ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ކައުންސިލު އިންތިހާބު މިނިވަންވާނެތަ؟

މި އަހަރުގެ އޭޕްރީލް މަހުގައި ބާއްވަން ތައްޔާރުވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައި ވަނީ މުޅި ދުނިޔޭގައި ވެސް މިހާރު ފެތުރެމުންދާ ކޮވިޑް-19 އިގެ ހާލަތާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުންނެވެ. ކައުންސިލް އިންތިހާބު ފަސް ކުރުމާއި ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލަތަކަށް ހައްލު ހޯދަން ރައްޔިތުންގެ މަޖިލީހުން ވަނީ ސަންސެޓް ގާނޫނެއް ގެނެސްދީފަ އެވެ. އެ ގާނޫނު ތަސްދީގު ކުރާތާ އަހަރު ދުވަސްތެރޭ އިންތިހާބު ބާއްވަން ޖެހެ އެވެ. މާނައަކީ އަންނަ މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން ކައުންސިލް އިންތިހާބު ބާއްވަން ޖެހޭނެ އެވެ.

ސަންސެޓް ގާނޫނު ބުނާ ގޮތުން އާންމު ސިއްހައްތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި ވަނިކޮށް އިންތިހާބާބެހޭ އެއްވެސް މަސައްކަތެއް ކުރުން މަނާ ވާނެ އެވެ. އެހެން ކަމުން އިންތިހާބުގެ ތައްޔާރީތައް އެއްވެސް ސިފައެއްގައި އެއްވެސް ފަރާތަކުން ފަށަން ވާނީ ރާއްޖޭގައި މި ވަގުތު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކާލުގެ ހާލަތު އެޗްޕީއޭއިން ނަގައި އެފަދަ ހާލަތެއް މިހާރު ނެތް ކަމަށް އެ އިދާރާއިން ރަސްމީކޮށް އިއުލާނު ކުރުމުންނެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިހާރު އިތުރުކޮށްފައިވާ މުއްދަތު އަންނަ ޖަނަވަރީ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން ތައްޔާރުވަމުން ދަނީ މާޗް މަހުގެ ހަވަނަ ދުވަހު އިންތިހާބު ބާއްވާށެވެ. ނަމަވެސް އެ ތާރީހުގައި އިންތިހާބު ބޭއްވޭނީ އިންތިހާބުގެ މަަސައްކަތް ފެށުމުގެ ހުއްދަ ޖަނަވަރީ ފަސްވަނަ ދުވަހުގެ ކުރިން ދީގެނެވެ. އޭގެ ފަހުން އެ ހުއްދަ ލިބިއްޖެނަމަ އެ ތާރީހުގައި އިންތިހާބެއް ނުބޭއްވޭނެ އެވެ.

އީސީ އިން ބުނާ ގޮތުގައި އެކަމަށް ސަރުކާރުން ހައްލެއް ހޯދައިދީފައި ވެއެވެ. އެއީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮތް ނަމަވެސް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދެވޭނެ އެކަށީގެންވާ މާހައުލެއް އޮތް ކަމަށް އެޗްޕީއޭއިން އިއުލާނުކޮށް އެ ހުއްދަ ދިނުމުންވެސް މަސައްކަތް ފެށުމެވެ. އެހެން ކަމުން އެޗްޕީއޭއިން މިހާރު ވަނީ އެ ނިންމުން ނިންމާ އެކަން އިއުލާނު ކުރަން ތައްޔާރުވުމާ ކައިރީގަ އެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވި ގޮތުގައި މިހާރު ކަނޑައަޅާފައިވާ ތާރީހުގައި އިންތިހާބު ބޭއްވުމަށް ހުރަސްތަކެއް ކުރިމައްޗެއް ނުވާނެ އެވެ. ސަރުކާރުގެ އެއްބާރުލުން ލިބެއެވެ. އަދި އިންތިހާބު ބާއްވަން ބަޖެޓްގެ ދަތިކަން އޮތް ނަމަވެސް ބަޖެޓްގެ ދަތިކަމަށްވެސް އިންތިހާބުގެ ކުރިން ހައްލު ލިބޭނެ އެވެ.

ނަމަވެސް އިދިކޮޅު ދެ ޕާޓީއާއި ގިނަ އާންމުންގެ ކަންބޮޑުވުމަކީ އެއީ އެއް ނޫނެވެ. އެ އެންމެންގެ ކަންބޮޑުވުމަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެތޯ އޮތް ކަންބޮޑުވުމާއި އެކަމާ ގުޅުވައި ކުރާ ސުވާލެވެ. އިންތިހާބާބެހޭ ގާނޫނުން ކަށަވަރުކޮށްދީފައިވާ ހައްގުތައް ކެންޑިޑޭޓުންނަށް ހަމަހަމަކޮށް ލިބިދެވިގެން ބޭއްވޭ އިންތިހާބަށް ވާނެތޯ ކުރާ ސުވާލު މިހާރުވެސް އެބައޮތެވެ.

އެކަމަކު އީސީ އިން އެ ޔަގީންކަން ދެއެވެ. ޝަރީފް ވިދާޅުވި ގޮތުގައި މިނިވަން އިންސާފުވެރި އިންތިހާބަކަށް ކައުންސިލް އިންތިހާބު ހަދަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެ ކޮމިޝަނުން ކުރާނެ އެވެ. އަދި އެކަމަށް ދައުލަތުގެ އިދާރާތަކުގައި ދަންނަވަންޖެހޭ ކޮންމެ ވާހަކައެއް ދަންނަވާނެ އެވެ. އޭނާގެ ނަޒަރުގައި އިދާރާތަކުން އެ ފުރުސަތު ދޭނެ އެވެ. އަދި ކޮމިޝަނަށް މިނިވަން އިންތިހާބެއް ބޭއްވުމުގެ ފުރުސަތު ވެސް ދޭނެ އެވެ.

އެހެން ނަމަވެސް އިދިކޮޅު ދެ ޕާޓީން މިހާރުވެސް ވަނީ އެ ކޮމިޝަނުގެ މިނިވަންކަމާމެދު ސުވާލު އުފައްދާފަ އެވެ. އަދި ސަރުކާރުން މިނިވަން އިންސާފުވެރި އިންތިހާބަކަށް ފުރުސަތު ނުދޭނެ ކަމަށް ދަނީ ބުނަމުންނެވެ.

ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވި ގޮތުގައި "ކައުންސިލް އިންތިހާބު ވެސް ވަގަށް ނެގުމުގެ ފުރުސަތު އެބައޮތެ" ވެ. އީސީގެ މެންބަރުންނަށް އިޝާރާތް ކުރައްވާ އޭނާ ވަނީ ކޮމިޝަންގައި "އިންތިހާބެއް ވަގަށް ނެގުމުގެ އެކްސްޕާޓުން އެބަ ތިއްބެވި" ކަމަަށްވެސް ތުހުމަތު ކުރައްވާފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުން ވަރަށް ބޮޑަށް ފާރަވެރި ނުވެއްޖެނަމަ ރަނގަޅު އިންސާފުވެރި ކައުންސިލް އިންތިހާބެއް ނުލިބޭނެ އެވެ. މިނިވަންކޮށް އިންސާފުވެރިކޮށް އެ އިންތިހާބެއް ރާއްޖެއަކު ނުބާއްވާނެ އެވެ. މި ނޫންވެސް އެތައް ސަބަބަކާއި ވާހަކަތަކެއް އިދިކޮޅުން ދައްކަ އެވެ.

ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު މަސައްކަތް ފަށާފައިވަނީ ރިސޯޓްތަކުގައި ވޯޓްފޮށި ނުބަހައްޓާށެވެ. މިިނިވަން ވޭޖް ކަނޑައަޅާ، ނައިޓަށް ރަށައް ދެވޭނެ ގޮތް ހަދައިދިނުމުގެ ވައުދާއެކު ވެރިކަމަށް އައި ސަރުކާރަށް ދެ އަހަރު ވީއިރުވެސް އެކަން ކުރެވިފައި ނުވާތީ ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒިފުންގެ ވޯޓް ނުލިބޭނެކަން ސަރުކާރަށް ޔަގީނެވެ. އެހެންވެ ރިސޯޓްތަކުގައި ވޯޓް ފޮށި ނުބަހައްޓާ އެތައް ހާސް ދިވެހި ރައްޔިތުންގެ ކިބައިން ވޯޓްލުމުގެ ހައްގު ނިގުޅައިގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޝުޖާއު ތުހުމަތު ކުރައްވަ އެވެ.

"މި ދައްކަނީ އެތައް ހާސް ބައެއްގެ ވާހަކަ. އެހެންވީމަ ދިވެހި ރައްޔިތުން ވޯޓްލުމުން މަހުރޫމް ކުރުވާ އިންތިހާބެއް ކިހިނެތްތޯ މިނިވަންވާނީ. މިފަހަރުގެ އިންތިހާބެއް އެއްގޮތަކަށް ވެސް މިނިވަން ނުވާނެ،"

މީގެ އިތުރުން ހަރަދު ކުޑަ ކުރުމުގެ ގޮތުން ވޯޓް ކަރުދާހުގެ ސެކިއުރިޓީ ފީޗާތައް ދަށްކޮށް ފެންވަރު ދަށް ވޯޓް ކަރުދާސް ޗާޕްކުރަން މަޝްވަރާ ކުރަމުންދާ ކަމަށްވެސް ޝުޖާއު ތުހުމަތު ކުރައްވަ އެވެ. ކައުންސިލް އިންތިހާބަށް 71 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ކޮމިޝަނުން ބުނި ނަމަވެސް އެ އަދަދުން 19 މިލިއަން ވަނީ އުނިކޮށްފަ އެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގަައި އެމްޑީޕީގެ މެންބަރުންނާއި އީސީގެ މެންބަރުން ވަނީ ހަރަދު ކުޑަކުރަން ވޯޓް ކަރުދާހުގެ ފެންވަރު ދަށްކުރުމާއި ގުޅޭ މަޝްވަރާތައް ކޮށްފައެވެ. އޭގެ ބޭނުމަކީ ވޯޓުން މަކަރުހަދާ އިންތިހާބުގެ މިނިވަންކަން ގެއްލުވާލުން ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

"ހަރަދު ކުޑަކުރުމުގެ ނަމުގައި މި އުޅެނީ އިތުރު ވޯޓް ކަރުދާސްތަކެއް ޗާޕް ކުރަން. އެ މަޝްވަރާތައް މަޖިލީހުގައި އޮތީ ހިނގާފައި ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އޮތީ،" ޝުޖާއު ވިދާޅުވި އެވެ.

ދެން އޮތީ މުޅީން އެހެން ވާހަކައެކެވެ. އީސީގެ ރައީސް އަހުމަދު ޝަރީފާއެކު އިންތިހާބަށް ނުދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނާ ބުނުމެވެ. އެ ކޯލިޝަންގެ އިތުބާރެއް ޝަރީފަކަށް ނެތެވެ. އިންތިހާބު "ބޮއިކޮޓް" ކުރަން އަދި ނުނިންމި ނަމަވެސް އިންތިހާބަށް ދާނީ ޝަރީފް ވަކިކޮށް އީސީގެ ރައީސް ކަމަށް ފުއާދު ތައުފީގު ގެނެސްގެން ކަމަށް ވެސް އިދިކޮޅުން ދަނީ ބުނަމުންނެވެ.

މިއީ ވިސްނާލާއިރު "ގޮތެއް ހުންނަ" ވާހަކައެއްވެސް މެއެވެ. މިދިއަ ރިޔާސީ އިންތިހާބުގެ ކުރީން ޕީޕީއެމްގެ ސަރުކާރުން އީސީއަށް ޝަރީީފު ގެންދިޔައީ އޭރު އެމްޑީޕީން ޝަރީފާއެކު އިންތިހާބަހަށް ނުދާނެ ކަމަށް ބުނަމުން ދަނިކޮށެވެ. އަދި ޝަރީފާމެދު ތުހުމަތުތައް ބަދުނާމު އަޅުވަމުން ދަނިކޮށެވެ. އޭރުވެސް އެމްޑީޕީގެ "ތަރި" އަކީ ފުއާދެވެ. އެ އިންތިހާބަށް ފަހު ކުރީ ދައުރުގައި އެކި މުއައްސަސާތަކަށއް ލެވުނު ގާތްގަނޑަކަށް އެންމެން ބަދަލުވެ ނިމުނު އިރުވެސް ޝަރީފު އެބަހުންނެވި އެވެ. އަނެއްކޮޅުން މިހާރު ފުއާދުވެސް ވަނީ އަލުން ކޮމިޝަނަށް ވަޑައިގެންފަ އެވެ. މިހާރު ޕީޕީއެމުން ބޭނުން ވަނީ ޝަރީފު ވަކި ކުރާށެވެ. ފުއާދަށް އީސީގެ ވެރިކަން ދޭށެވެ. އެމްޑީޕީން ބޭނުން ވަނީ ޝަރީފާއެކު ކުރިޔަށް ދާށެވެ. އީސީގެ ވެރިކަން ދިނުމުގައި ފުއަދާކަށް އެމީހުންގެ މާ ބޮޑު ރުހުމެއް ނެތެވެ. އެކަމަކު ޕީޕީއެމްގެ ރުހުން އޮތީ ފުއާދަށެވެ.

އިދިކޮޅުގެ އެ ޑިމާންޑަށް އޮތް ހައްލަކީ ކޮބައިކަމެއް ނޭނގެ އެވެ. އިންތިހާބަށް ވަގުތު ކުޑަތަންވަމުންދާއިރު ޝަރީފް ހުންނެވީ އިންތިހާބުގެ ކުރިން ކޮމިޝަނާއި ދުރަށް ވަޑައިގަތުމުގެ ވިސްނުމެއްގައެއް ނޫނެވެ. ނަމަވެސް ކައުންސިލް އިންތިހާބު "ލީޑް" ކުރެއްވުމަށް ފަހު ކޮމިޝަނާއި ވަކިވެ އަލުން ސިޔާސީ މަސައްކަތް "ގަދަކޮށް" ފެށުމުގެ ވިސްނުމެއް ޝަރީފު ގެންގުޅުއްވަ އެވެ. މިއީވެސް ޝަރީފްގެ މިނިވަންކަމާމެދު އިދިކޮޅުން އުފައްދާ ސުވާލަށް ލިބޭ ބާރެކެވެ. ނަމަވެސް އިދިކޮޅުގެ ޑިމާންޑާ އެއްގޮތަށް ކައުންސިލް އިންތިހާބުގެ ކުރިން ޝަރީފް އެ މަގާމުން ދުރަށް ވަޑައިގަންނާނެ ނުވަތަ ދުުރުކުރެވޭނެ ގޮތެއް އަދި ނެތެވެ. އެކަން ނުވެއްޖެނަމަ އިދިކޮޅުން ދެން ކަންތައް ކުރާނީ ކިހިނެތް ހެއްޔެވެ؟ އެކަމަކު ޕޯޑިއަމްގައި އަންނަ ސިޔާސީ ވާހަކައަކީ ހަމަ ހުސް ވާހަކައަކަށް ގިނަފަހަރު ވެއެވެ.

އަނެއްކޮޅުން ކެންޕެއިން ކުރުމުގެ އެއްވެސް ފުރުސަތެއް އިދިކޮޅު ޕާޓީތަކަށް ނެތުމަކީވެސް "އިންތިހާބުގެ މިނިވަންކަން މިހާރުވެސް ގެއްލިފައިވާ" ކަމަށް އިިދިކޮޅުން ތުހުމަތު ކުރާ ސަބަބެކެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި މާލެއިން ރަށްރަށައް ދަތުރުކުރުން އޮތީ މަނާ ކޮށްފަ އެވެ. ރަށްރަށައް ދަތުރުކުރާނަމަ 10 ދުވަހުގެ ކަރަންޓީންވާން ޖެހެއެވެ. އަދި މާލޭގައި އެއްވުންތަކާއި ދޮރުން ދޮރަށް ހިނގުން މަނަލެވެ. އެކަމަކު ސަރުކާރުގެ އެކި އިވެންޓްތަަކަށް ސަރުކާރުގެ އިސްވެރިން އެކި ރަށްރަށައް ދަތުރު ކުރެއެވެ. ކުންފުނިތަކުގެ އެމްޑީން އަބަދުހެން އުޅުއްވަނީ ރަށްރަށުގައެވެ. ކަރަންޓީންވުމެއް ނެތި އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެ ހުއްދައަކީ ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކަށް ރަށްރަށައް ދިއުމަށް ދެވޭ ހުއްދައެކެވެ.

އިދިކޮޅުގެ ނަޒަރުގައި އެ ހުއްދަ ހޯދައިގެން ގޮސް ސަރުކާރުގެ ވެރިން ކުރައްވަނީ އިންތިހާބުގެ ކެންޕޭނެވެ. ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް ސަރުކާރުގެ ސިޔާސަތުތަކުގެ ވާހަކަދައްކާ، މަޝްރޫއުތައް ފަށާ، މަޝްރޫއުތަކުގެ ނިންމުން ފާހަގަ ކުރުމުގެ ނަމުގައި ކުރަނީ ކެންޕެއިނެވެ.

"އިދިކޮޅު ރަށު ބަންދުގައި ބާއްވައިގެން ސަރުކާރުގެ ވެރިން ރަށްރަށައް ދަތުރުކޮށް މި ކުރަނީ ކެންޕެއިން،"

އެ ކަންބޮޑުވުންތައް އިދިކޮޅުން ވަނީ އެޗްޕީއޭގެ ސަމާލު ކަމަށް ގެނެސްފަ އެވެ. އަދި ކެންޕެއިންގައި ހަަމަހަމަ ފުރުސަތު ނެތް ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށައެޅުމަށް ވެސް ދަނީ މަަސައްކަތް ކުރަމުންނެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ހުރިހާ ކެނޑިޑޭޓުންނަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ލިބިފައި އޮންނަން ޖެހޭނެ އެވެެ. އަދި އެކަމަށް މަގުފަހި ކުރުމުގެ ގޮތުން ކެމްޕޭނު ކުރުމުގެ ސިޔާސަތު ތަކާއި ބެހޭގޮތުން ގޮތެއް ކަނޑައަޅާ ގޮތްތަކެއް އިއުލާނު ކޮށްދޭން ވެސް އެދިިފައިވާނެ އެވެ.

އިންތިހާބާ ބެހޭ ގާނޫނު ބުނާ ގޮތުން އިންތިހާބުގެ ވޯޓް ނެގުމުގެ ކުރިން ވަކި ތާރީހުތަކުގައި ކުރަންޖެހޭ ކަންކަން އެބަހުއްޓެވެ. އިންތިހާބުގެ ވޯޓް ނެގުމުގެ 45 ދުވަސް ކުރިން ވޯޓާސް ލިސްޓް އާންމު ކުރަން ޖެހެއެވެ. އެހެންވީމަ މިހާރު ކަނޑައަޅާފައިވާ ތާރީހުގައި އިންތިހާބު ބާއްވާނަމަ ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ޖެނުއަރީ މަހުގެ ތިންވަނަ ދުވަހުގެ ކުރިން ހުޅުވާލަން ޖެހެއެވެ. އަދި ވޯޓްފޮށި ބަހައްޓާނެ އަދަދެއް ކަނޑައަޅާ އެކަން ނިންމަން ވެސް ޖެހެއެވެ. މީގެ އިތުރުން އިންތިހާބުގެ މަސައްކަތަށް ބޭނުންވާ މުވައްޒިފުން ހޯދުމަށް ވެސް 90 ދުވަސް ބޭނުންވާނެ އެވެ. އެ މުވައްޒިފުން ޓްރޭން ކުރުމާއި ވޯޓްލާ ދުވަހު ކުރިމަތިވެދާނެ ކަންކަމަށް ތައްޔާރު ކުރުމަށް ޓްރޭނިން ދިނުމަކީ ކުރަންޖެހޭ ކަންކަމެވެ.

މިއިން ކޮންމެ ކަމަކީވެސް މިނިވަން އިންތިހާބަކަށް މުހިންމު ކަންކަމެވެ. މިއީ އިދިކޮޅުން ފާހަގަކުރާ މައްސަލަތަކުގެ އިތުރުން އަދި ފުރިހަމަވާން ހުރި ކަންކަމެވެ. މި ހުރިހާ ކަމަކަށް ފުރުސަތު ދޭން އިލެކްޝަނުން ބޭނުންވާ ކަމަށް ބުނި ނަމަވެސް އަދި އެ މަންޒަރެއް ނުފެނެއެވެ. އެހެން ކަމުން ކުރިއަށް އޮތީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ވެދާނެތޯ ކުރެވޭ ސުވާލަކީ ހަމަ އެންމެ ރަނގަޅު ސުވާލެކެވެ. އެއަށް އެކަށީގެންވާ ޖަވާބެއް އީސީއަކަށް ވެސް ޝަރީފަކަށް ވެސް ސަރުކާރަކަށް ވެސް ނުދެވެ އެވެ..