އެމްޑީޕީން އެދޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނެސް ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ފުރޮޅާލަން ބާރު އެޅުމުގެ ގޮތުން އެ ޕާޓީގެ ތެރެއިން ތައްޔާރު ކުރަން ފަށާފައިވާ ޕެޓިޝަންގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ އެއްވެސް މެމްބަރަކު ސޮއި ނުކުރަން އެ ކޯލިޝަނުން ގޮވާލައިފި އެވެ.
ބަރުލަމާނީ ޕެޓިޝަނާއި ގުޅުވައި، ޕީޕީއެމާއި ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ކޯލިޝަން ހިންގަން ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ބަރުލަމާނީ ނިޒާމަށް އިދިކޮޅުގެ ތާއީތެއް ނެތް ކަމަށެވެ. އަދި އެއީ ކުރިން ވެސް، މިހާރު ވެސް އެ ކޯލިޝަނުން ދެކޭ ގޮތް ކަމަށެވެ. އިދިކޮޅުން އަބަދު ވެސް ތާއީދު ކުރަނީ ރިޔާސީ ނިޒާމަތް ކަމަށް ވެސް ވިދާޅުވި އެވެ.
އެ ޕެޓިޝަންގައި އިދިކޮޅުގެ އާންމު މެމްބަރުން ސޮއި ކުރުމާ މެދުގައި ދެކެވަޑައިގަންނަވަނީ ކިހިނެތްތޯ ކުރި ސުވާލައް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ އެ ކޯލިޝަންގެވެސް އަދި އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމަކީ އެ ޕެޓިޝަންގައި އެއްވެސް މެމްބަރަކު ސޮއި ނުކުރުމެވެ. އޭނާ ވިދާޅުވީ ރައްޔިތުން އެދެނީ ރިޔާސީ ނިޒާމުކަށް ކަން ކުރިން ސާބިތުކޮށްދީފައިވާ ކަމަށާއި ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށެވެ.
ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ތެރެއިން ބަރުލަމާނީ ޕެޓިޝަނެއް ހަދާއި އެ ހިންގާއިރު އެއާ ދެކޮޅަށް ޕެޓިޝަނެއް ހެދުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.
އެމްޑީޕީގެ ބަރުލަމާނީ ޕެޓިޝަނާއި ގުޅޭގޮތުން ސަރުކާރުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސް ސޯލިހު ކުރިން ވިދާޅުވާ ގޮތަށް ސަރުކާރުގެ ފޯކަސް ހުރީ ވައުދުތައް ފުއްދަން ކަމަށެވެ.
އިއްޔެ ސޮއި ކުރަން ފެށި ބަރުލަމާނީ ޕެޓިޝަނަކީ އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނާއި އެ ޕާޓީގެ އާންމު މެންބަރުން އިސްވެ ތައްޔާރު ކުރަން ފަށާފައިވާ ޕެޓިޝަނެކެވެ. އެ ޕެޓިޝަންގައި ސޮއި ކުރުން ފެށުމަަށް ބޭއްވި ހަފުލާއެއްގައި ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރަކާއި އެމްޑީޕީގެ ބައެއް އާންމުން ބައިވެރިވެފައި ވެއެވެ. އެގޮތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ.