ރިޕޯޓް

ސަރުކާރަށް އަދީބު އިދިކޮޅަށް އަލީ ވަހީދު!

ސިޔާސީ ކަންކަމަކީ ކޮންމެ ގޮތަކަށްވެސް އެނބުރިގެން ހިނގައިދާނެ ކަމެކެވެ. އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ދުލަށް އައިހާ އެއްޗެއް ގޮވުމަށް ފަހު ޖެހިގެން އަންނަ ދުވަހު ދެ ބޭފުޅުން އެކުގައި "ގައުމު ސަލާމަތް" ކުރަން ކަމަށް ނިކުމެދާނެ އެވެ. ދުވަހަކު އެކުގައި މަސައްކަތް ނުކުރާނެ ކަމަށް ބުނެ ރައްޔިތުން "ވާވެއްދުމަށް" ފަހު ސިޔާސީ ގޮތުން ބޭނުން ޖެހުމުން "ހިތާ ހިތުގެ ގުޅުމަކުން" ގުޅިދާނެ އެވެ. މިހެން ގޮސް ސިޔާސީ މައިދާނުން ނުފެންނާނެ މަންޒަރެއް ނޯންނާނެއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ޔަގީނުންވެސް ރާއްޖޭގެ ސިޔާސީ މަސްރަހުން މި ހުރިހާ މަންޒަރެއް ފެނި މާޒީގެ ތެރެއަށް "ހުތުރު" ސަފްހާތަކެއްގެ ގޮތުގައި ވަނީ ދޫވެ ގޮސްފައެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރެއްހާ ދުވަހު އެންމެ ނުފޫޒު ގަދަ ބޭފުޅަކަށް ފެނިވަޑައިގަތީ އަހުމަދު އަދީބެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރުވެސް އަދީބު ހުންނެވީ އެމަނިކުފާނުގެ ނުފޫޒުގައި ޓޫރިޒަމް މިނިސްޓަރަކަށް ވަޑައިގެންންނެވެ. ވެރިކަމަށް ވަޑަައިގެންވެސް އެކަން އެގޮތުގައި ބޭއްވެވިއެވެ. ނަމަވެސް ނާއިބު ރައީސް ކަމުން ޖަމީލް ދުރުކޮށް އަދީބު އެ މަގާމާއި ހަމައަށްވެސް ވަޑައިގެންނެވިއެވެ.

އޭރުގެ އިދިިކޮޅު ޕާޓީތަކުން ދެކުނު ގޮތުގައި އަދީބަކީ ރާއްޖޭގެ ފަހުގެ ތާރީހު ނުދެކޭ ފަދަ "ކޮރަޕްޓް" ބޭފުޅެކެވެ. ރައީސް ޔާމީންގެ އެންމެ އަރިހުން އަދީބަށް ފުުރުސަތު ލިބިވަޑައިގަތީވެސް އެހެން ވެގެންނެވެ. އެމްްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ލީޑަރަކީ އެއީ އެވެ. ގައުމުގައި ހަމަނުޖެހުން އުފެއްދުމުގެ އަޑީގައި ހުންނެވީ އަދީބެވެ. އޭރު ހިނގާދިޔަ ކޮންމެ ޖަރީމާއެއްގެ ފަހަތުގައި ހުންނަވަނީ އަދީބު ކަމަށް ތުހުމަތު ކުރައްވައެވެ. އެ ހުރިހާ ކަމެއް އަދީބު ކުރައްވަނީ ރައީސް އަބްދުﷲ ޔާމީންގެ އޯޑަރަށް ކަމަށްވެސް ތުހުމަތު ކުރެއެވެ.

އިދިކޮޅުގެ އެ ވާހަކަަތައް ހުއްޓުނީ ނާއިބު ރައީސް ކަމުން އަހުމަދު އަދީބު ވަކިކުރެއްވުމުންނެވެ. ބޮޑެތި ތުހުމަތުތަކެއް ކޮށް އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލާ އަވަސް ޝަރީއަތަކުން ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވުމުންނެވެ. އެއާއެކު އަދީބަށް އޮތް ހުރިހާ ތުހުމަތެއް ނެތުނީއެވެ. އިދިކޮޅުގެ ބޭފުޅަކަށް އަދީބުވެ ނިމުނީއެވެ.

ރައީސް ޔާމީންގެ ނުފޫޒު ގަދަ ބާރުހުރި ވެރިކަން މުލުން ލުހި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންފި އެވެ. އެއާއެކު ރައީސް ޔާމީންގެ މައްޗަށް ދައުވާތައް އުފުލެން ފެށިއެވެ. އެއިން ކޮންމެ ދައުވާއެއް ސާބިތުކުރަން އެންމެ މުހިންމު ހެކިވެރިއަކަށް ދައުލަތަށް ފެންނަނީ އަދީބެވެ. އަދީބުވެސް ހުންނަވަނީ އެކަމަށް ތައްޔާރަށެވެ. އެ ވާހަކަތައް ދައުލަތަށް ކިޔައިދީ ޝަރީއަތްތަކަށް އެއްބާރުލުން ދެއްވަން ރެޑީއެވެ.

އެކަމަށް ދައުލަތާއެކު އަދީބު ވަނީ އެއްބަސްވުމެއްވެސް ހައްދަވާފައެވެ. އެކަމުން ދެ ފައިދާއެއް އެމަނިކުފާނަށްވެސް އޮތީތީއެވެ. އެއް ކަމަކީ އަދީބުގެ މައްޗަށް އުފުއްލަވަން ނިންމެވި ބައެއް ދައުވާތައް ނުކުރެއްވުމެވެ. އެކަމުން ޖަލު ހުކުމުގެ މުއްދަތު ކުރުވުމެވެ. އަނެއް ލުޔަކީ ސިއްހީ ހާލަތަށް ރިއާޔަތްކުރައްވާ ގޭގައި ހުންނެވުމަށް ފުރުސަތު ލިބިވަޑައިގަތުމެވެ.

ދައުލަތުން ދެކޭ ގޮތުން ރައީސް ޔާމީން ހިންގެވި ކަމަށް ބުނާ ހުރިހާ "ޖަރީމާ" ތަކެއް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އަދީބަށެވެ. އެހެނީ އެކަންކަން ހިންގެވީ ޔާމީންގެ އޯޑަރަށް ސީދާ އަދީބެވެ. އެހެންވީމަ އެކަންކަން ޝަރީއަތަށް ސާބިތު ކުރަން އެއަށްވުރެ ވަރުގަދަ ހަތިޔާރެއް ނެތެވެ. އެހެންވީމަ ރައީސް ޔާމީންގެ މައްޗަށް އުފުއްލަވާ ކޮންމެ ދައުވާއެއްގައި އެންމެ ބޮޑު ހެއްކަކީ އަދީބުގެ ވާހަކަތެކެވެ.

ނަމަވެސް އިދިކޮޅުގެ ޕާޓީތަކުން ދެކޭ ގޮތް މުޅީން ތަފާތެވެ. އިދިކޮޅު ދެ ޕާޓީގެ ވިސްނުމުގައި އަދީބަކީ "ފާސިގު" ހެކިވެރިއެކެވެ. އަދި އެއީ ރައީސް ޔާމީންގެ "ދުޝްމަން"އެކެވެ. އެފަދަ ބޭފުޅަކު ހެއްކަކަށް ނުފުދެއެވެ. އަދީބުގެ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ކަމަށްވެސް އެ ބޭފުޅުން ވިދާޅުވެއެވެ. އަދި އަދީބު ގެކޮޅުގައި ބަަހައްޓަވައިގެން ދެއްވާ ލުއިތަކަކީ ރައީސް ޔާމީނާ ދެކޮޅަށް ހެކި ބަސް ދެއްވަން ޝަރުތުކޮށް ދެއްވާ ލުއިތަކެކެވެ. އިދިކޮޅުން ދެކޭ ގޮތުގައި ޖަރީމާ ހިންގެވި އަދީބެވެ. ރައީސް ޔާމީނަށް ދޮންކަޅުވެސް އެނގިވަޑައިނުގެންނެވެ. ނަމަވެސް ޔާމީނަށް އަދަބުދީ އެމަނިކުފާނު ގާނޫނީ ގޮޅިއަކަށް ފެއްތުމަށް ސަރުކާރަށް ލިބިފައި އޮތް "ރަންގަނޑަ"ކަށް އަދީބު ހެދީއެވެ.

ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް އެންމެ ހަރުއަޑުން ވާހަކަ ދެއްކެވި އެއް ބޭފުޅަކީ މޭޑޭގެ އެއް ލީޑަރު އަދި މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. މޭޑޭގެ ބޮޑު އެއްވުމާއި ގުޅިގެން ދައުވާ އުފުއްލެވުމުން އަލީ ވަހީދު ވަޑައިގެންނެވީ ޔޫކޭ އަށެވެ. ވެރިކަން ބަދަލުވަންދެން ހުންނެވީ އެ ގައުމުގައެވެ.

ނަމަވެސް ސަރުކާރާ ދެކޮޅު މަސައްކަތުގައި އެންމެ ގަދަ އަޑަކީ އޭރުވެސް އަލީ ވަހީދެވެ. ދެރެއިން އެއް ރޭ ކޮންމެވެސް ޓީވީ ޗެނަލްއަކަށް އިންޓަވިއު ދެއްވައެވެ. ޔާމީންގެ ސަރުކާރާއި އެމަނިކުފާނާއި ގުޅޭގޮތުން ބޮޑެތި ބޮޑެތި ވާހަކަތައް ފެންމަތި ކުރައްވައެވެ. ކޮރަޕްޝަނާއި ފަސާދައިގެ އެތައް ތުހުމަތުތަކެއް ކުރައްވާ ހެކިތައް ކަމަށް ވިދާޅުވެ ޑޮކިއުމަންޓްތައްވެސް އާންމު ކުރައްވައެވެ.

ވެރިކަން ބަދަލުވުމުން އަލީ ވަހީދު ރާއްޖެ ވަޑައިގެންނެވީ އޭނާ ވިދާޅުވާ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކަމަށް އެދިވަޑައިގެންނެވީމައެވެ. އަލީ ހުންނެވީ ޔޫކޭގެ ރައްޔިތަކަށް ވެވަޑައިގަތުމަށް އޮތް މުއްދަތު ފުރިހަމަ ވަންދެން ޔޫކޭގައި މަޑުކުރައްވާށެވެ. ނަމަވެސް "ތިމަންނާގެ ޑިފެންސް މިނިސްޓަރަކަށް އައްޔަން ކުރައްވަން ބޭނުންވަނީ އަލީ ވަހީދު" އޭ ވިދާޅުވެ ރައީސް ސޯލިހް ފޯނު ކުރެއްވުމުން އަވަހަށް ރާއްޖެ ވަޑައިގެންނެވީއެވެ. ނަމަވެސް ފަހުން އެ ނިންމުން ބަދަލުވެ ޓޫރިޒަމް މިނިސްޓަރަކަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީއެވެ. އަލީ ވަހީދު ވިދާޅުވާ ގޮތުން ހިތާ ނުވިޔަސް އެ މިނިސްޓްރީއާ ހަވާލުވީ ނަތީޖާ ނެރެ ތަފާތު ދައްކަވާފައެވެ.

އެ މަގާމުގައި ހުންނަވާތާ ދެ އަހަރެެއްހާ ދުވަސް ނުވަނީސް އަލީ ވަހީދުގެ ތަސައްވުރު މުޅީން ކިލަނބުކޮށްލީ އޭނާ ވާހަކަ ދައްކާ ކަމަށް ބުނާ އޯޑިއޯތަކެއް އާންމުވުމުންނެވެ. ދައުލަތުގެ އެހެން ވަޒީރުންނަށް ކުނި ހުތުުރު ގޮވާ އަޑުއިވެއެވެ. އަލީ ވަހީދުގެ އެ މައްސަލަ ހިންގޭތޯ އިދިކޮޅުން ވަރަށް އުޅުނެވެ. ސަރުކާރާ ދެކޮޅަށް ބޭނުން ކުރަން ވަރުގަދަ ހަތިޔާރެއް އެބައި މީހުންނަށް ލިބުނީއެވެ.

އެކަމުން ސަލާމަތްނުވެ އުޅެނިކޮށް ޓޫރިޒަމްގެ މުވައްޒިފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އަލީގެ މައްޗަށް ކުރެވިއްޖެ އެވެ. އެ މުވައްޒިފުން ޖެންޑާ މިނިސްޓަރާއެކު ރަައީސް އޮފީހަށް ގޮސް ރައީސް ސޯލިހަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ. ލިބިވަޑައިގެން ބޮޑު ހައިރާން ކަމާއެކު އެ މުވައްޒިފުންނަށްވުރެ ބޮޑަށް ރައީސަށް ކީރިތި ކުރެއްވުނެވެ. ވަގުތުން އެންގެވީ އަލީ ވަހީދު އިސްތިއުފާ ދެއްވުމަށެވެ. އިސްތިއުފާ ނުދެއްވުމުން ޖެހިގެން އައި ދުވަހު ވަކިކުރެއްވީއެވެ.

އަނެއްކާވެސް އިދިކޮޅަށް ދައްކާނެ ބޮޑު ވާހަކައެއް ލިބުނީއެވެ. އަލީ ވަހީދަށް ފާޑުކިޔުމާއެކު ސަރުކާރާއި ރައީސް ސޯލިހަށް ފާޑުކިޔުން ވަރަށް ބޮޑަށް އިތުރުވިއެވެ. ކެބިނެޓްގައި މުޅީންވެސް ތިއްބެވީ އަލީ ވަހީދު ފަދަ ބޭފުޅުން ކަމަށް އިދިކޮޅުން ސިފަކުރިއެވެ.

އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލާ ކޯޓަށް މައްސަލަ ފޮނުވާފައިވަނިކޮށް ކުއްލި ގޮތަކަށް އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަތެވެ. ސުވާލު އުފެދޭ ގޮތަކަށެވެ. ޔަގީން ކުރެވުނު ގޮތުން ސަރުކާރުން އަލީ ވަހީދު ފުރުވާލީއެވެ. މިއީވެސް އިދިކޮޅަށް ލިބުނު ޕްލަސް ޕޮއިންޓެކެވެ. ސަރުކާރަށް ފާޑުކިޔާ ސަރުކާރުގެ ހަގީގަތް ރައްޔިތުންނަށް ސާފުކޮށްދީ ބުނެދޭން ލިބުނު ފުރުސަތަކަށްވިއެވެ.

ޔޫކޭގައި ހުންނަވަނިކޮށް އަލީ ވަހީދު ހައްޔަރުކޮށް ޖަލަށްލީ މި ސަރުކާރު "ފަލީހަތް" ކޮށްލަން ނޫސްވެެރިންގެ ބައްދަލްވުމެއް އޮންނާނެކަން އިއުލާނު ކުރިތާ ގަޑިއިރެއްވެސް ނުވަނީހެވެ. އެއާއެކު އަލީ ވަހީދާމެދު އިދިކޮޅު ޕާޓީތަކުން ދެކޭ ގޮތް ބަދަލުވީ ކަހަލަ އެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް އެ ބޭފުޅުން ހަނދާން ނެތުނެވެ. އަލީ ވަހީދު ހައްޔަރުކުރީ ސަރުކާރު ބޭޒާރުވެ ދާނެތީ ބިރުން ކަމަށް ބުންޏެވެ.

ސޯޅަ ދުވަހު ޖަލުގައި ހުންނެވި ފަހުން އަލީ ވަހީދު ސަލާމަތްވުމުން އަނެއްކާވެސް ނޫސްވެެރިންގެ ބައްދަލްވުމެއް އޮންނާނެ ކަމަށް އިއުލާނު ކުރެއްވިއެވެ. އެ އިއުލާނު ރަށުތެރޭގައި ހިންގަން އިސްކޮށް ތިބީ އިދިކޮޅުގެ ބޭފުޅުންނެވެ. ނޫސްވެރިންގެ ބައްދަލްވުން އިންތިޒާމު ކޮށް ދިނުމާއި ރައްޔިތުންނަށް ވަގުތުން ފެންނާނެ ގޮތް ހެދުމުގައިވެސް އެ ބޭފުޅުންގެ ދައުރު ވަރަށް ބޮޑެވެ.

އިދިކޮޅުގެ ވަރަށް ގިނަ އިސް ބޭފުޅުން މުޅި ދުވަހު ޓްވީޓް ކުރައްވަމުން ގެންދެވީ "މަނިކުފާނުގެ ޕްރެސްއަށް ކެތްތެރިކަމެއް ނެތި އިންތިޒާރު އެބަ ކުރަން" މިހެން ބުނެއެވެ. ތިންގަޑިއިރަށް ދިގު ދެމިގެންދިޔަ އެ ބައްދަލްވުމުގައި އަލީ ވަހީދު ކުރެއްވިހާވެސް ކަމަކީ ސަރުކާރަށް ފާޑުވިދާޅުވުމެވެ. ކޮރަޕްޝަންގެ ތުހުމަތުތައް ކުރެއްވުމެވެ. ވިދާޅުވީ ވެރިކަމަށް ވަޑައިގަތީވެސް އަދީބުގެ އަތްޕުޅުން ހޯއްްދެވި "ހިޔާނާތުގެ ފައިސާ" އިން ކަމަށެވެ. ބޮޑެތި ކަޅު ދަބަހުގައި ފައިސާ ގެންދެވި ތަންތަނާއި މިލިއަން ގެންދެވި މިންވަރުވެސް ވިދާޅުވިއެވެ.

ދެން އޮތީ އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނަށް ހުޝާމަދު ކުރެއްވުމެވެ. އެއީ ތަރައްގީގެ ބާނީ ކަމަށް ވިދާޅުވިއެވެ. އެމްއެމްޕީއާރުސީގެ އެއްވެސް ދައުވާއެއް ޔާމީންގެ މައްޗަށް ނުއުފުލޭނެ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނުގެ ވެރިކަން ބަދަލު ކުރަން މަސައްކަތް ކުރެއްވުނީތީ ހިތާމަ ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. ރައްޔިތުންގެ ކިބައިން ޕަބްލިކް ޓީވީގައި މާފަށް އެދިވަޑައިގަތެވެ.

އިދިކޮޅު މެންބަރުން އުފަލުން ގޮތެއް ނެތެވެ. އަލީ ވަހީދުއަކީ "ފްރޭމް" ކޮށްފައިވާ ބޭފުޅެއް ކަމަށް ވިދާޅުވެ ޓްވީޓް ކުރެއްވިއެވެ. އޭނާގެ ވާހަކަތަކަށް ބިނާކޮށް ރައީސް ޔާމީން އެ ރެއިން ރެއަށް މިނިވަން ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީންގެ ޝަރީއަތަށް އެންމެ މުހިންމު ހެއްކަކީ އަލީ ވަހީދު ކަމަށްވެސް ވެއްޖެ އެވެ. އަދި އަލީ ވަހީދަކީ "މައުސޫމް" ބޭފުޅަކަށް ވެއްޖެ އެވެ.

އޭނާގެ ހެކި ބަހާއެކު ރައީސް ސޯލިހުގެ މައްޗަށް ދައުވާ އުފުލަންވެސް ގޮވާލައިފި އެވެ. މަންޒަރު މުޅީން އެކޮޅު ކޮޅަށް ޖެހުނީއެވެ.

ނަމަވެސް އަދީބުގެ ވާހަކަ އާއި އަލީ ވަހީދުގެ ވާހަކަ އަޅާ ކިޔާލުމުން އެއް ކަމެއް ސާފެވެ. އެއީ އަދީބުގެ ކުށްތައް އޭރުގެ އިދިކޮޅަށް ފެނުނީ ކުރީން ކަމެވެ. ރައީސް ޔާމީނާ އަދީބުގެ ގުޅުން ކެނޑުމުން އަދީބުވީ އެ މީހުންގެ މީހަކަށެވެ. ވެރިކަމަށް އައިސް ޔާމީނަށް އަދަބު ދޭން ޖެހުނު ހިސާބުން ސަރުކާރަށް އެންމެ ބޮޑު ހެއްކަކަށްވީވެސް އަަދީބު ކަމެވެ. ޔާމީން ކުރެއްވި ހުރިހާ ގޯސް ކަމެއް އެންމެ ރަނގަޅަށް އެނގިވަޑައިގަންވާނީ އަދީބަށް ކަމަށް ބުނެއެވެ. އަދި ހަމަ އެހެން ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ޕާޓީ އާއި އެމަނިކުފާނަށް ތާއީދު ކުރާ މީހުންނަށް އެންމެ ނުބައި އެކަކަށްވީ އަލީ ވަހީދެވެ. ނަމަވެސް އިހަކަށް ރޭ ދެއްވި ނޫސްވެރިންގެ ބައްދަލްވުމާއެކު އަލީ ވަހީދަކީ ރައީސް ޔާމީންގެ "މައުސޫމް" ކަން ސާބިތުކޮށްދޭން އެންމެ ބޮޑު ހެއްކަކަށްވެއްޖެ އެވެ. އަލީ ވަހީދަކީ އެހާމެ ތެދުވެރި ބޭފުޅަކަށްވެސް ވެއްޖެ އެވެ. ރައީސް ސޯލިހުގެ ހަގީގަތް ވިދާޅުވެ ދެއްވަން އެންމެ އައުލާ އަދި އެންމެ ރަނގަޅު ބޭފުޅަކަށްވީވެސް އަލީ ވަހީދެވެ.

އެހެން ކަމުން ސަރުކާރުން ބޭނުން ކަންކަމަށް މި އޮތީ އަދީބެއް ނޫން ހެއްޔެވެ. އިދިކޮޅުން ބޭނުން ކަންކަމަށް އަލީ ވަހީދެވެ.