ބަރުލަމާނީ ނިޒާމް

ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމުގެ މައިގަނޑު ތަފާތު

Aug 20, 2022
8

ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމަކީ ޒަމާނުއްސުރެ ގައުމުތަކުގައި ކާމިޔާބުކަމާއި އެކު ހިންގަމުންދާ ވެރިކަމުގެ ދެ ނިޒާމެވެ. މި ދެ ނިޒާމަކީ ވެސް އޭގެ ޒާތުގައި ފުރިހަމަ ދެ ނިޒާމެއް ނޫނެވެ. އެހެން ނަމަވެސް މިވަގުތަށް ފެންނަން އޮތް ވެރިކަމުގެ އެންމެ ރަނގަޅު ދެ ނިޒާމެވެ. އޭގެ ހެއްކަކީ މި ދެ ނިޒާމު ވެސް ޔޫރަޕާއި އެމެރިކާ ބައްރުގެ ވަރަށް ގިނަ ގައުމުތަކުގައި ކާމިޔާބުކަމާއި އެކު ހިންގަމުން ދިއުމެވެ.

ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމުގެ މައިގަޑު ތަފާތަކީ ވެރިކަމަށް އަންނަ ފަރާތް އިންތިހާބު ކުރާ ގޮތުގެ ތަފާތާއި ސަރުކާރު އެކުލެވޭ ގޮތުގެ ތަފާތެވެ.

ރިޔާސީ ނިޒާމެއްގައި ދައުލަތާ ސަރުކާރުގެ އެންމެ އިސްވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ އެވެ. ބަރުލަމާނީ ނިޒާމެއްގައި ސަރުކާރުގެ އެންމެ އިސްވެރިޔަކީ ބޮޑުވަޒީރެވެ. އަދި ދައުލަތުގެ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ އެވެ. އާންމު ގޮތެއްގައި ބަރުލަމާނީ ނިޒާމުގައި ރައީސްގެ ދައުރަކީ ވަރަށް ހަނި ދައުރެކެވެ. ގިނަ ގައުމުތަކުގައި އެއީ ރަމްޒީ، ޝަރަފްވެރި މަގާމެކެވެ.

ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރު އިންތިހާބު ކުރަން މުޅި ރައްޔިތުންގެ މެދުގައި ވޯޓެއް ނުލާނެ އެވެ. އެކަމަކު ބޮޑުވަޒީރަކަށް ވެވޭނީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކަށް ވެގެންނެވެ. އެގޮތުން ގާނޫނު ހަދާ މަޖިލިހުގެ އަގުލަބިއްޔަތު ހޯދާ ޕާޓީގެ ލީޑަރު އެއީ ބޮޑުވަޒީރުކަމުގައި ކަނޑައެޅެ އެވެ. އެހެންކަމުން ބޮޑުވަޒީރަކީ ގާނޫނު ހަދާ މަޖިލީހަށް، ދާއިރާއަކުން އިންތިހާބު ކުރާ މެންބަރަކަށް ވާން ޖެހެ އެވެ.

ރިޔާސީ ނިޒާމުގައި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރަނީ މުޅި ގައުމަށް ހުޅުވާލައިގެން، އާންމު ރައްޔިތުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން، އެންމެ ގިނަ ވޯޓު ކާމިޔާބުކުރާ ބޭފުޅެކެވެ. އާންމު އުސޫލެއްގެ ގޮތުން ރިޔާސީ ނިޒާމެއްގައި ދައުލަތުގެ އެންމެ އިސްވެރިޔަކީ އަދި ސަރުކާރުގެ އެންމެ އިސްވެރިޔަކީ ވެސް ރައީސުލްޖުމްހޫރިއްޔާ އެވެ.

ބަރުލަމާނީ ނިޒާމެއްގައި ސަރުކާރު އެކުލެވިގެންދާނީ ޖުމްލަ ގޮތެއްގައި މަޖިލީހުގެ މެންބަރުންގެ މައްޗަށެވެ. އެހެންކަމުން ވަޒީރުންގެ ގޮތުގައި ތިއްބަވާނީ މަޖިލީހުގެ މެންބަރުންނެވެ. ސަރުކާރު ޖަވާބުދާރީކުރުމާއި ސަރުކާރަށް ފާރަވެރިވުމުގެ މަސައްކަތްތައްވެސް ހިނގާނީ މަޖިލީހުގެ ތެރެއިން އިދިކޮޅު ޕާޓީ އެވެ. އެއާ ހިލާފަށް ރިޔާސީ ނިޒާމެއްގައި ސަރުކާރު އެކުލަވާލާނީ ސިދާ ރާއީސުލްޖުމްހޫރިއްޔާ އެވެ. އެގޮތުން ސަރުކާރުގެ އެންމެ އިސްސަފުގައި ތިބޭނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ކެބިނެޓް ވަޒީރުންނެވެ. އަދި ސަރުކާރުގެ އިދާރާތައް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ސީޔާސީ ބޭފުޅުން ތިއްބަވާނެ އެވެ. ރިޔާސީ ނިޒާމެއްގައި ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރަށް ފާރަވެރިވެ، ޖަވާބުދާރީ ކުރުވާނީ މަޖިލީހުންނެވެ.

ބަރުލަމާނީ ނިޒާމެއްގައި ދެން އެންމެ ފާހަގަކޮށްލެވޭ އަނެއް ތަފާތަކީ ބޮޑުވަޒީރަކު، ބޮޑުވަޒީރެއްގެ ގޮތުގައި ދެމިހުންނަވާ މުއްދަތެވެ. އާންމު އުސޫލެއްގެ ގޮތުން ބޮޑުވަޒީރަކު، ބޮޑުވަޒީރުކަމުގައި ކިތަންމެ ގިނަ ދުވަހެއް ވަންދެންވެސް ހުންނެވިދާނެ އެވެ. އެހެނީ "ޓާމް ލިމިޓް" އެއް ނޯވެ އެވެ. ބޮޑުވަޒީރު ނިސްބަތްވާ ޕާޓީއަށް ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުން އަގުލަބިއްޔަތު ލިބި، އެޕާޓީގެ މަޖިލިސް މެންބަރުންގެ އިތުބާރު ބޮޑުވަޒީރަށް އޮންނަހާ ދުވަހަކު ވެރިކަމުގައި ހުންނެވުމަށް އެއްވެސް ހުރަހެއް ނެތެވެ.

ރިޔާސީ ނިޒާމެއްގައި ރައީސުލްޖުމްހޫރިއްޔާ އަށް ވެރިކަމުގައި ގިނަވެގެން ހުރެވޭނެ މުއްދަތު އޮންނަނީ ގާނޫނަކުން ކަނޑައަޅާފަ އެވެ. ތަހުޒީބް ގިނަ ގައުމުތަކުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބް ކުރާ ބޭފުޅަކަށް ވެރިކަމުގައި ގިނަވެގެން ހުންނެވޭނީ ދެ ދައުރެވެ. ބައެއް ގައުމުތަކުގައި ދައުރުގެ މުއްދަތު ތަފާތެވެ.

ބައެއް ގައުމު ތަކުގައި ރިޔާސީ ދައުރެއްގެ ދިގުމިނަކީ ހަތަރު އަހަރެވެ. އަނެއްބައި ގައުމުތަކުގައި ފަސް އަހަރާއި، ހަ އަހަރާއި، ހަތް އަހަރުގެ މުއްދަތަށް ވެސް ރިޔާސީ ދައުރު ދަންމާލާފައި ހުރެ އެވެ. މީގެތެރެއިން ބައެއް ގައުމުތަކުގައި ޖެހިޖެހިގެން ދެ ދައުރު ކުރިމަތި ނުލެވޭ ގޮތަށްވެސް ގާނޫނޫތައް ހަދާފައި ހުރެ އެވެ. އޭގެ މަނައަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވާ ބޭފުޅަކު ޖެހިގެން އަންނަ ދައުރު ދޫކޮށް އަލުން ކުރިމަތިލެއްވުމަށް ބޭނުންވާނަމަ އެފުރުސަތު އޮތުމެވެ.

ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރުގެ ވެރިކަން ނިމޭ ހިސާބަކީ މަޖިލީހުގެ އަގުލަބިއްޔަތު ބޮޑުވަޒީރަށް ގެއްލޭ ހިސާބެވެ. އެހެންކަމުން ބޮޑުވަޒީރުގެ ވެރިކަން ދެމެހެއްޓުމައްޓަކައި މަޖިލީހުގެ އަގުލަބިއްޔަތު އޮތުމަކީ ލާޒިމު ކަމެކެވެ. އެގޮތުން ބައެއް ހާލަތްތަކުގައި މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރާ ޕާޓީއަށް މަޖިލީހުގެ އަގުލަބިއްޔަތު ނުލިބޭ ފަހަރުވެސް އާދެ އެވެ. އެފަދަ ހާލަތްތަތަކުގައި މަޖިލީހުގެ އެންމެ ގިނަ ގޮނޑި ލިބޭ ޕާޓީއަކުން ކުދި ޕާޓީތަކާ އެކު އިއްތިހާދުވެ، މަޖިލީހުގެ އަގުލަބިއްޔަތު ހޯދާ ސަރުކާރު އެކުލަވާލުމުގެ ފުރުސަތު ހޯދަ އެވެ.

މިގޮތަށް އެހެން ޕާޓީ ތަކާއި އެކު އުފައްދާ އިއްތިހާދަށް، އަޅުގަނޑުމެންނަށް ފަރިތަ "ކޯލިޝަން" ސަރުކާރޭ ކިޔަ އެވެ. ބަރުލަމާނީ ނިޒާމެއްގައި އެއްވެސް ޕާޓީއަކަށް މަޖިލީހުގެ އަގުލަބިއްޔަތު ނުލިބި އަދި ކޯލިޝަނަކުން ވެސް އަގުލަބިއްޔަތު އަދަދު ހުރަސް ނުކުރެވިއްޖެ ނަމަ އަލުން ބަލުން އިންތިހާބަކަށް ދާން ޖެހޭނެ އެވެ.

ރިޔާސީ ނިޒާމެއްގައި އާންމު އުސޫލުން ރައީސުލްޖުމްހޫރިއްޔާގެ ވެރިކަން ނިމުމަކަށް އަންނާނީ ގާނޫނުގައި ބުނާ ދައުރު ހަމަވުމުންނެވެ. އެނޫން ހާލަތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރު ނިމުމަކަށް އައުމަކީ ވަރަށް ނާދިރު ކަމެކެވެ. އެހެންނަމަވެސް ދުނިޔޭގެ ބައެއް ގައުމުތަކުގައި މި "ނާދިރު" ހާލަތު އައިސްފައި އެބަހުއްޓެވެ.

މިދުވަސްވަރަކީ ރާއްޖެގައިވެސް ވެރިކަމުގެ ނިޒާމުގެ ވާހަކަަ އާންމުކޮށް ދެކެވޭ ދުވަސް ވަރެކެވެ. ލިޔުމުގައި ފާހަގަކޮށްފައިވާ ތަފާތުތަކާ އެކު ގޮތް ނިންމުމަކީ ރައްޔިތުންގެ އަމިއްލަ ނިންމުމެކެވެ.