ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިދިކޮޅު ފަރާތްތައް

އިދިކޮޅު ލީޑަރު ގެއަށް، އިދިކޮޅުވެސް ގެއަށް!

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: އެމަނިކުފާނު ވަނީ ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލު ކުރައްވާފައި -- އަވަސް ފޮޓޯ
50%
30%
20%

ރާއްޖެ އަނެއްކާވެސް ތަޖުރިބާ ކުރަމުން މިދަނީ ސިޔާސީ ގޮތުން ހަލަބޮލި ދުވަސްތަކެކެވެ. ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖެ ތަޖުރިބާ ކުރަން ޖެހިފައި ވަނީ ކިތަންމެ ހިތްދަތި ހާލެއް ނަމަވެސް ސިޔާސީ އޮއިވަރާއި ރާޅުބާނި އިންތިހާއަށް ބޮޑެވެ. ކޮވިޑްގެ ތެރޭގައި ސަރުކާރުން ލައްކަ ގިނަ ގޯސްތައް ހަދާފައިވާ ކަމުގެ ތުހުމަތުތައް ބޮޑެވެ. ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތުގެ އިނގިލި އެތައް ވަޒީރުންނަކާއި ސަރުކާރަށް އެބައޮތެވެ. ވެރިކަން ކުރާ ޕާޓީގެ ތެރެއިން ވެސް ތަފާތު ތުހުމަތުތައް ނިކުމެ ފުޅާވެ ބޮޑުވެފައި ވެއެވެ. އެ ތުހުމަތުތައް ހިފައިގެން އިދިކޮޅު ވެސް ދާދި ފަހަކާ ޖެހެންދެން އޮތީ މަގުމަތީގަ އެވެ.

ކޮރަޕްޝަނާއި ފަސާދައަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތެރޭގައި ރާއްޖެއަށް ހޯދަން ބޭނުންވި ވެންޓިލޭޓަރު ޑީލް ދިނުމުގައި ހަދާފައިވާ ބޮޑު ގޯހާއި އުސޫލުތަކާއި ހިލާފަށް ދޫކޮށްފައިވާ އެތައް މިލިއަން ރުފިޔާއެއް ހިމެނެ އެވެ. އޮކްސިޖަން ސިލިންޑަރު ގެނައުމުގައި ބާ ސިލިންޑަރު ގެނެސް އޮޅުވާލުމާއި ބޮޑު އަދަދެއްގެ ފައިސާ އެކަމަށް ހޭދަކުރުމުގެ ތުހުމަތު ވެސް އެބައޮތެވެ. އެ ތުހުމަތުތަކާއި ގުޅިގެން އެތައް ބައެއްގެ މަގާމާއި ވަޒީފާ ގެއްލިއްޖެ އެވެ. މަޖިލީހާއި ތަހުގީގީ އިދާރާތަކުން މައްސަލަތައް އެދަނީ ބަލަމުންނެވެ. މައްސަލަ އޮއްބާލާ ދައުވާ ކުރަން ދައުލަތުން ފަސްޖެހޭ ކަމުގެ ބޮޑެތި ތުހުމަތުތައް ވެސް އުފެދިފައި ވެއެވެ.

ހެލްތް މިނިސްޓަރަކަށް ކުރީން ހުންނެވި އަބްދުﷲ އަމީން އާއި އެ މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރުން ކަމުގައިވާ ޝިޔާމާއި މުހައްމަދާއި ނިޝާމާ މުހައްމަދު މަގާމު ވަނީ ގެއްލިފަ އެވެ. ތުހުމަތުތަކާއިއެކު ކުރުމަތިވި ވަރުގަދަ ޕްރެޝަރުގައި އަމީން އިސްތިއުފާ ދެއްވީ އެވެ. ޝިޔާމާ އާއި ނިޝާމާ ގެއަށް ފޮނުވާލާ އެތައް މަހަކު ބެއިތިއްބުމަށް ފަހު އިއްޔެ މަގާމުން ދުރުކުރީ އެވެ. ސިލިންޑަރުތައް ގަތް ދުވަސްވަރު މޯލްޑިވް ގޭސްގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވީ އޭރުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމްގެ ވަޒީފާ ވެސް ވަނީ ގެއްލިފަ އެވެ. މިއީ ކޮވިޑާއި ގުޅިގެން ހިނގާ ދިޔަހާ ކަންކަމެވެ.

އަދި ކޮވިޑް ކޮންޓްރޯލް ކުރުމާއި ފިޔަވަޅުތައް އެޅުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމުގެ ތުހުމަތަކީ ވެސް އޮތް ތުހުމަތެކެވެ.

މި ނާޒުކު ދަނޑިވަޅުގައި މިދިޔަ މަހެއްހާ ދުވަހު އެންމެ އަޑުގަދަ ކޮށްލާފައި އޮތީ ނިޒާމު ބަހުސްގެ މައްސަލަ އެވެ. ރާއްޖޭގައި ވެރިކަން ހިންގާ ރިޔާސީ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ޖެހޭ ވާހަކަ އެވެ. ރައީސް ނަޝީދުގެ އިސްވެ އެ ބަހުސް ފައްޓަވާ ވަރަށް ފުޅާ ކުރައްވައިފި އެވެ. ނިޒާމުގެ ކެންޕެއިން ފެށި މާލޭގެ އެކި ސަރަހައްދުތަކުގައި އެ ނިޒާމު ރަމްޒުކޮށްދޭ ނިޝާންތަކާއި ޝުއޫރުތައް ލިޔެ ބަހައްޓަން ފަށައިިފި އެވެ. އެންމެ ފަހުން ރައީސް ނަޝީދު ވަނީ ރަސްމީކޮށް އެކަން ރައީސް ސޯލިހަށް ހުށައަޅުއްވާފަ އެވެ.

ސަރުކާރު ކޯލިޝަންގެ ދެ ލީޑަރުންނާއި ރައީސް ސޯލިހް: ސަރުކާރުގެ ތެރޭގައިވެސް ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައި -- އަވަސް ފޮޓޯ

އޭގެ ފަހުން ދެން އައީ ކުއްލި ގޮތަކަށް ވަޒީރުންގެ މަޖިލީހަށް ބަދަލު ގެންނެވުމުގެ މަސައްކަތް ރައީސް ފެއްޓެވި ވާހަކައެވެ. އެ މަޝްވަރާތައް ކޯލިޝަން ލީޑަރުންނާއެކު ކުރައްވަމުން ގެންދަވާ ކަމަށް ސަރުކާރުން ބުނެފައިވަނިކޮށް އެއްވެސް މަޝްވަރާއެއް ނެތި ފިޝަރީޒް މިނިސްޓަރު ކަމުން ޒަހާ ވަހީދު ވަކިކުރެއްވީ އެވެ. ރޭގަނޑު މެންދަމަށް އަޅާފައިވަނިކޮށް ފޯނު ކޯލަކުން ޒަހާގެ ކަންކަން "ނިންމާލީ" އެވެ. އަދިވެސް ބަދަލުތައް ކުރިއަށް އޮތް ކަމުގެ އަޑުތައް ރަށުތެރޭގައި އެބައޮތެވެ. އެ އަޑުތަކާއި އެއްގޮތަށް ކަންކަން ހިނގައިފިނަމަ ކޯލިޝަނަށް ލޮޅުން އަރާނެކަން ޔަގީނެވެ. އެކަމުގެ ސިގުނަލް މިހާރުވެސް ޕާޓީތަކުން ދީފި އެވެ.

ސިޔާސީ މައިދާން އެކި ދިމަދިމާއިން އެކި މައްސަލަތަކުގައި ކެކިއަރަމުންދާއިރު ކުއްލިއަކަށް އިދިކޮޅު ގެއްލިއްޖެ އެވެ. ކޮވިޑްގެ އެންމެ ނާޒުކު ދުވަސްތަކުގައި ވެސް މަގުމަތީ އޮތް އިދިކޮޅު އެކަށް ގެއަށް ވަދެއްޖެ އެވެ. މިވީ ކިހިނެތް ހެއްޔެވެ؟ ވީގޮތް ޔަގީނަށް ބުނަން ނޭންގުނަސް އެއް ކަމެއް ޔަގީނެވެ. އިދިކޮޅު ޕާޓީގެ ހަރަކާތްތައް ހުއްޓި ހަބަރު ހުސްވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެންނެވެ. އެއީ ޖަލުގައި ހުންނެވި ކުރީގެ ރައީސް އަދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަގުތީ ގޮތުން ޖަލު ބަންދުން ގެ ބަންދަށް ބަދަލު ކުރި ރެއެވެ.

އެރޭ އެމަނިކުފާނު ގެކޮޅަށް ގެންނަވާތީ އިދިކޮޅުގެ ސަޕޯޓަރުންނާއި އިސް ބޭފުޅުން ރައީސް ޔާމީންގެ ގެކޮޅު ހ. ދޫވެހި ހިމެނޭ ސަރަހައްދަށް އެއްވެ އެމަނިކުފާނަށް އިސްތިގުބާލު ކުރިއެވެ. ރައީސް ޔާމީން ވެސް ސަޕޯޓަރުންނަށް އަތުގެ އިޝާރާތުން ސަލާމް ކުރެއްވިއެވެ. ވަރަށް ހިތްވަރާއި ސާބިތުކަމާއެކު ހުންނެވި ކަމުގެ ވަރުގަދަ މެސެޖް ދެއްވެވި އެވެ.

ރައީސް އަބްދުﷲ ޔާމީން، ޕީޕީއެމް އާއި ޕީއެންސީގެ ކައުންސިލް ބައްދަލްވުމެއް ކުރިއަށް ގެންދަވަނީ -- އަވަސް ފޮޓޯ

އެ ރެއާ ހަމައަށް އިދިކޮޅު ކޯލިޝަންގެ ހަރަކާތްތައް ގަދަކޮށް މަގުމަތީގައި އޮތެވެ. ފުލުހުން ކިތަންމެ ކުރީން ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދު ބަންދުކުރި ނަމަވެސް ކޮންމެވެސް ގޮތަކުން ދެމި ގަނެ މަގުމައްޗަށް ނިކުމެ އަޑުއުުފުލަ އެވެ. ރައީސް ސޯލިހާއި ސަރުކާރުގެ އިސްތިއުފާއަށް ގޮވާލާ ސަރުކާރުގެ ފެއިލިއާތައް ރައްޔިތުންނަށް ހާމަކޮށްދޭން މަގުމަތީ އިހުތިޖާޖު ކުރެއެވެ. ކޮންމެ ރެއަކު ހައްޔަރުކޮށް އަތޮޅުވެއްސަށް ގެންދިޔަސް ހަމަ ދޫކޮށްލުމާއެކު އަނެއް ދުވަހު މުޒާހަރާ ފަށައެވެ. ކިތަންމެ ޕެޕާސްރޭއެއް ޖެހި ނަމަވެސް ކިރުޕެކެޓަކުން ލޮލާއި މޫނު ދޮވެލައިގެން އެއަށްވުރެ ގަދަކޮށް މުޒާހަރާ ޖައްސަ އެވެ.

ކުއްލިއަކަށް މިވީ ކީއް ހެއްޔެވެ؟ މި މަހުގެ 10 ވަނަ ދުވަހު އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްގައި މާވަށު ވޯޓްގެ ނަތީޖާ ނުގުނުމުގައި އިލެކްޝަންސް ކޮމިޝަނުން ގޯސްތަކެއް ހަދާތީ އިދިކޮޅުގެ ވެރިން އިންތިހާބާބެހޭ މައި މަރުކަޒަށް ވަޑައިގެން އީސީގެ އިސްވެެރިންނާއި ބައްދަލުކުރައްވާ ކަންބޮޑުވުންތައް ހިއްސާކުރި ނަމަވެސް މިފަހަރު އިދިކޮޅު ފެނުނީ ތަފާތުކޮށެވެ. މައްސަލަ ހައްލުވެ މާވަށު ގޮނޑިތައް ޕީޕީއެމަށް ކާމިޔާބުވިކަން އިއުލާނު ކުރުމާއި ހަމައަށް ވެސް އިދިކޮޅުގެ ލީޑަރުން ތިއްބެވީ ކެތްތެރިކަމާއި މަޑުމައިތިރި ކަމުގައެވެ. މިއިން ދުވަހަކު އިހުތިޖާޖެއް، އަޑުއުފުލެއްގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅަކު ވެސް ނެތް ފަދައެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މާފުށީ ބޭރުގައި ކަނޑުމަތީ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންިޔަ އިހުތިޖާޖެއްގެ ތެރެއިން -- އަވަސް ފޮޓޯ

ޑިމޮކްރަސީއެއްގައި އިދިކޮޅު ޕާޓީތަކުގެ ދައުރު ވަރަށް މުހިންމެވެ. އިދިކޮޅުގެ ވިސްނުމާއި ކޮންމެ ކަމެއްގައިވެސް އެ ޕާޓީތަކުގެ ބަހެއް ރައްޔިތުންނަށް މުހިންމެވެ. ނަމަވެސް ކުއްލި ގޮތަކަށް އެކަން ހުއްޓިއްޖެ އެވެ. ފިޔަވަޅުތައް ވަރުގަދަކޮށްފައިވަނިކޮށްވެސް މަގުތަކަށް ނިކުމެ މުޒާހަރާ ކުރި ޕާޓީ މިވަގުތު ފެންނަނީ މަޑުމަޑުން އޮވެ ގެއަށް ވަތން މަންޒަރެވެ. މިފަހުން ހިނގާދިޔަ ކަންކަމާއި ބަސްބުނުން ހުއްޓާލާފައިވާތީ އެވެ.

ނިޒާމު ބަދަލުކުރުމަށް އެއް ބޭފުޅަކު ގަދަފައިވިއްދާ އެކަމުގެ މަސައްކަތް ކުރަމުންދާއިރު އެ ވާހަކަ ދައްކަންވެސް ބޭނުން ނުވެއެވެ. ކޮވިޑްގެ ތެރޭގައި ހެދި ގޯސްތަކުގެ ވާހަކަތައް ތަކުރާރުކޮށް ދައްކަމުން ދިޔަ ނަމަވެސް މިއަދު އެ އަޑު ކެނޑިއްޖެއެވެ. 26،000 ވުރެ ގިނަ މީހުން ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހޭނެ ގޮތެއް ނެތިފައި ތިބިއިރު އެ ވާހަކައެއް ނުދައްކައެވެ. ވެކްސިންގެ ސްޓޮކް މަދުވެ ރާއްޖެ ވެކްސިނަށް ޖެހެމުންދާ ކަމަށް މީޑިއާތަކާއި ރައްޔިތުން ބުނާތާ ދެތިން ދުވަސްވީއެވެ. ސަރުކާރުން އެ ވާހަކަ އޮއްބާލަން މެދުކެނޑުމެއްނެތި ވެކްސިން ޕްރަގްރާމް ކުރިއަށްދާނެ ކަމަށް ބުނެ އަސާސެއް ނެތް ވާހަކަ ދެއްކިއިރު އިދިކޮޅުގެ ބަހެއް ނެތެވެ. އެންމެ ފަހުން ސަރުކާރުން އިއްޔެ ވަނީ ކޮވިޝީލް ވެކްސިން ޖެހުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށް ބުނެފައެވެ. އެންމެ ފަހުން ސާފުވީ ގޮތުގައި 26،000 މީހުން ޖަހަން ހުރީ އެންމެ 1،700 ޑޯޒެވެ. ސަރުކާރުގެ ގޯހެއް ނުފެނި އެކަމަށް ފާރަވެރިވެ އޮތް އިދިކޮޅުން މިއިން ވާހަކައެއް ނުދައްކައެވެ.

ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެންނަ ވާހަކައިން މުޅި ރާއްޖެ "އެކްސައިޓް" ވެފައި އޮތްއިރުވެސް އިދިކޮޅު އޮތީ ހިމެނޭން ވެފައެވެ. އެއިން ކަމަކަށް ކޮށްލާނެ ކޮމެންޓެއް ނެތެވެ. ރައްޔިތުންނަށް މިވާ ގޮތް ބުނެދީ އިދިކޮޅު ދެ ޕާޓީގެ ވިސްނުން ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއް ނެތެވެ. މީގެ ކުރީން ކޮންމެ ދުވަހަކު ދެ ފަހަރު ބާއްވަން އައި ނޫސްވެރިންގެ ބައްދަލްވުންތައް ހުއްޓިއްޖެ އެވެ. 

އިދިކޮޅުގެ ސަޕޯޓަރުން ބޭއްވި ސައިކަލް ބުރެއް: މަނާކޮށްފައިވަނިކޮށް މި ހަރަކާތް ބޭއްވުމުން ޖޫރިމަނާކޮށް ފިޔަވަޅު އެޅި -- އަވަސް ފޮޓޯ

ސުވާލަކީ މިއީ އެވެ. އިދިކޮޅުގެ ސިލްސިލާ ހަރަކާތްތަކަށް މިއައި ކުއްލި ހުއްޓުމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟ ހަގީގަތުގައި ވެސް އިދިކޮޅު ހަރަކާތް ވަގުތީ ގޮތުން ހުއްޓުނީ އެވެ. އެހެން އެވީ އިދިކޮޅު ލީޑަރު ޖަލު ބަންދުން ގޭ ބަންދަށް ބަދަލު ކުރުމުން ހެއްޔެވެ؟ އެއީ ސަބަބެއް ކަމަށްވާނަމަ އިިދިކޮޅުު ދެ ޕާޓީއަށް ގައުމުގައި މިހާރު ހުރި ހުރިހާ މައްސަލަތަކަށްވުރެ ރައީސް ޔާމީން ގޭ ބަންދަށް ބަދަލު ކުރުން މުހިންމުވީ ހެއްޔެވެ. އިދިކޮޅު ލީޑަރަށް ސަރުކާރުން ދިން ފުރުސަތަކީ މިހާރު ހުރި ހުރިހާ މައްސަލަތަކުގެ ވާހަކަ ދެއްކުން ހިނދުކޮޅަކަށްވެސް ހުއްޓާލަން ޖެހޭ ސަބަބަކަށްވީ ހެއްޔެވެ. ނޫނީ އެކަން ގަބޫލު ކުރީ ހެއްޔެވެ. މި ހުރިހާ ދުވަހު ކުރި އިހުތިޖާޖުތަކާއި އެއްވުންތަކުގެ ފަހަތުގައި އޮތް ހަމައެކަނި ބޭނުމަކީ ރައީސް ޔާމީން ގެއަށް ބަދަލު ކުރުން ހެއްޔެވެ؟

މިއީ ސިޔާސީ މަސްރަހު މިހާ ހަލަބޮލިވެ ގައުމުގައި ބޮޑެތި މައްސަލަތައް ހުރި ވަގުތެއްގައި އުފެދޭނެ ސުވާލުތަކެކެވެ. އިދިކޮޅު ޕާޓީތަކާ އަދި އެ ޕާޓީތަކުގެ ލީޑާޝިޕާ ކޮށްލަންވެސް ރަނގަޅު ސުވާލުތަކެކެވެ.

މި ނޫން އެހެން ގޮތެއްވެސް ވެދާނެ އެވެ. އިދިކޮޅު ލީޑަރު އެ ހުންނެވީ ގޭ ބަންދުގައެވެ. ކުރީން ޖަލު ބަންދުގައި ހުންނެވިއިރު ދަތިފުޅު ކިތަންމެ ކަމެއް މިހާރު ފަސޭހަފުޅުވާނެ އެވެ. އެއް ކަމަކީ އެމަނިކުފާނު ބޭނުންފުޅުވާ އިރުޝާދުތައް ޕާޓީގެ ލީޑާޝިޕަށް ދެއްވަން ފަސޭހަފުޅުވުމެވެ. އެހެންވީމަ އިދިކޮޅަށް މި އައި ކުއްލި "ހިމޭން" ކަމުގެ ފަހަތުގައި އޮތީ އެމަނިކުފާނު ދެއްވަވާ އިރުޝާދުތައް ހެއްޔެވެ. މި ވަގުތަށް ހަރަކާތްތަކަށް ހުއްޓުމެއް ނެގެސް އަލުން އިދިކޮޅުގެ ސަފުތައް އެމަނިކުފާނުގެ އިރުޝާދުތަކާ އެއްގޮތަށް ރުކުރުވާލަނީ ހެއްޔެވެ. މިިއީ އެކަމަށް ހޭދަވާ ވަގުތު ކޮޅެއް ހެއްޔެވެ. މާފުށީގެ ކޮވިޑްގެ ހާލަތު ރަނގަޅުވުން އަނެއްކާވެސް ރައީސް ޔާމީން ޖަލަށް ގެންދަވާ ފާނެއެވެ. ޔަގީނުންވެސް އަދި އެ އޮތީ އެގޮތަށެވެ. އެހެން ކަމުން މިއީ އެމަނިކުފާނާއި އިދިކޮޅު ދެ ޕާޓީއަށް މުހިންމު ވަގުތުކޮޅެކެވެ.

ނަމަވެސް ގައުމުގައި ހިނގާ ކޮންމެ ކަމެއްގައި އިދިކޮޅު ޕާޓީތަކުގެ ވިސްނުން ހާމަކުރުން މުހިންމުމެވެ. ގޯހެއް ނަމަ ދެކޮޅު ހަދަންޖެހެއެވެ. އަޑުއުފުލަން ޖެހެއެވެ. ހުއްޓުވަން ޖެހެއެވެ. ކުއްލި ގޮތަކަށް "ހިމޭން" ވުމުން ލައްކަ ސުވާލު އުފެދޭނެ އެވެ. ހަގީގަތެއް އޮތަސް ނެތަސް ވަކި ކަމަކާ ގުޅުވާ ވާހަކަވެސް ދައްކާނެ އެވެ. ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުމުން އިދިކޮޅު ދެ ޕާޓީގެ ލީޑާޝިޕާ މެންބަރުންވެސް ގެއަށް ވަނީ ކަމަށް ދެކުމުގެ ފުރުސަތު އޮންނާނެ އެވެ.

7 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޖަވާބު

އެމީހުން މަގުމައްޗަށްނުކުތީ ރައީސް ޔާމީން ގެޔަށްބަދަލުކޮށްދޭންބުނެ. މިހާރުއެހުންނެވީ ގޭގަ. ދެންނުކުމެއްޖެނަމަ އަނެއްކާވެސް ޖަލަށް ބަދަލުކޮށްފާނެތީ ކުރާކަމެއްކުރާނީ ގޭގަތިބެގެން. ބަލާބަލަ! ކުރާކަންތައް އެނގޭނެ!

މަގޭ ޙިޔާލު

މުޅިޔަކުން ދޮގެއް ނޫން ތިވާހަކަ..ޕޕމގެ ލީޑަ ރުން ގޭގަ ތިބެގެންވެސް ގައުމު މިއަދު މިއޮތްހާލަތު ބަދަލުކު ރަން ވެކްސިންއެއް ތައްޔާ ރު ކު ރަންޖެހޭ..ޗެނަލް13ވެސް ގެއަށް ވަދެއްޖެ...ހަޖަމް ޓީމްވެސް ގެއަށް ވަދެއްޖެ... ރޔާމީނަކީ އަމިއްލަ އެދުމަށް ގައުމު ގު ރުބާން ކު ރާނެ ބޭފުޅެނޫން..އެއަށްވު ރެ ގަޓްހު ރި ގަޓް ރައީސެއް އެއީ. ޕޕމ މިވަގުތު މަގުތަކުގަ ނުތިއްބަސް އަޑު ބާ ރުކޮށް އަޑުގަދަކޮށް ގައުމުއޮތް ހާލަތު ރައްޔިތުންނަ ކިޔާދޭންޖެހޭ..ނޫސްކޮންފަ ރެންސް ބާއްވައިގެންވިޔަސް..ހަޖަމުން ކިޔާދޭންޖެހޭ ސަ ރުކާ ރުން ކު ރަމުންދާ ވައްކަމާ ހީލަތް..މިހާލަތުގަވެސް ސަ ރުކާ ރުން ލައްކަ ޗަ ރުކޭސް ހިންގަމުންއެބަދޭ..އިންޑިޔާމިލިޓަ ރީ އައުޓް ކު ރަން ގޮވަންޖެހޭ...ފްލެޓްތަކުގެ ހައްގުވެ ރިންގެ ދިފާއުގަ ބަސްބުނަންޖެހޭ..ބަ ރުލަމާނީއަށް ފާޅުގަ ނޫނެކޭ ބުނަންޖެހޭ...

މަޒް

އިދިކޮޅު ދެ ޕާޓީއޭ ކިޔާ ހަބަރު ލިޔާ އިރު އެތަނުން އެއްޕާޓީ އެއީ ނަމެއްގައި އޮންނަ ޕާޓީއެއްކަން ލިޔެލުން މުހިއްމެވެ. އާދައިގެ ޓިއުޝަން ކުލާހެއްގައި ތިބޭ ކުދިންގެ އަދަަދަށްވުރެންވެސް މަދުން މީހުން ތިބި ޕާޓީއެކެވެ. އެކަމަކުވެސް ހަމަ ޕާޓީއެކެވެ. އަޖައިބެއް ކަހަލަ ކަމެކެވެ

ޢައިމިނަ

ޢިދިކޮޅު މަގުމަތީ ތިބެގެންވެސް ނޫސްވެރިންނަށް ކަމަކުނުދޭ ގެއަށް ވަދެގެންވެސް ކަމުނުގޮސްފަ މިއޮތީ

އަޑަފި

ޑިމޮކުރަސީގެ 4 ވަނަބާރޭކިޔާ މީޑިއާގެ ކަންތައްވެސް ހުންނަނީ ރަނގަޅަކަށްނޫނެވެ. ސަރުކާރާ މަޖުލިހުން ޖަހާހާބެރަކަށް ގިނަމީޑިއާތައް ދަނީ ނަށަމުންނެވެ. ވަކި ތާކުން ނޫނީ ވަކި މީހަކު ފޮނުވާ ލިޔުންތައް އަގުނަގައިގެން، ދަނީ މީޑިއާއިން ގެނެސްދެމުންނެވެ. އޭގައި ކިތައްމެ ދޮގެއް ދެކޮޅުނުޖެހޭ ކިތައްމެ ކަމެއް ހުއްޓަސް ލާރި ލިބެންޏާ މީޑިއާއށް އޯކޭއެވެ. ކޮވިޑްގެ ހާލަތު ގޯސްވާއިރަށް ސަރުކާރުން ރައްޔިތުން ބޮލަށް ޖަހާގޮތައް، މީޑިއާތަކުން މިހަދަނީ އެހެނެވެ. ފުރަތަމަ ކުޑަލާރިކޮޅަކަށްނުވިކި ތިމާމެންގެ ޒިންމާތިމާމެން ނަންގަވާށެވެ. ގޯހިއްޔާ ގޯހޭ ލިޔާށެވެ. ގޯސްކަންކަމަށް ފަސްއެޅުމަށް ނޫޅުއްވާށެވެ. އޭރުން ފަހުން މާގޯސްވާނެއެވެ.

އޮސްކާ

ލިޔުންތެރިޔާއަށް ނޭގުނީމަ ދެރަ. މިހާރު ސްރެޓެޖީ ބަދަލުކުރަނީ އޭ. ކުރިން އެއީ ޔާމިން މިނިވަން ކުރާ ސްރެޓެޖީ. ދެން އަންނާނީ ގަދަކޮށް.

ދެން

ލިޔުންތެރިޔާ ގަމާރަސް މީދެން ބޮޑުވަރު. ނޭނގޭތަ މީ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހުދިހައިގެ މޫސުންކަމެއް. އަޅުކަންތަކަށްވެސް ވަގުތު ހުސްކުރަންޖެހޭ އެބަ ކުރިޔަށްވުރެ ގަދަކޮށް. ދުޢާއަކީ މުސްލިމުންގެ އެއްމެ ވަރުގަދަ ހަތިޔާރު. ލާދީނީ ފިކުރުން ދީނީ ފިކުރަށް ގައުމީ ވަތަނީ ފިކުރަށް ވެރިކަން ލިބޭތޯ ދުޢާކުރަންވެސް ޖެހޭއެބަ. އެހެންވީމަ އެކަން އެކުރަނީ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345