ހަބަރު

މަޖިލިސް އިންތިހާބުގެ ވޯޓަށް ބަލާފައިވާ ޕާޓީތަކަށް ފައިސާ ދެނީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސިޔާސީ ޕާޓީތަކަށް ލިބޭ ވޯޓަށް ބަލާފައި ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެންނަ ގޮތެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަރުދާހެއް އެކުލަވާލައި ސިޔާސީ ޕާޓީތަކާ ހިއްސާ ކޮށްފި އެވެ.

އީސީގެ ނައިބު ރައީސް އަހްމަދު އަކުރަމް މިރޭ ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާ އުސޫލަށް އިސްލާހުތަކެއް ގެނައުމާ ގުޅޭ ގޮތުން މަޝްވަރާކޮށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެންނަ ހުށަހެޅުމަށް އެ ކޮމިޝަނުން އެކުލަވާލާފައިވާ ކަމަށެވެ. އޭގައިވާ ގޮތުން ޕާޓީތަކަށް ފައިސާ ދޫކުރުމުގައި މައިގަނޑު ގޮތެއްގައި ބަލާނީ މަޖިލީހުގެ އިންތިހާބުގެ ނަތީޖާއަށެވެ.

އޭގެ އިތުރަށް މިހާރު އޮންނަ ގޮތަށް ޕާޓީތަކުގެ މެންބަރުންގެ އަދަދަށް ބަލާއިފައި ކޮންމެ މެންބަރަކަށް ވަކި އަދަދެއް ލިބޭ ގޮތަށް ފައިސާ ދޫކުރާނެ އުސޫލަކާއި، ހުރިހާ ޕާޓީތަކަށް ވެސް އިދާރީ ބަޖެޓެއްގެ ގޮތުގައި ވަކި އަދަދެއްގެ ފައިސާ ކަނޑައަޅާފައި ދޫކުރުން ވެސް އޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާ އުސޫލު ބަދަލުކޮށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާނެ ކަމަށް މީގެ ކުރިން ވެސް އެ ކޮމިޝަންގެ މެންބަރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ހިއްސާކޮށްފަ އެވެ.

ސިޔާސީ ޕާޓީތަކަށް މިހާރު ފައިސާ ދޫކުރަނީ 10،000 އަށް ވުރެ ގިނަ މެންބަރުން ތިބި ޕާޓީތަކަށް މެންބަރަކަށް ވަކި އަދަދެއް ލިބޭ ގޮތަށް ހަމަޖެހިފައިވާ އުސޫލެއްގެ ތެރެއިންނެވެ.

މިއަދު އީސީން ހާމަކުރި ގޮތުގައި 10،000 އަށްވުރެ ގިނަ މެންބަރުން ތިބީ އެންމެ ވާދަވެރި ތިން ޕާޓީން ކަމުގައިވާ އެމްޑީޕީ އާއި، ޕީޕީއެމް، އަދި ޖޭޕީގަ އެވެ. އެއީ އެންމެ ފަހުން ބޭއްވި މަޖިލީހުގެ އިންތިހާބުގައި ވެސް އެންމެ ގިނަ ވޯޓު ލިބުނު ތިން ޕާޓީ އެވެ.

މިދިޔަ އޭޕްރީލް މަހު ބޭއްވި އިންތިހާބުގައި އެމްޑީޕީއަށް 96,354 ވޯޓު، ޖުމްހޫރީ ޕާޓީއަށް 23,452 ވޯޓު އަދި ޕީޕީއެމްއަށް 19,176 ވޯޓު ވަނީ ލިބިފަ އެވެ.