އިލްޔާސް ލަބީބް

އިންތިހާބުގައި ރައީސް ސޯލިހަށް ލިބޭނީ ތިންވަނަ: އިލްޔާސް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދް ސޯލިހަށް ލިބިވަޑައިގަންނަވާނީ ރިޔާސީ ރޭހުގެ ތިންވަނަ ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.

އަވަސްއަށް ދެއްވި ހާއްސަ އިންޓަވިއުއެެއްގައި އިލްޔާސް ލަބީބް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޭނާ އަކީ ވާދަވެރި ކެންޑިޑޭޓަކަށް ވާނެ ކަމަށާއި އޭނާއާ އެންމެ ބޮޑަށް ވާދަކުރައްވާނެ އެއް ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކަމަށެވެ. ނަމަވެސް ރައީސް ސޯލިހަށް ލިބިވަޑައިގަންނަވާނީ ރިޔާސީ ރޭހުން ތިންވަނަ ކަމަށް ވިދާޅުވި އެވެ.

"ޝައްކެއް ނެތް. އަޅުގަނޑަށް ހަމަ ޝައްކެއް ނެތް ތިބޭފުޅުންނަށް އެ މަންޒަރު ފެނިގެންދާނެ،" ލަބީބު ވިދާޅުވި އެވެ.

ލަބީބު ވިދާޅުވީ ރައީސް ސޯލިހްގެ ވެރިކަމުގައި އަމަލުކުރެއްވި ގޮތުން ރައްޔިތުންގެ އިތުބާރު އެމަނިކުފާނަށް ގެއްލިފައިވާ ކަމަށެވެ. ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އިލްޔާސް ވިދާޅުވީ ރައީސް ސޯލިހަކީ އަމިއްލަ ޕާޓީ -- އެމްޑީޕީއާއި އަމިއްލަ ގެއާއި އަމިއްލަ އާއިލާ ވެސް ނުހިފެހެއްޓުނު ބޭފުޅެއް ކަމަށެވެ. އެހެންކަމުން މުޅި ގައުމުގެ ހަމަޖެހުން ރައީސް ސޯލިހަށް ހިފެހެއްޓިދާނެތޯ އިލްޔާސް ސުވާލު އުފެއްދެވި އެވެ.

އިލްޔާސް އެދިވަޑައިގަތީ ރައީސް ސޯލިހް ފަހަތަށް ޖެހިވަޑައިގަތުމަށްފަހު ޒުވާން ޖީލަކަށް ފުރުސަތު ދެއްވުމަށެވެ. އޭނާ ހުންނެވީ ޒުވާން ޖީލު ބޭނުންވާ ގޮތަށް ވެރިކަން ކުރެއްވުމަށް ތައްޔާރަށް ކަމަށް އިލްޔާސް ވިދާޅުވި އެވެ. ރައްޔިތުން ތިބީ ރައީސް ސޯލިހަށް ޖާގަ ދޭން ތައްޔާރަށް ނޫން ކަމަށްވެސް ތަކުރާރުކޮށް އިލްޔާސް ވިދާޅުވި އެވެ.

ރައްޔިތުން ނިކުމެ ހަމަ ރީއްޗަށް އަޅުގަނޑުގެ ވާދަވެރިޔާ ގާތު ބުނާނެ، ވޯޓު ކަރުދާސްކޮޅުގައި ފާހަގަޖަހާފައި، ފަހަތަށް ވަޑައިގަންނަވާށޭ
އިލްޔާސް ލަބީބް | ހުޅުދޫ ދާއިރާގެ މެންބަރު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބަލިކުރެއްވުމަށް އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓް ނެރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުންވެސް އިލްޔާސް ވާހަކަދެއްކެވި އެވެ. އެގޮތުން ވިދާޅުވީ އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓް ނެރުމަށް ހުރިހާ ޕާޓީތަކަށް އެއްބަސްވެވިއްޖެނަމަ ޑިމޮކްރެޓުން ނިންމަވާ ގޮތެއްގެ މަތިން އޭނާ ފަހަތަށް ޖެހިވަޑައިގަންނަވަން ތައްޔާރު ކަމަށެވެ. ނަމަވެސް ޑިމޮކްރެޓުން ޕީޕީއެމްގެ ފަހަތަށް ނާރާނެ ކަމުގައި ވިދާޅުވި އެެވެ.

އިލްޔާސް ވަނީ އިދިކޮޅު ޕާޓީ ތަކުން އެއް ކެންޑިޑޭޓް ނެރުމަށް މަސައްކަތް ކުރާއިރު ޕާޓީތަކުން އެންމެ ބޮޑަށް ބަލާނެ ފޯމިއުލާވެސް ހިއްސާކުރައްވާފަ އެވެ.

"އެއީ ހާޑްކޯ ޕީޕީއެމް މީހެއްނޫން. އެއީ ހާޑްކޯ ޖުމްހޫރީ ޕާޓީ ބޭފުޅެއް ނޫން. އެއީ ހާޑްކޯ އެމްއެންޕީ ބޭފުޅެއް ނޫން. އަދި އަޅުގަނޑުމެންގެވެސް ހާޑްކޯ ބޭފުޅެއް ނޫން،" އެއް ކެންޑިޑޭޓް ނެރުމަށް މަޝްވަރާތައް ހިނގަމުންދާ ގޮތް ހިއްސާކުރައްވަމުން އިލްޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ޕާޓީން އެއް ކެންޑިޑޭޓް ނެރުމަށް މަޝްވަރާ ކުރަމުން ދިޔަ ނަމަވެސް އެ މަޝްވަރާތަކުން ނަތީޖާއެއް ނުނިކުމެދާނެ ކަމަށްވެސް ބަލަންޖެހޭ ކަމަށެވެ. އެހެންކަމުން ދަ ޑިމޮކްރެޓުން ރިޔާސީ އިންތިހާބުގެ ކެމްޕޭން ހަރަކާތްތައް ވަކިން ކުރިއަށް ގެންދާނެ ކަމުގައި ވިދާޅުވި އެވެ.

ދަ ޑިމޮކްރެޓުންގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ އެ ޕާޓީގެ އާންމު މެންބަރުންނަށް ފުރުސަތު ހުޅުވާލުމުން ފޯމު ހުށަހެޅުއްވީ އިލްޔާސް އެކަންޏެވެ. އެހެންވެ ޑިމޮކްރެޓުން ނިންމާފައިވަނީ އިލްޔާސްއާ މެދު އެ ޕާޓީގެ މެންބަރުން ދެކޭ ގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ. މި ވޯޓުގައި ޕާޓީގެ އާންމު މެންބަރުން އިލްޔާސް އަށް "އާއެކޭ" ބުނާނެ ކަމަށް ޑިމޮކްރެޓުންގެ އިސް ބޭފުޅުން ވިދާޅުވެ އެވެ.