ފަސް ކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ބާއްވާނެ ތާރީހު ފައިނަލް ކުރުމުގެ ކުރިން ސިޔާސީ ޕާޓީތަކާއި މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ކުރިން ނިންމާފައި އޮތީ މި އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އިންތިހާބު އެ ތާރީހުގައި ނުބޭއްވޭނެތީ ގާނޫނަކުން އެ އިންތިހާބު ވަނީ ފަސް ކޮށްފަ އެވެ. އަދި އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ގާނޫނު އަސާސީއަށް ވަނީ އިސްލާހު ވެސް ގެނެސްފަ އެވެ.
މިހާރު އޮތް ގޮތުން ކައުންސިލް އިންތިހާބު ބާއްވަން ޖެހެނީ ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ތަސްދީގުކުރި ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގަ އެވެ. ކައުންސިލް އިންތިހާބު ފަސް ކުރުމުގެ ވަގުތީ ގާނޫނުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ މިދިއަ މެއި މަހުގެ 10 ވަނަ ދުވަހު އެވެ. އެހެން ކަމުން އަންނަ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހާ ހަމައަށް އިންތިހާބު ބޭއްވުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.
ނަމަވެސް ސަރުކާރަށް ފަސޭހަ ވަގުތެއްގައި އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ ވެ. އެކަމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ކައުންސިލް އިންތިހާބު ބޭއްވުމަށް އެކަށީގެންވާ ރަނގަޅު މުއްދަތެއް ލިބިފައިވާ ކަމަށެވެ.
އަދި އިންތިހާބާ ބެހޭ މަސައްކަތް ފަށާނީ މިހާރު އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން ކަމަށާ އެ ހާލަތު ނިމުމާއެކު އިންތިހާބުގެ މަސައްކަތް ފަށާނެ ތާރީހަކާއި އިންތިހާބު ބާއްވާނެ ތާރީހެއް ވެސް ކަނޑައަޅާ އިއުލާނު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން އިންތިހާބުގެ ތާރީހު ކަނޑައެޅުމުގެ ކުރިން ސިޔާސީ ޕާޓީތަކާއި މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އަމާޒަކީ އަންނަ އަހަރުގެ ރޯދައިގެ ކުރިން އިންތިހާބު ބާއްވާ ނިންމުން ކަމަށެވެ.
ގާނޫނުގައިވާ ގޮތުން އިންތިހާބުގެ ކަންކަމުގެ ތެރެއިން ފަސްވެގެން ދާނީ އިންތިހާބުގެ ވޯޓު ލުމުގެ ކަންކަމެވެ. ދެން ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓާއި ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ރަށަކަށް ވޯޓު ލާން ބޭނުންވާ މީހުން ރީރަޖިސްޓްރީ ކުރުމުގެ މަސައްކަތް ވެސް އަލުން ކުރުމަށް ބިލްގައި ވަނީ ހިމަނާފަ އެވެ. އިންތިހާބުގައި ވާދަ ކުރާނީ މިހާރު ވެސް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ކަމަށް ބިލުގައި ބުނެ އެވެ. ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ނަން ނަގަން ބޭނުންވާ މީހުނަށް އެ ފުރުސަތު ދީފައި ވެއެވެ.
އެކަމަށްވެސް ފުރުސަަތު ހުޅުވާލަން ނިންމާފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.