ޕޮލިޓިކްސް

ކޮމަންޑޫ ގޮނޑި މިހާ މުހިންމުވީ ކީއްވެ؟

ނަވާރަ ވަނަ މަޖިލީހުގައި ސަރުކާރުގެ ސުޕަ މެޖޯރިޓީ އެބަ އޮތެވެ. މަޖިލީހުގެ 64 މެންބަރުން ނިސްބަތް ވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އަށެވެ. ދެން ތިއްބެވި މެންބަރުންގެ ތެރެއިން ތިން ހަތަރު މެންބަރަކު ސަރުކާރު ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީއަށް ނިސްބަތް ވެއެވެ. ސަރުކާރާ އިދިކޮޅު ޕާޓީއަށް ނިސްބަތްވާ ތިއްބެވީ ނުވަ މެންބަރުންނެވެ. އަދި އަލަށް އުފެދުނު އެމްއެންޕީއަށް ނިސްބަތްވާ ތިން މެންބަރަކު ވެސް އެބަތިއްބެވެ. މަޖިލީހުގައި ޕާޓީތައް ތަމްސީލުވާ ގޮތަށް ބަލާއިރު އެހެން އެއްވެސް ޕާޓީއެއްގެ އެހީތެރިކަން ނުލިބުނަސް ސަރުކާރުން ބޭނުންވާ ކޮންމެ ކަމެއް ފަސޭހަ ކަމާއެކު ކޮށްލުމުގެ ބާރު އެމްޑީޕީއަށް އެބައޮތެވެ.

ނަމަވެސް ފެބްރުއަރީ ފަސްވަނަ ދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕޭންގެ ފޯރި އޮތް ގޮތުން އުފެދޭ ސުވާލުތައް އެބަހުއްޓެވެ. އެއީ ކޮމަންޑޫ ދާއިރާގެ ގޮނޑި ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބޮޑު ކަމުންނެވެ. ކޮންމެ އަގެއް އަދާ ކޮށްގެން ނަމަވެސް އެ ގޮނޑި ހޯދަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެކަމަށްޓަކައި މިހާތަނަށް ވެސް ލައްކަ ގިނަ މަސައްކަތްތައް ކޮށްފި އެވެ. ލައްކަ ގިނަ ވައުދުތައް ވެސް ވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ވަޑައިގެން ގަދައަށް ކެމްޕޭން ކުރައްވާފަ އެވެ. ދެވަނަ ދަތުރެއްގައި ވަޑައިގަތުމަށް ތައްޔާރުވެވަޑައިގަންނަވަނިކޮށް އެކަމަށް ހުރަހަކަށްވީ އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވް ޕޮޒިޓިވްވުމެވެ. ބަލީން ފަސޭހަވެ ކުރިއަށް އޮތް ދުވަސްތަކުގައި އަލުން ކޮމަންޑޫ ދާއިރާއަށް ވަޑައިގެން ރައީސް ސޯލިހް އަދި ވެސް ކެންޕޭން ކުރެއްވުން ކައިފރި އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވެސް އެ ދާއިރާގެ ރަށްތަކަށް ވަޑައިގެން ކެންޕެއިން ކުރެއްވި އެވެ. ސަރުކާރުގެ އިސް ހުރިހާ ވަޒީރުންހެން ކޮމަންޑޫ އާއި ފޯކައިދޫ އަދި މަރޮށްޓަށް ވަޑަައިގެން އެ ބޭފުޅެއްގެ ދުލަށް އައިހާ ވާހަކައެއް ވަނީ ބޭރު ކުރައްވާފަ އެވެ. އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުން ކެމްޕެއިނަށް ވަޑައިގަތެވެ. އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ނިއުޔޯކްގައި ގާއިމުވެ ހުންނެވި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ރާއްޖެ ވަޑައިގެން އެ ކެމްޕެއިންގައި ބައިވެރިވެވަޑައިގެން އެބައުޅުއްވަ އެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވަނީ އެމްޑީޕީގެ ކެންޑިޑޭޓް އެންޑޯސް ކުރައްވާ އެ ކެންޑިޑޭޓަށް ތާއީދު ކޮށްދެއްވުމަށް ކޯލިޝަންގައި ދެން އޮތް ތިން ޕާޓީގައި ރަސްމީކޮށް އެދިވަޑައިގެންފަ އެވެ. ރައީސްގެ އެދިވަޑައިގަތުމަށް އަދާލަތުން ވަނީ އާދައިގެ ގޮތަކަށް މަޝްވަރާއެއް ހިންގަވާ އެ ގޮތަށް ނިންމަވާފަ އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ރައީސް އެދިވަޑައިގެންނެވި މިންވަރަށް ވެސް އިތުރަށް އެމްޑީޕީއާއެކު ހުންނެވިކަން ހާމަ ކުރައްވާފަ އެވެ.

ގާސިމްގެ ވިލާ ކުންފުންޏަށް ސަރުކާރުގެ ތެރެއިން މުހިންމު ކަންތައްތަކެއް ހަމަޖެހިގެން ގޮސްފައިވާކަން އިއުލާނުވެފައި ވަނިކޮށް ގާސިމް ވަނީ ކޮމަންޑޫ ދާއިރާއަށް ވަޑައިގެން އެމްޑީޕީގެ ކެންޕޭންގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިއުލާނު ކުރައްވާފަ އެވެ. އެ ނިންމެވުމާއި އެއްގޮތަށް ޖުމްހޫރީ ޕާޓީގެ ބައެއް އިސް ބޭފުޅުންނާއެކު ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ވަޑައިގެން އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދެއްވުމަށް އާދޭސް ކުރެއްވި އެވެ. އިންތިހާބަށް ނިކުމެ ހުރީ އެއްބަފާ މީހާ ނަަމަވެސް އެމީހަކަށް ވޯޓް ނުދޭން އެދިވަޑައިގަތެވެ.

ދާއިރާއަށް ކަމެއްވާން އޮތީ އެމްޑީޕީގެ ކެންޑިޑޭޓް ހޮވައިގެން ކަމަށްވެސް ވިދާޅުވިއެވެ. ރައީސް ސޯލިހާއި އެމްޑީޕީ ހިތުޖައްސައިގެން ލިބޭނެ މޮޅެއް ނެތް ކަމަށް ވިދާޅުވެ މީގެ ކުރީން ގާސިމް ދެއްްކެވި ވާހަކަތަކާއި ދިމާ އިދިކޮޅަށް އެތައް ވާހަކަތަކެއް ދެއްކެވިއެވެ.

ރައީސް އެދިވަޑައިގެންނެވި ނަމަވެސް ރައީސް މައުމޫންގެ އެމްއާރްއެމުން އެމްޑީޕީގެ ކެންޑިޑޭޓް އެންޑޯޒް ނުކުރެ އެވެ. އޭގެ ބަދަލުގައި ބަޔާނެއް ނެރެ އެ ޕާޓީން އެދުނީ ނުފޫޒުގައި ނުޖެހި މިނިވަން ކަމާއެކު ވޯޓް ދީ ރައްޔިތުން ބޭނުންވާ ގޮތް ނިންމުމަށެވެ. އިންތިހާބާ ދިމާކޮށް ވައުދުތައްވެ ޕްރޮޖެކްޓްތައް ފަށާތީ ކަންބޮޑުވުން ވެސް ފާޅުކުރި އެވެ. އިލްމީ ގާބިލް ކެންޑިޑޭޓަކަށް ނޫނީ ވޯޓް ނުދޭން ވެސް އެދުނެވެ.

ބަލިވެއްޖެނަމަ ކޯލިޝަން ލަދުގަންނާނެ

މިއީ ކެންޕެއިންގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެންމެ ގިނައިން ދެއްކެވި އެއް ވާހަކަފުޅެވެ. ގާސިމް ވިދާޅުވި ގޮތުގައި މިފަހަރުގެ އިންތިހާބަކީ ހަަމައެކަނި އެމްޑީޕީއާ ގުޅިފައި އޮތް އިންތިހާބެއް ނޫނެވެ. މިފަހަރު އިންތިހާބުން އެމްޑީޕީ ބަލިވެއްޖެނަމަ އެއީ ސަރުކާރަށް ވަރަށް ލަދުވެތި ކަމެކެވެ. ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކާއި ލީޑަރުންނަށް އެ ލަދާއި ހުތުރު އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މިއަދު އެމްޑީޕީގެ ކެންޑިޑޭޓް ނުހޮވީމަ ސަރުކާރުގައި ހުންނަ ވެރިއަކު ލަދުގަންނަން އެބަޖެހޭ، އަޅުގަނޑުވެސް ލަދުގަނޭ. އެއީ އަޅުގަނޑުމެންވެސް ކޯލިޝަން އޮތީމަ. އެހެންވީމަ އަޅުގަނޑުވެސް މި ހުރީ،"

ނިމިގެންދިޔައީ ކޮވިޑްގައި ދުނިޔެ ހޭދަކުރި ދެ އަހަރު ކަމުން މިދިޔަ މުއްދަތުގައި ގާސިމް ހުންނެވީ ސިޔާސީ މަސައްކަތްޕުޅާ ވަރަށް ދުރުގަ އެވެ. ގާނޫނީ ގޮތުން އުފުލަން ޖެހިވަޑައިގެންފައި އޮތް މަޖިލީސް މެންބަރެއްގެ ޒިންމާ އަދާ ކުރެއްވުމުގައި ވެސް ހުސް ކަމެއް ގެންނެވި އެވެ. އެއީ އެމަނިކުފާނަކީ ހައިރިސްކް ބޭފުޅަކަށް ވާތީ އެވެ. ނަމަވެސް ކޮމަންޑޫ ދާއިރާގެ ކެމްޕެއިނަށް ވަޑައިގަންނަވާއިރު ކޮވިޑްގެ ހާލަތު އޮތީ ރާއްޖެ އަދި ތަޖުރިބާ ނުކުރާފަދަ ގޯސް ހާލަތެއްގަ އެވެ. އެކަމަކު ކުރީން ދެއްކެވި އުޒުރު ދޫކޮށްލައްވާ މިފަހަރު ކެންޕޭނަށް ވަޑައިގެންނެވީ އިންތިހާބުން އެމްޑީޕީ މޮޅުވާން ޖެހޭތީ ކަމަށް ވިދާޅުވެފައި ވެއެވެ. އެކަން އެހެން ނުވެއްޖެނަމަ ލަދު ގަންނަަން ޖެހިވަޑައިގަންނަވާނެތީ އެވެ.

"ރައީސުލްޖުމްހޫރިއްޔާ އަދި ވެރިކަން ކުރަން އޮތް މައި ޕާޓީއަށް ހިތުޖައްސާލާފައި ތިޔަބޭފުޅުން އެހެން ޕާޓީއެއްގެ ކެންޑިޑޭޓެއް ހޮވީމަ ކޮބައިތޯއޭ މޮޅެއް، ރަނގަޅެއް،" އެމްޑީޕީގެ ކެންޑިޑޭޓް ހޮވައިދިނުމަށް އެދި ގާސިމް ވިދާޅުވި އެވެ.

ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ބައެއް ބޭފުޅުންގެ ނަޒަރުގައި ގާސިމްގެ ވާހަކަފުޅު މިފަހަރު ހުރި ގޮތުން ދެ ގޮތަކަށް އެ ވާހަކަފުޅުތައް ތަރުޖަމާ ކުރެވެއެވެ. އެއް ގޮތަކީ ސަރުކާރުގެ ތެރެއިން އެމަނިކުފާނުގެ ވިޔަފާރިއަށް މިވަގުތު ފަހި ކޮށްފައިވާ ފަހި ކުރުމެވެ. އެކަމުގެ ސަބަބުން ޖޯޝާ ފޯރީގައި އެމްޑީޕީގެ ކެންޕެއިންގައި ބައިވެރިވެ ވަޑައިގަންނަވަނީ އެވެ.

އަނެއް ކަމަކީ ޖުމްހޫރީ ޕާޓީ ފަޅާލާ އުފަން ކުރި އެމްއެންޕީގެ ކެންޑިޑޭޓަކު އިންތިހާބުގައި ވާދަ ކުރުމެވެ. މި އިންތިހާބުން އެމްއެންޕީ ކާމިޔާބު ހޯދައިފިނަމަ އެއީ ވަރަށް ތާރީހީ ބޮޑު ކާމިޔާބަކަށް ވާނެ އެވެ. ގާސިމް ހުންނެވީ ކޮންމެ ގޮތަކުން ވެސް އެމްއެންޕީ ބަލިކަށި ކޮށްލަން ތައްޔާރަށެވެ. އެމްޑީޕީ ބަލިވެއްޖެނަމަ ދެ ގޮތަކުން ގާސިމް ލަދު ގަންނަން ޖެހޭ ސަބަބަކީ އެއީ އެވެ.

"ކޯލިޝަންގައި ތިބެ އެމްޑީޕީ ބަލިވިޔަސް އެއީ ގާސިމަށް ލަދުވެތި ކަމެއް. އެމްއެންޕީ މޮޅުވިޔަސް އެއީ ގާސިމަށް ލަދުވެތި ކަމެއް. އެހެންވީމަ އެމްޑީޕީ ކެންޑިޑޭޓް ބަލިވެއްޖެނަމަ ތިމަން މަނިކުފާނުވެސް ވަރަށް ލަދުވެތިވާނޭ އެ ވިދާޅުވަނީ އެ ސަބަބާއި ގުޅިގެން،" ކުރީން ޖުމްހޫރީގެ ވަރަށް އިސް މަގާމެއް ފުރުއްވި ބޭފުޅަކު ވިދާޅުވި އެވެ.

ދުނިޔެއަށް މަންޒަރެއް ދެއްކުން

މިއީވެސް މި ފަހަރުގެ ކެންޕެއިންގެ ތެރެއިން އިވޭ ބާރު އަޑެކެވެ. ކެންޕެއިންގައި ސަރުކާރު ކޯލިޝަންގެ ބައެއް އިސް ބޭފުޅުން ދައްކަވާ ވާހަކަފުޅުގައި މިފަހަރުގެ އިންތިހާބުން އެމްޑީޕީ މޮޅުވުމަކީ ބައިނަލްއަގްވާމީ މުޖްތަމައުއަށް މެސެޖެއް ދޭން ވަރަށް މުހިންމު ކަމެކެވެ. ސަރުކާރާ ދެކޮޅަށް އިދިކޮޅުން އިސްވެ ހިންގާ ހަަރަކާތްތަކަށް ރައްޔިތުން ޖަވާބުދޭން މިއީ އެންމެ ރަނގަޅު ފުރުސަތެވެ.

އެ މޭރުމުން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ ވާހަކަފުޅު ދައްކަވަމުންނެވެ. ނުސީދާކޮށް ނަމަވެސް އެ ބޭފުޅުން އެ އިޝާރާތް ކުރައްވަނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ ބޮޑުކޮށް ފުޅާކޮށް އަދި މިހާރު ވަަރަށް ވަރުގަދަވެފައި އޮތް "އިންޑިއާ އައުޓް" ހަރަކާތަށެވެ. އެ ހަރަކާތުގެ ސަބަބުން ސަރުކާރު އޮތީ ކޮށިއަރުވާލާފަ އެވެ.

މުޅި ސަރުކާރު ޑިފެންސަށް ފައިބާ އިދިކޮޅާ ހަނގުރާމަ ކުރަން ވަނީ ޖެހިފަ އެވެ. "އިންޑިއާ އައުޓް" ހަރަކާތަކީ ރައްޔިތުންގެ ތާއީދެއް ނެތް ރައްޔިތުންގެ ބައިވެރިވުމެއް ނެތް ހަރަކާތެއް ކަމަށް ވިދާޅުވެ ދެ ރައީސުންނާއި ސަރުކާރުގެ އިސް ވެރިން އަދި ފޮރިން މިނިސްޓަރު ގެންދަވަނީ ތަކުރާރުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ. އެހެން ކަމުން ކޮމަންޑޫ ބައި އިލެކްޝަނުން ނަތީޖާ ދައްކާ ބޭރު ދުނިޔެއަށް ރައްޔިތުން ތިބިގޮތް ސާފު ކޮށްދޭން ސަރުކާރުން ބޭނުން ވެއެވެ.

މި ދެ ވާހަކައަކީ ޕާޓީގެ ވަރަށް އިހްލާސްތެރި މެންބަރުންނާއެކު ދައްކަވަން ޖެހޭ ވާހަކަތަކެއް ނަމަވެސް އާންމުކޮށް އެ ވާހަކަތައް ވިދާޅުވެ ވެނީ އިންތިހާބުން މޮޅުވާން ބޭނުންވެފައިވާ މިންވަރުން ކަަމަށް ވެދާނެ އެވެ.

ރިޔާސީ އިންތިހާބަށް ފުރަތަމަ ޓެސްޓް

މި އިންތިހާބުން މޮޅުވާން ސަރުކާރުން ނުކުރާ އަދި މިހާތަނަށް ނުކުރާނެ ހަމަ އެއްވެސް ކަމެއް ނެތެވެ. ނުވަތަ ދެންވެސް ނޯންނާނެ އެވެ. ކޮމަންޑޫ ދާއިރާގެ ތިން ރަށުގައި އެތައް މަޝްރޫއެއް ކުއްލިއަކަށް ފެށިއްޖެ އެވެ. ދަށްކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ފެށުމަށް ނެގީ ހިނދުކޮޅެވެ. މީން ޒަމާނަކު ގޯތި ދޫކޮށްފައި ނެތް ރަށްރަށުން ގޯތި ދޫކުރަން އިއުލާނު ކޮށްފި އެވެ. އެމްބިއުލާންސްއެއް ލިބޭނެ ކަމުގެ އުންމީދެއް ނެތި ތިއްބާ ކުއްލިއަކަށް އެމްބިއުލާންސް ލިބިއްޖެ އެވެ.

ތިން ރަށުގައި ނުހެދި ހުރި ފުޓްބޯޅަ ދަނޑުތަކާއި މަގުތަކާއި އެ ނޫންވެސް އެތައް ކަމެއް ކުއްލިއަކަށް ސަރުކާރަށް ފެނިއްޖެ އެވެ. ހަމަ ފެނުމާއެކު އެ ހުރިހާ ކަމެއްގެ މަަސައްކަތް ފަށައިފިވެސް މެއެވެ.

ބައެއް ބޭފުޅުންގެ ނަޒަރުގައި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ނަތީޖާއަކީ މި އިންތިހާބުގައި ވާދަކުރާ ތިން ޕާޓީއަށް ވެސް ވަރަށް މުހިންމު ނަތީޖާ އެކެވެ. އެއީ ގަދަ ހިތްވަރާއެކު މަސައްކަތް ފެށުމަށް މުހިންމު ނަތީޖާ އެކެވެ. ތިން ޕާޓީން ވެސް ވަނީ 2023 ގެ ރިޔާސީ ރޭހަށް ނުކުންނާނެކަން އިއުލާނު ކޮށްފަ އެވެ.

އެހެން ކަމުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަކީ ރިޔާސީ އިންތިހާބުގެ ކުރީން ރައްޔިތުންގެ ވޯޓަކުން ޓެސްޓް ކޮށްލަން ތިން ޕާޓީއަށްވެސް ލިބޭ ރަނގަޅު ފުުރުސަތެކެވެ. އެމްޑީޕީން އިންތިހާބު ނަގައިފިނަމަ އެއީ ސަރުކާރާމެދު ރައްޔިތުންގެ އިތުބާރާއި ލޯބި ރަނގަޅު މިންވަރަކަށް އޮތީ ކަމަށް ބުނެވިދާނެ އެވެ. ދެވަނަ ދައުރެއްގެ ހުވަފެން ރައީސް ސޯލިހް ދެކެވަޑައިގަންނަވާއިރު އެކަމަށް މަގު ސާފު ވުމަކަށް އެ ނަތީޖާ ވެގެންދާނެ އެވެ.

ޕީޕީއެމުން ކުރި ހޯދާ ކޮމަންޑޫ ގޮނޑި ކާމިޔާބު ކޮށްފިނަމަ އެއީ ސަރުކާރަށް ވަރަށް ބޮޑު ޕްރެޝަރެކެވެ. ދެ އަހަރެއްހާ ދުވަހު ޖަލުގައި އޮންނެވި އިދިކޮޅު ލީޑަރަކަށް ބޮޑު ކާމިޔާބެކެވެ. އަދު 2023 އިދިކޮޅު ކޯލިޝަނުން ނަގާނެ ކަމަށް ބުނަން ބަޔަކަށް ލިބޭ ފުރުސަތެކެވެ. ޔަގީނުން ވެސް ގަދަ ހިތްވަރާއެކު 2023 ގެ ރިޔާސީ ކެންޕެއިން ފަށަން އެ ކޯލިޝަނަށް ލިބޭ ވަރަށް ބޮޑު ބޫސްޓަކަށް އެ ނަތީޖާ ވާނެ އެވެ.

ދެން އޮތީ އެމްއެންޕީ އެވެ. އެ ޕާޓީގެ ކެންޑިޑޭޓް މި އިންތިހާބު ކާމިޔާބު ކޮށްފިނަމަ އެއީ އެމްއެންޕީއަށް ލިބޭނެ ވަރަށް ތާރީހީ މޮޅަކަށްވާނެ އެވެ. ވަރަށް ބޮޑު ކާމިޔާބަކަށް ވާނެ އެވެ. އަދި 2023 އަށް އެ ޕާޓީން ފަށާފައިވާ މަަސައްކަތް އިތުރު ގިޔަރަކަށް ހިއްލާލަން ލިބޭ ވަރަށް ބޮޑު ހިތްވަރަކަށްވާނެ އެވެ. އެއީ ސިޔާސީ މައިދާނުގައި ނުފޫޒު ގަދަ ބާރަކަށް ވާނެކަން ރައްޔިތުންނަށް ގަބޫލު ވެސް ކުރެވޭނެ އެވެ.

މި ހުރިހާ ސަބަބުތަކާއެކު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން މިއީ އެމްޑީޕީ އާއި ޕީޕީއެމް އަދި އެމްއެންޕީއަށްވެސް މުހިންމު އިންތިހާބެކެވެ. ކޮމަންޑޫ ދާއިރާ ކުއްލިއަކަށް މުހިންމުވެ އެ ދާއިރާގެ ރައްޔިތުންގެ ވިންދާ އިހުސާސްތައް ދަންނަ ބަޔަކަށް އެވެރިން ވެގެން އެ އުޅެނީ މި ސަބަބުތަކާއި ގުޅިގެންނެވެ.