އިދިކޮޅު ޕީޕީއެމްގެ ތެރެއިން ބަރުލަމާނީއަށް ތާއީދު ނުކުރާ އަދި ހިސާން ހުސައިން ސްޕޮންސަރުކޮށް މަޖިލީހަށް ހުށައެޅި ނަފްރަތާއި ގުޅޭ ބިލަށް ތާއީދު ނުކުރާ މެންބަރުން ޖުމްހޫރީ ޕާޓީއަށް ބަދަލުވަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވައިފި އެވެ.
އެމަނިކުފާނުގެ މި ވާހަކަތައް އައީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަކޮށްފައި އޮންނަ ވަޓްސްއަޕް ގުރޫޕަށް ރޭ އިރުއޮއްސުނު ވަގުތު ފޮނުއްވެވި ދެ މެސެޖެއްގައެވެ. ފުރަތަމަ މެސެޖްގައި ވިދާޅުވީ ބަރުލަމާނީ އަކީ ވަކި ޕާޓީއެއްގެ ކަމެއް ނޫން ކަމަށެވެ. އަދި އެމްޑީޕީގެ ވަރަށް ގިނަ މެންބަރުން ތާއީދު ކުރަނީ ބަރުލަމާނީ ނިޒާމަކަށް ކަމަށެވެ.
އޭގެ ފަހުން އެމަނިކުފާނު ފޮނުއްވެވި ދެވަނަ މެސެޖްގައި ވިދާޅުވީ އިދިކޮޅު ޕީޕީއެމްގެ ތެރެއިން ބަރުލަމާނީއަށް ތާއީދު ނުކުރާ އަދި ހިސާން ހުސައިން ސްޕޮންސަރުކޮށް މަޖިލީހަށް ހުށައެޅި ނަފްރަތާއި ގުޅޭ ބިލަށް ތާއީދު ނުކުރާ މެންބަރުން ޖުމްހޫރީ ޕާޓީއަށް އެބަ ބަދަލުވާ ކަމަށެވެ. ނަޝީދު އެ އިޝާރާތް ކުރައްވަނީ ޕީޕީއެމްގެ ކޮންކޮން މެންބަރުންނެއް ޖުމްހޫރީ ޕާޓީއަށް ބަދަލުވާ ވާހަކަ ކަމެއް ސާފުކޮށް ނުދެއްވައެވެ.
އަދި ވިދާޅުވަނީ ޕީޕީއެމްއިން ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވާ ވާހަކަ ކަމެއްވެސް މުޅީން ސާފުކޮށް ނުދެއްވައެވެ. ނަމަވެސް އެމަނިކުފާނުގެ މެސެޖްގައި އިބްރާތް ކުރައްވާފައިވަނީ ސީދާ އެ މޭރުމުންނެވެ.
މީގެ ކުރީންވެސް ނަޝީދު ވަނީ ނިޒާމު ބަދަލުކުރަން ތާއީދުކޮށް އަދި އެމަނިކުފާނުގެ އެކުވެރި ހިސާން ހުށައެޅުއްވި "ހިސާން ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ނަފްރަތުގެ ބިލަށް ޕީޕީއެމް ރުހޭނަމަ އެކުގައި ކުރިއަށްދާން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.
ނަޝީދު މީގެ ކުރީންވެސް ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލައްވަން ކުރައްވާ މަސައްކަތް އިތުރަށް ތިލަކުރައްވާ އެ މަސައްކަތް ކާމިޔާބު ކުރެއްވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން ކުރައްވާނީ އިދިކޮޅު ލީޑަރު ރައީސް ޔާމީންގެ ބައިވެރިވުން ވެސް ލިބިވަޑައިގެން ކަމަށާ އެކަމާ އެމަނިކުފާނު ދެކޮޅު ނުހައްދަވާނެ ކަމަށް ދޭހަވާ މޭރުމުން ވެސް ވާހަކަ ދައްކަވާފަ އެވެ.
"އަޅުގަނޑު މަސައްކަތް ކުރާނަން މި މަގުން ކަންތައްތައް ކުރަން. އަޅުގަނޑު ދެކޭ ގޮތުގައި ގާނޫނު އަސާސީއަށް އެ ބަދަލު ގެނެވޭނެ. އަޅުގަނޑު ދެކޭގޮތުގައި ޕީޕީއެމުންވެސް ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާނެ،" ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.
ނަމަވެސް އިދިކޮޅު ކޯލިޝަނުން އެ ވާހަކަތައް ދޮގުކުރެއެވެ.
އެ ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ރައްޔިތުންގެ ނިންމެވުމާއެކު ކަމަށެވެ. އެއީ ރިޔާސީ ނިޒާމު ކަަމަށްވެސް ވިދާޅުވިއެވެ. އަދި އެ ޕާޓީގެ މެންބަރުން ނިޒާމާ ދެކޮޅުވެ ޖުމްހޫރީ ޕާޓީއާ ގުޅޭ ވާހަކަތައް ދޮގުކުރެއްވިއެވެ.
"ރައީސް ޔާމީން ތާއީދު ކުރައްވާ ނިޒާމެއް ރައީސް ނަޝީދަކަށް އެނގިވަޑައެއް ނުގަންނަވާނެ. ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަކުރެވެން ޖެހޭނެ. އެއީ ގައުމު ބޭނުންވާ ގޮތް،" ރައީސް ޔާމީން އަބަދުވެސް ތާއީދު ކުރެއްވީ ބަރުލަމާނީ ނިޒާމަކަށް ކަމަށް ނަޝީދު ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވާ އަބްދުއްރަހީމް ވިދާޅުވިއެވެ.
އެމްޑީޕީން އެދޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނެސް ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ފުރޮޅާލަން ބާރު އެޅުމުގެ ގޮތުން އެ ޕާޓީގައި ތިއްބެވި ރައީސް ނަޝީދަށް ވަފާތެރި މެންބަރުން ގެންދަނީ ޕެޓިޝަނެއްވެސް ތައްޔާރު ކުރަމުންނެވެ. އެ ޕެޓިޝަންގައި ނަޝީދަށް ވަފާތެރި މަޖިލީހުގެ 14 މެންބަރަކު ވަނީ ސޮއިކުރައްވާފައެވެ.
އަބްދުއްރަހީމް ވަނީ އެކަމާއި ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ. ވިދާޅުވީ ބަރުލަމާނީ ނިޒާމަށް އިދިކޮޅުގެ ތާއީތެއް ނެތް ކަމަށެވެ. އަދި އެއީ ކުރިން ވެސް، މިހާރު ވެސް އެ ކޯލިޝަނުން ދެކޭ ގޮތް ކަމަށެވެ. އިދިކޮޅުން އަބަދު ވެސް ތާއީދު ކުރަނީ ރިޔާސީ ނިޒާމަތް ކަމަށް ވެސް ތަކުރާރުކޮށް ވިދާޅުވި އެވެ.
އެ ޕެޓިޝަންގައި އިދިކޮޅުގެ އާންމު މެމްބަރުން ސޮއި ކުރުމާ މެދުގައި ދެކެވަޑައިގަންނަވަނީ ކިހިނެތްތޯ ކުރި ސުވާލައް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ އެ ކޯލިޝަންގެވެސް އަދި އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމަކީ އެ ޕެޓިޝަންގައި އެއްވެސް މެމްބަރަކު ސޮއި ނުކުރުމެވެ. އޭނާ ވިދާޅުވީ ރައްޔިތުން އެދެނީ ރިޔާސީ ނިޒާމުކަށް ކަން ކުރިން ސާބިތުކޮށްދީފައިވާ ކަމަށާއި ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށެވެ.
ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ތެރެއިން ބަރުލަމާނީ ޕެޓިޝަނެއް ހަދާއި އެ ހިންގާއިރު އެއާ ދެކޮޅަށް ޕެޓިޝަނެއް ހެދުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.