އިލެކްޝަންސް ކޮމިޝަން

ބޭރުގެ އަށް ގައުމެއްގައި ވޯޓު ފޮށި ބަހައްޓާ، އޮބްޒާވްކުރުމުގެ ދައުވަތު 15 ގައުމަކަށް

ރިޔާސީ އިންތިހާބުގައި ބޭރުގެ އަށް ގައުމުގައި ވޯޓު ފޮށި ބަހައްޓަން ނިންމާ އިންތިހާބު އޮބްޒާވް ކުރަން 15 ގައުމަކަށް އިލެކްޝަންސް ކޮމިޝަނުން ދައުވަތު ފޮނުވައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވި ގޮތުގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވަނީ އިންޑިއާ، ސްރީލަންކާ، ސިންގަޕޫރު، މެލޭޝިއާ، ތައިލެންޑް، ޔޫއޭއީ، ޖަޕާން އަދި އިނގިރޭސިވިލާތުގަ އެވެ.

ވޯޓު ފޮށި ބަހައްޓާނީ މަދުވެގެން 150 މީހުން ރަޖިސްޓްރީ ކުރުމުން ކަމަށް ހަބީބް ވިދާޅުވި އެވެ.

މީގެ އިތުރުން ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބު އޮބްޒާވްކުރުމުގެ ދައުވަތު 15 ގައުމަކަށް ދީފައިވާ ކަމަށް ހަބީބް ވިދާޅުވި އެވެ.

އިންތިހާބު އޮބްޒާވްކުރަން ދައުވަތު ދިން ގައުމުތައް

  • ޖޯޖިއާ - ސެންޓްރަލް އިލެކްޝަންސް ކޮމިޝަން އޮފް ޖޯޖިއާ
  • ފިލިޕީންސް - އިލެކްޝަންސް ކޮމިޝަން އޮފް ފިލިޕީންސް
  • އިންޑޮނޭޝިއާ - ޖެނެރަލް އިލެކްޝަންސް ކޮމިޝަން އޮފް އިންޑޮނޭޝިއާ
  • ތައިލެންޑް - އިލެކްޝަން ކޮމިޝަން އޮފް ތައިލެންޑް
  • ސައުތު ކޮރެއާ - ނޭޝަނަލް އިލެކްޝަން ކޮމިޝަން އޮފް ދި ރިޕަބްލިކް އޮފް ކޮރެއާ
  • ސައުތު އެފްރިކާ - އިލެކްޝަން ކޮމިޝަން އޮފް ސައުތު އެފްރިކާ
  • ކިރްގިސްތާން - ސެންޓްރަލް ކޮމިޝަން އޮފް އިލެކްޝަން އެންޑް ރިފެރެންޑާ އޮފް ކިރްގީޒް ރިޕަބްލިކް
  • ހަންޑްރަސް - ކޮންސީޖޯ ނޭޝަނަލް އިލެކްޓޯރަލް (ސީއެންއީ)
  • ސްރީލަންކާ - އިލެކްޝަންސް ކޮމިޝަން އޮފް ސްރީލަންކާ
  • ބޮސްނިއާ އެންޑް ހާޒެގޯވިނާ - ސެންޓްރަލް އިލެކްޝަން ކޮމިޝަން އޮފް ބޮސްނިއާ އެންޑް ހާޒެގޯވިނާ
  • އޮސްޓްރޭލިއާ - އޮސްޓްރޭލިއަން އިލެކްޓޯރަލް ކޮމިޝަން
  • ޖޯޑަން - އިންޑިޕެންޑެންޓް އިލެކްޝަން ކޮމިޝަން
  • ކެނެޑާ - ކެނެޑާ އިލެކްޝަންސް
  • ޖަޕާން - ސެކްރެޓްރިއޭޓް ޓު އިލެކްޝަން އެޑްމިނިސްޓްރޭޝަން ކޮމިޝަން އޮފް ޖަޕާން
  • ނޭޕާލް - އިލެކްޝަން ކޮމިޝަން އޮފް ނޭޕާލް

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ.

އިންތިހާބުގައި 282،755 މީހުންނަށް އަންނަ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެ އެވެ. މީގެ ތެރޭގައި 144،408 ފިރިހެނުންނާއި 138،347 އަންހެނުން ހިމެނެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް މިހާތަނަށް އިއުލާންކޮށްފައިވަނީ އެމްޑީޕީއާއި، ޕީޕީއެމްއާއި، ޖުމްހޫރީ ޕާޓީއާއި، އެމްއެންޕީ އަދި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރަމުންދާ "ދަ ޑިމޮކްރެޓްސް" އެވެ. މީގެއިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާއި ކުރީގެ ބަންޑާރަނައިބް ޑރ. މުހައްމަދު މުނައްވަރު ވަނީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.