން މަޖިލީހުން ފާސްކުރި ސަންސެޓް ގާނޫނަކީ ގާނޫނު އަސާސީގެ އަށް ވަނަ ބާބާ ހިލާފު ގާނޫނެވެ. އެކަމުގައި މިހާރުވެސް މަޖިލިސް އޮތީ ގޯސް ހަދާފަ އެވެ. ގޯސް އުސޫލަކުން ވުޖޫދުކުރި ގާނޫނަކަށް ގެނެވޭނެ ބަދަލެއް ވެސް ނެތެވެ. ބަދަލު ގެނެސްގެން އިންތިހާބު ފަސްކުރާނަމަ އެ ހަދަނީ އަދި މާ ބޮޑު ގޯހެވެ.

"ގާނޫނު އަސާސީއާ ހިލާފަށް ކޮށްފައި އޮތް ކަމެއްގެ މަތީގައި މި ތިބީ. އޭގެ މައްޗަށް އަނެއްކާވެސް އިތުރު ކަންތައްތަކެއް ކުރަން މި ރާވަނީ،" ޝިޔާމް ވިދާޅުވި އެވެ.

ހުރިހާ އިދާރާއަކަށް ސަރުކާރުގެ ނުފޫޒު

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ކައުންސިލް އިންތިހާބު ފަސްވުމަކީ އިއްތިފާގެއް ނޫނެވެ. އަދި އެއީ ކޮވިޑްގެ ބަލާއާފާތާ ވެސް ގުޅުމެއް އޮތް ކަމެއް ނޫނެވެ. އިންތިހާބަށް ދާން ސަރުކާރުން ބޭނުން ނުވަނީ އެވެ. ބަލިވާނެ ކަން އެނގޭތީ ފަސްޖެހެނީ އެވެ. އެހެންވީމަ އިދާރާތަކަށް އެކި ނުފޫޒު ފޯރުވައިގެން އިންތިހާބު ފަސް ކުރެވެން އޮތް ހުރިހާ މަގެއް ހޯދަނީ އެވެ. އަދި އިންތިހާބަށް ފުރުސަތު ހަނިވާނެ ކޮންމެ މަގެއް ކޮށަނީ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިލެކްޝަނުން އިންތިހާބު ބޭއްވުމުގެ ކުލަ ވަރެއް ދައްކާލާއިރަށް އެޗްޕީއޭއިން ހުރަސް އަޅަނީ އެހެން ވެގެނެވެ. މަޖިލީހުން ގޮތެއް ހޯދާއިރަށް ބަޖެޓްގެ ޝަކުވާ ބޮޑުކޮށްލަނީ އެހެން ވެގެނެވެ. އޭނާ ވިދާޅުވި ގޮތުގައި ބަހަނާ ދައްކަނީ ރާވައިގެނެވެ. އިދާރާތައް ގުޅިގެންނެވެ. އެކަން އެހެން ވަނީ ސަރުކާރުގެ ނުފޫޒު އެ އިދާރާތަކަށް މިއަދު ވެދެފައި އޮތް މިންވަރުންނެވެ.

"މިއަދު ރާއްޖޭގައި މި އޮތީ ތިންބާރު ވަކިވެފައި އޮތް ވެރިކަމެއް ނޫން. މިހާރު މި އޮތީ މިރާއްޖެ މިފަހުން ދެކޭނެ އެންމެ ހުދުމުހުތާރު ވެރިކަމުގައި. އެއްވެސް މުއައްސަސާއަކަށް މިނިވަން ކަމެއް ނެތް،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އެޗްޕީއޭގެ އަމިއްލަ މިނިވަން ކަމެއް ނެތެވެ. އެޗްޕީއޭ އޮތީ ރައީސް އޮފީސްތެރޭގަ އެވެ. އެކަން ދާދި ފަހުން އެޗްޕީއޭގެ އިސްވެރިންނާއެކު އިދިކޮޅުން ބޭއްވި ބައްދަލުވުމުން ސާފު ވި އެވެ.

ސަރުކާރުން ބުނާހާ ގޮތަކަށް އިދާރާތަކުން ވެސް މަސައްކަތް ކުރަމުން ގެންދަނީ. ދެން ކިހިނެތްތޯ އިންތިހާބު ބާއްވާނީ. އެއް އިދާރާއަކުން މަގުފަހި ކުރާނަަމަ އަނެއް ބަޔަކު މި ފެންނަނީ ހުރަސްއަޅާތަން. މިއީ ރާވައިގެން ސަރުކާރުން އިސްވެ ކުރާ ކަންކަން
އަހުމަދު ޝިޔާމް | ޕީޕީއެމްގެ ނާއިބް ރައީސް

ކޮވިޑްގެ ބަލާއާފާތުގެ ތެރޭގައި އިންތިހާބެއް ބާއްވަން މަސައްކަތް ކުރި ހަމައެކަނި ގައުމީ ރާއްޖެއެއް ނޫނެވެ. ބޮޑެތި އިންތިހާބުތައް އެތައް ހާސް ބަޔަކު ނުކުމެ ވޯޓްލައިގެން އެތަށް ގައުމަކުން ބާއްވައިފި އެވެ. އެއް ގައުމަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ އޮތް އެމެރިކާއެވެ. އެއީ ކޮވިޑްގެ އެންމެ ބޮޑުވަރުވި ގައުމެވެ. އެންމެ ގިނަ ބަޔަކަށް ބަލި ޖެހި އެންމެ ގިނަ މީހުން އެ ބަލީގައި މަރުވި ގައުމެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެތައް މިލިއަން ބަޔަކު ވޯޓްލީ އިންތިހާބެއް ނިންމާލައިފި އެވެ. ދެން އޮތީ ރާއްޖެއާ އެންމެ ކައިރިން ސްރީލަންކާ އެވެ. އެ ގައުމުގެ އެންމެ ބޮޑު އިންތިހާބު އޮތީވެސް ދުނިޔެ ކޮވިޑާ ހަނގުރާމަކުރި އެންމެ ނުރައްކާތެރި ދުވަސްވަރު އެވެ. އެ ގައުމުންވެސް ތާރީހުގައި ބޭއްވި އެންމެ ބޮޑު އިންތިހާބު އެ ނިންމާލީ އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި މި ހުރިހާ ކަމަކަށް ބަލާއިރު ރާއްޖޭގައި އިންތިހާބު ނުބާއްވަން ދައްކާނެ ހުއްޖަތެއް ނެތެވެ. މިދިޔަ ޖުލައި މަހުން ފެށިގެން ރާއްޖެ ވަނީ ދުނިޔެއަށް ހުޅުވާލާފައިވާއިރު އިންތިހާބެއް ނުބާއްވަން ދައްކާނެ ބަހަނާއެއް ވެސް ނެތެވެ.

"އިންތިހާބު ނުބޭއްވެންވީ އެއްވެސް ހާލަތެއް މިތާނގައި ނެތް،"

އިދިކޮޅުގެ މެންބަތަކު ވިދާޅުވި ގޮތުގައި ސަރުކާރުގެ އިދާރާތަކުން ހަދާ ގޯސް ކުޑައެއް ނޫނެވެ. މި ހާލަތުގައި އިންތިހާބު ބޭއްވުމަށް މަގުފަހިކޮށް ދިނުމުގައި އެޗްޕީއޭގެ ދައުރުވެސް ބޮޑެވެ. މުހިންމެވެ. ނަމަވެސް އެ ދައުރު އެޗްޕީއޭއިން އަދައެއް ނުކުރެއެވެ. އެހެން ވަނީ ސަރުކާރުގެ ނުފޫޒާ ހެދި އެވެ.

އާ އިންތިހާބަކަށް މަގު ހުޅުވާލުން

އިދިކޮޅުން ގެންދަނީ އިންތިހާބާ ގުޅުންހުރި ގިނަ މައްސަލަތަކެއް ހައިކޯޓަށް ހުހަޅަން ތައްޔާރުވަމުންނެވެ. އޭގެ ތެރޭގައި އިންތިހާބު އެކަށީގެންވާ ސަބަބެއް ނެތި ފަސް ކުުރަމުން ދިއުމާއި ކެންޕޭން ކުުރަންށް ހަމަހަމަ ފުރުސަތެއް ނެތުން ހިމެނެ އެވެ. އަދި މިހާރު ހަމަޖެހިފައިވާ ގޮތަށް އިންތިހާބު ބޭއްވިދާނެތޯ ވެސް އިދިކޮޅުން ސުވާލު އުފައްދައެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މިހާރު އޮތްގޮތުން އަންނަ އަހަރު ބާއްވަން މަސައްކަތް ކުރި އިންތިހާބެއް ދެން ނުބޭއްވޭނެ އެވެ. މިހާރުވެސް މުއްދަތު މާބޮޑަށް ފަސްވެއްޖެ އެވެ. އެހެންވެ ދެން އޮތީ އާ އިންތިހާބަކަށް ގޮވާލައި އަލުން ފުރުސަތު ހުޅުވާލުމެވެ. އޭގެ ސަބަބުތައް ވެސް އޭނާ ވިދާޅުވެ ދެއްވަ އެވެ.

އޭނާ ވިދާޅުވާ ގޮތުގައި އިންތިހާބު އަހަރު ދުވަހަށް ފަސްވީއިރު މުޅީން އަލަށް 6،000 ވުރެ ގިނަ މީހުނަށް ވޯޓްލުމުގެ ހައްގު ލިބިފައި ވެއެވެ. އެއީ ވޯޓްލެވޭ އާބާދީގެ ބޮޑު ޕަސެންޓެކެވެ. އޭގެ ތެރޭގައި ކައުންސިލް އިންތިހާބަށް ވާދަކުރަން ބޭނުންވާ މީހުންވެސް ތިބޭނެ އެވެ. އެއީ އެމީހުންނަށް ވެސް ހައްގެއް އޮންނާނެ އެވެ. އެހެންވެ މިހާލަތުގައި އާ އިންތިހާބަކަށް ގޮވާލުން ނޫން ގޮތެއް ނޯންނެ އެވެ.

"އަޅުގަނޑުމެން ދެކެނީ ދެން ޖެހޭނީ އަލުން އިންތިހާބަށް ހުޅުވާލަން ކަމަށް. މިހާރު ތިިބި ކެންޑިޑޭޓުންނާއެކު އިންތިހާބު ބޭއްވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. މިހާ ދިގު މުއްދަތެއް ހޭދަވީއިރު އިންތިހާބުގައި ވާދަކުރަން ބޭނުންވާ އެހެން ބަޔަކުވެސް ތިބެދާނެ. އެ ފުރުސަތު ދޭން ޖެހޭނެ ކަމަށް އަޅުގަނޑުމެން ދެކެނީ،"